بســم اللّـه الرّحمـن الرّحيــم 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި  އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ދައުލަތުގެ ވަޒީރުން، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.


މިރޭގެ މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މިއަދު ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހީންގެ މާދަރީ ބަހުގެ އަހުލުވެރީންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ވަކިން ޚާއްޞަކޮށް، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

 

ހަމަ މި ނޭވާގައި، އަޅުގަނޑު މި ޖަލްސާއަށް އައުމުން، ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި އެކަމުގައި ބައިވެރިވި ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކު ޝުކުރު ދަންނަވަން. 


ބައިނަލްއަޤްވާމީ ފެންވަރުގައި، ކޮންމެ އަހަރަކު މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައެޅީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ، ވަރަށް ގިނަ މާދަރީ ބަސްތަކާއި ވެހި ބަސްތައް މި ދުނިޔެ ދޫކޮށްފައިވާތީ. އަދި ބައެއް ބަސްބަސް ނެތިދާނެކަމުގެ ބިރު މިހާރުވެސް އުފެދިފައިވާތީ.


މީގެ އިރުކޮޅެއް ކުރިން، އަޅުގަނޑުމެންނަށް އަޑުއިވިގެން އެދިޔައީ، ޒާޔާ އަހްމަދު ކިޔައިދިން ވަރަށް ރީތި ވާހަކައެއް. ޒާޔާގެ އެ ހުނަރުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، މާދަރީ ބަސްތަކާއި ވެހިބަސްތައް ދިރުވައި އާލާކުރުމަށްޓަކައި އައު އުފެއްދުންތަކުގެ ބޭނުންހިފުމުގެ މުހިއްމުކަން.


ލޯފަން ކުދީންނަށް ތާނަ އަކުރުން ލިޔެކިޔޭނެގޮތް ފަހިކޮށްދިނުމަށްޓަކައި، ތާނަ ބްރެއިލް އީޖާދު ކުރެއްވި އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރަށް ވަރަށް ޚާއްޞަ ޝުކުރެއް، މި ފުރުޞަތުގައި ދަންނަވަން. އެއީ ދިވެހި ބަހާއި، ބަހުގެ އަދަބިއްޔާތު ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހަށް، އޭނާ ކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއް.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތާނަ ބްރެއިލްއަކީ، ދިވެހި ބަހުގެ އަދަބިއްޔާތުގެ އެކި ވާދީތަކަށް ޒިޔާރަތް ކުރުމަށް، ލޯފަން ކުދީންނަށް ލިބުނު މިޞްރާބު ރަނގަޅު ސަވާރީއެއް. އޭގެ ސަބަބުން، ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމުގެ ފުރުޞަތު އެކުދީންނަށްވެސް ލިބިގެންދާނެ.

 ތާނަ ބްރައިލް މިހާރަށްވުރެ ފުޅާކޮށް، ވީހާ ގިނަ ބަޔަކަށް އޭގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް އަޅުގަނޑު އެދެން. މިއީ ގިންތީގެ ތަފާތުތަކާއި މިންތީގެ ތަފާތަށް ބެލުމެއްނެތި ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، މި ސަރުކާރުން ތަރުޙީބުދޭނެ ކަމެއް.


އިންސާނުން މޮށެއުޅޭ ބަހަކީ، އެބައިމީހުންގެ ޙަޟާރަތާއި ތަހުޒީބީ އަރުތަތައް، ފަހުގެ ޖީލުތަކަށް ގެންގޮސްދޭ މައި އުޅަނދު. ކޮންމެ މުޖްތަމަޢަކާ ލާމެހިފައިވާ، އެތަނެއްގެ ވެހި ބަސްބަހަކީވެސް، ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް. އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް.


މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމުގެ އަނެއް މަޤްޞަދަކީ، ގިނަބައްސަ ތަޢުލީމު އަދި ބަހަވީ ސިންދަފާތު  ޢާންމުކޮށް ފެތުރުމާއި ތަރައްޤީކުރުން. ސަބަބަކީ، ތަޢުލީމަކީ ތަރައްޤީގެ މައި ހަކަތަ ކަމަށްވެފައި، އެ ހަކަތަ ދަމަހައްޓައިދޭ ކާނާއަކީ، އެބަޔަކު މޮށެއުޅޭ މާދަރީ ބަސް ކަމުގައިވާތީ.

 

 ޔުނެސްކޯއިން ކަނޑައެޅި، މިއަހަރުގެ މާދަރީ ބަހުގެ ޝިޢާރަކީ؛

Indigenous languages matter for development, peace building and reconciliation.


އާދެ، މާނައަކީ "ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމުކުރުމަށާއި ޞުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިންމު."


މިޝިޢާރުން އެނގޭގޮތުގައި، އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސް. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީވެސް މާދަރީ ބަސް.


މި އުޞޫލުން ބަލާއިރު، ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު. ނަމަވެސް، ތަރައްޤީގެ ފަހަތުން އިންސާނުން ހޭރިޔާކުރާއިރު، ތަރައްޤީގެ މޯހިރަށް މާދަރީ ބަސް ދޫކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ބަސްބަހާއި ބަހުރުވަތައް މިހާރުވެސް ވަނީ، ނޭވާހޮޅިއަށް އެޅިފައި.


