މިއަދު މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤަޟާއީ އަހަރު 2019 އިފްތިތާހު ކުރުމަށްޓަކައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީވެސް ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތްކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ނުޙައްޤުން ވަޒީފާއިން ވަކިކުރި މީހުންނަށް، ވަޒީފާ އިޢާދަކޮށްދިނުމުގެ މަސައްކަތާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލައި، ޙަޤީޤަތް ދެނެގަތުމުގެ މަސައްކަތާއި، ކޮރަޕްޝަން ހިމެނޭ ގޮތަށް ބޭއިންޞާފުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައް އަލުން ބަލައި ދިރާސާކުރުމުގެ މަސައްކަތާއި، ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮތީ، ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުން. އިންތިޤާލީ އިންސާފު ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. އެ ނޫން އެހެން އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. މިކަމުގައި ހަމަ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފަނޑިޔާރުން ޢައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މަޤާމުގެ ހައިސިއްޔަތުން، މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން، އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މަތިމައްޗަށް ދެ ހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާންޖެހޭނީ ޖޭ.އެސް.ސީ ގެ މެންބަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތައް ނޫން ކަމަށާއި، ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަން ކަމުގައި ވިދާޅުވިއެވެ. އަދި، ފަނޑިޔާރުންނަކީ، އެބޭފުޅުންގެ ކޮނޑުފުޅުގައި، ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއް ކަމަށާއި، ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ ފަނޑިޔާރުގޭގެ ނިންމުންތަކާކަން އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.

"ފަނޑިޔާރުގެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއް ނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަންކުރެވޭ ބައެއް. އެހެންކަމުން، މިދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.