ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮސް ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވިއެވެ. މިގޮތުން، ރަށުގެ ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. 

މީގެއިތުރުން ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެއިތުރުން ސުކޫލަށާއި ޞިއްޙީ މަރުކަޒަށް ދަތިވާ ބައެއް ކަންތައްތައް ކައުންސިލުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާނމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮސް ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.