ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށްވީ ހިނދު، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށާއި، މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު، ހަރުދަނާ، ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޤާނޫނު އަސާސީން، ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްކަމަށާއި އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމުގައެވެ. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށްދެއްކެވި ވާހަކަފުޅުގައި މި ފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެ ކަމުގައެވެ. އަދި، މިއިން ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްޢޫލިއްޔަތުގެ މަތިވެރިކަމާއި ޢަދުލުވެރިކަމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.