ރައީސުލްޖުމްހޫރިއޔާގެ ނައިބު ފައިޞަލް ނަސީމް، ޖަރުމަނު ވިލާތުގެ ބަރލިންގައި ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ބަރލިން ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން އެ ފެއާގައި ހިމެނޭ ދިވެހި ބައިވެރިންގެބައި ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރު ދިވެހި ބައިވެރިންނަށް ފެއާ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ފަރާތުން ފެއާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ހުށައެޅުންތައް ބައްލަވާލައްވައި، މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ.

މީގެ އިތުރުން ފެއާގެ ތެރޭގައި، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރ ހިޒް އެކްސެލެންސީ އޭ. އީ. އަމަރަތުންގާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާއި، ބޭރު ދުނިޔޭގެ މަސްލަހަތު ހުރި ކަންކަމުގައި ފައިދާކުރަނިވި މަސައްކަތްތަކެއް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އައި.ޓީ.ބީ ފެއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގެންފައިވަނީ ރާއްޖޭން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. އައި.ޓީ.ބީ ބަރލިންގ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާރކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަހަރުގެ އައި.ޓީ.ބީ. ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 105 ކުންފުންޔަކުން 270 މީހުން ބައިވެރިވެފައިވެއެވެ.