ޔުނެސްކޯގެ [އެޓްލަސް އޮފް ދަ ވާރލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރ]ގެ އެންމެފަހު އިޞްދާރުގައި ބުނެފައިވާ ގޮތުން، 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައި. އަދި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދުގައި ނެތި ގޮސްފައި. އިންސާނުން މޮށެއުޅޭ 6000 އަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން ތަޢުލީމީ ނިޒާމާއި، ޢާންމު ޚިދުމަތުގައި އަހަންމިއްޔަތުކަން ދެވޭނީ ވަރަށްމަދު ބަސްބަހަށް. އަދި ޑިޖިޓަލް ވިއުގަގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށްވުރެވެސް މަދުބަސް. މިއިން އެނގެނީ އެފަދަ ބަސްބަހުގެ މާ އުޖާލާ ކުރިމަގެއް ނެތްކަން. 


ބަހެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ބަހަކުން ލިޔެކިޔުމާއި، ލިޔެކިޔާން ބޭނުންކުރާ އަމިއްލަ އަކުރު. އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މާދަރީ ބަހަކީ، އެ ދެ ނަސީބުވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއް. އެހެންކަމުން، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަންޖެހޭނީވެސް އަޅުގަނޑުމެން ދިވެހިން.


ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި  ދިވެހި ބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކެން.


ތަޢުލީމީ މަރުޙަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް.


ދިވެހި ބަހުގެ ޤާނޫނެއް އޮންނައިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް. އެގޮތުން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރައްވަމުން.


ދިވެހިބަހުގެ ދިރާސާތަކާއި، ބަހުގެ ޢިލްމު ކުރިއަރުވާން ބޭނުންވާ މަޢުލޫމާތުތައް، ފަސޭހައިން ލިބިދިނުމަށްޓަކައި، ޤައުމީ ބަސްމާފާނެއް ނުވަތަ ލޭންގުއޭޖު ކޯޕަސްއެއް، ޤާއިމުކުރުމުގެ މަސައްކަތްވެސް ބަހުގެ އެކެޑަމީން މިހާރު ވަނީ ފަށްޓަވާފައި.


ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި ކުޑަކުދީންނަށް ޚާއްޞަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިނިސްޓްރީ އޮފް އާޓްސް އިން މިހާރުވެސް ކުރެވިދާނެ ކަމެއް.


އޭގެ އިތުރުން ކުޑަކުދީންނާއި ފުރާވަރު ކުދީންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަކީވެސް ކުރެވިދާނެ ކަމެއް. ބަހުގެ އަދަބުގެ ޢިލްމު އުނގެނޭނެ ފޮތްތައް އުފެއްދުމާއި، ރާއްޖޭގެ އެކި ބަހުރުވަތަކުގެ އަދަބީ ބަސްފޮތްތައްވެސް އެކުލަވައިލުން ވަރަށް މުހިއްމު.


ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް. ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިއްމު ކަމެއް. މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިން ކަމަށްވާތީ، ހުރިހާ ނޫސްވެރިންވެސް، މިކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަން.


ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފަންކުރުވާ އެއްޗަކަށްވާއިރު، ތަރައްޤީގެ ވިސްނުން އެކަކުގެ ފަރާތުން އަނެކާއަށް ފޯރުވައިދިނުމުގެ މެދުވެރިޔަކީ، އެބަޔަކު މޮށެ އުޅޭ ބަސް. އަދި ސިކުނޑީގައި އުފެދޭ ވިސްނުންތައް، ޙަޤީޤަތަކަށް ހަދައިދިނުމުގެ އެންމެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަނީ އެބަޔަކު ލިޔެއުޅޭ އަކުރުގެ ޒަރީޢާއިން.


އެހެންކަމުން، އެބައެއްގެ މާދަރީ ބަހަށް ލޯބިކޮށް، އެ ބަހެއް ދިރުވައި އާލާކުރުމަކީ، ކުރިއަރައި ދިޔުމަށް އެދޭ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަކީވެސް އަޅުގަނޑުމެންގެ މާދަރީ ބަހަށް ލޯބިކުރާ އަދި މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރާ ބައެއް ކަމުގައި ވާންޖެހޭނެ.

 

މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާއިރު ދިވެހިބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތަޢުލީމީ މަރްޙަލާތަކުގައި ދިވެހިބަހަށް އިސްކަންދީ، ޤަދީމީ ދިވެހިބަސް ދިރާސާކޮށްގެން. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އައު ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ އޭރުން. އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާމެދު ފަޚްރުވެރިވާ ފަދައިން، ދިވެހިބަހާމެދުވެސް ފަޚްރުވެރިވާންޖެހޭނެ. މި ދިވެހި ދައުލަތުގެ އެކި ޒަމާންތަކުން ފިރުކެމުން މި ޒަމާނާ ހަމަޔަށް އައީ ދިވެހިބަސް ކޮނޑުގައި އަޅައިގެން. 

 

ވީމާ، ދިވެހި ދައުލަތުގެ މުސްކުޅިކަމާމެދު އުފެދޭ ފަޚްރުވެރިކަމަކީ ދިވެހިބަހާމެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައި ވާންޖެހޭނެ. 


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މާދަރީ ބަސް ރައްކާތެރިކޮށް ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤް މާތް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ތުއްތު ދަރީންނާއި ޒުވާނުންނަކީ ދިވެހި ބަހަށް ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.


والسّلام عليــكم ورحـمــة اللّـه وبـركاتـه.