ސްކައުޓް ޙަރަކާތަކީ، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި އަދި ރަނގަޅު ހަރުދަނާ މީހަކަށްވުމަށްޓަކައި ކޮންމެހެން ހިންގަންޖެހޭ ވަރަށް މުހިންމު ޙަރަކާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން މިރޭ ޣިޔާޘުއްދީން ސްކޫލްގައި ބޭއްވެވި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖް ދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ބެޖާއި ސެޓްފިކެޓް، ސްކައުޓުންނަށް ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖް ޙާޞިލުކުރީ، 24 ދަރިވަރެކެވެ. އެއީ މަޖީދިއްޔާ ސްކޫލްގެ 11 ދަރިވަރަކާއި، ދަރުމަވަންތަ ސްކޫލްގެ 13 ދަރިވަރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކައުޓް ޙަރަކާތުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލައްވަމުން، އެ ޙަރަކާތް ޙަޤީޤަތުގައި އަމާޒު ކުރަނީ، އަޅުގަނޑުމެންގެ ޙަޔާތާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުސްތަޤްބަލް ބިނާކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އެ ސްކައުޓް ޙަރަކާތަކީ، އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނުކުންނަ ޙަރަކާތެއްކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖް ޙާޞިލުކުރި ހުރިހާ ކުދިންނަށް ތަހުނިޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެކުދިން އެގެންދަނީ، މިރާއްޖޭގެ މުސްތަޤްބަލް ބިނާކުރަމުންނެވެ. ރަނގަޅު އަދި ބޭނުންތެރި ރައްޔިތުން އުފެދިގެން އަންނަނީ، ސްކައުޓްގެ ޙަރަކާތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ހުރިހާ ކުދިންވެސް ސްކައުޓް ޙަރަކާތަށް އަހަންމިއްޔަތުކަންދޭނެ ކަމަށާއި، ހުރިހާ މަދަރުސާތަކެއްގައިވެސް ސްކައުޓްގެ ޙަރަކާތް ހިންގެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

މި ރަސްމިއްޔާތުގައި މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ޗީފް ކޮމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލިމަނިކެވެ. ސްކައުޓް ވަޢުދު، އާކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ. ސްކައުޓް ވަޢުދު އާކޮށްދެއްވީ، ސްކައުޓް ލީޑަރ ސައިފް އަޒުހަރެވެ.

މި ރަސްމިއްޔާތު ތަޢާރުފު ކުރެއްވީ، ސްކައުޓް އެސޯސިއޭޝަންގެ ނޭޝަނަލް ކޮމިޝަނަރ ފޮރ ޕްރޮގްރާމްސް އަލްފާޟިލް ޢާރިފް ރަޝީދެވެ. ރައީސުލްޖުމްހޫރިއްޔާގެ ބެޖް ލިބުނު ސްކައުޓުންގެ ފަރާތުން ވާހަކަ ދެއްކީ، ޙުސައިން މުޙަންމަދު ޙަނީފެވެ.