ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ”ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ“ގެ ނަން ”މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް“ އަށް ބަދަލުކުރައްވައި، ”ޓްރާންސްޕޯޓް އޮތޯރިޓީ“ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިދާރާއެއް އުފައްދަވައިފިއެވެ.

އަދި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ”އެންވަޔަރަންމަންޓް ރިސަރޗް ސެންޓަރ“ އާއި ”މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ“ އުވާލައްވައި، މިދެތަނުން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތައް ކުރެއްވުމަށްޓަކައި، ”އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ“ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީއާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ގުޅިފައިވާ އަމިއްލަ ޙައިޘިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.