ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައި މައިގަނޑު 4 ދާއިރާއަކުން އެހީތެރިވެދިނުމާބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުން އޮތީ އިޓަލީވިލާތުގެ ބައެއް ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދެވެ. އިޓަލީވިލާތުގެ ފަރާތުން ސޮއި ކުރެއްވީ، އަންޑަރ ސެކްރެޓެރީ އޮފް ސްޓޭޓް ޑޮކްޓަރ އެޑޮލްފޯ އުރުސޯއެވެ.

މި 4 ދާއިރާއަކީ، ފަތުރުވެރިކަމާއި، ޞިއްޙަތާއި، ވިޔަފާރިއާއި، އަސާސީ ޚިދްމަތް ފޯރުވައިދިނުމުގެ ދާއިރާއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތެލަސީމިއާ ސެންޓަރެއް ހިންގުމަށް އެހީތެރިވެދިނުމާއި، ޓެލެމެޑިސިންގ ވިޔުގައެއް ޤާއިމުކުރުމާއި، އަދި އިޓަލީވިލާތުގެ ފަތުރުވެރިން ރާއްޖެއަށް އަހުލުވެރިކުރުވުމާއި، އިޓަލީގެ އެކި އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި، ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ޕާލަމެންޓުގެ ރައީސް ޑޮކްޓަރ ޖިއަންފްރެންކޯ ފިނީއާވެސް މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޒަމާނީ ފުރިހަމަ ޑެމޮކްރަސީއެއް ގެންނެވުމަށް މިވޭތުވެދިޔަތާނގައި ކުރެވުނު މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އިޓަލީގެ ކޮންފެޑެރޭޝަން އޮފް ސްމޯލް އެންޑް މީޑިއަމް ބިޒްނަސްގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ވަފްދުގެ ބޭފުޅުން މަޢްލޫމާތު ދެއްވިއެވެ.

އިޓަލީގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

އިޓަލީވިލާތުގެ ލަޒިއޯ ސަރަޙައްދުގެ ސަރުކާރާއެކު ތަފާތު ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ރޭ ސޮއި ކުރެއްވިއެވެ.