ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަސްމާދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގައި ބައެއް އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ދިމާވަމުންދާ ދަތިތަކާއި، އުމްރާނީ ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި، ރަށުގެ ސިއްހީ މަރުކަޒުގައި ބައެއް ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ނެތުމާއި، ރަށުން ބައެއް ބޭސް ލިބުން ދަތިކަން ރަސްމާދޫ ކައުންސިލް މެންބަރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާއި، ރަށުގައި ހުރި ޒުވާނުންގެ މަރުކަޒުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް މިއަދުގެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.