بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީން، އަދި މެޖިސްޓްރޭޓުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ހިނގަމުންމިދާ 2019 ވަނަ އަހަރަށް، ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ހަމަ އެފަދައިން، ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.
މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ، ޒަމާނީ ޑިމޮކްރެސީ، އެ މައްޗަށް ބިނާވެފައިވާ، އެންމެ މުހިންމު ރުކުން. ޑިމޮކްރެސީއެއްގެ އަމާޒަކީ، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުން. ހެޔޮ ވެރިކަމެއްގެ ބޭނުމަކީ، އެއްވެސް އިސްތިސްނާއެއް ތަފާތުކުރުމެއްނެތި، ކޮންމެ ރައްޔިތަކަށްމެ، އެމީހެއްގެ ޙައްޤުތައް ލިބިދިނުން.
އެކަން ޙާޞިލުވެގެން މިދަނީ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުން. މީގެކުރިން ރާއްޖޭގައި ޢަމަލުކުރަމުން އައި ޤާނޫނުއަސާސީތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުވެސް އޮންނަނީ، ތަންފީޒީ ބާރުގެ ތެރޭގައި. ފަނޑިޔާރުގޭގެ ނިންމުންތަކުގައި، އެންމެފަހު ބަސް ބުނުމުގެ ބާރުވެސް އޭރު އޮންނަނީ، ތަންފީޒީ ބާރުގެ އެންމެ އިސް ވެރިޔާއަށް.
ނަމަވެސް މިހާރުގެ ޤާނޫނުއަސާސީގައި ފަނޑިޔާރުގެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއްނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަނު ކުރެވޭ ބައެއް. އެހެންކަމުން، މި ދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން.
ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާއެކު ހިންގޭނެ ގޮތަށް. އެހެންވީމާ، ފަނޑިޔާރުގޭގެ ކޮންމެ ކަމެއްވެސް ހުންނަންވާނީ، އެކަމަށް ބުރޫނާރާނެފަދަ ގޮތަކަށް.
ސަރުކާރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ޙައްލުކުރުމަށް ދާން އޮތް ތަނަކީ ފަނޑިޔާރުގެ. ހަމައެފަދައިން ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް، ޢަދުލުވެރި ޙައްލެއް ހޯދުމަށް ދާން އޮންނަ ތަނަކީވެސް ހަމަ އެއީ.
މިއީ ރައްޔިތުންގެ ވެރިކަން ހިނގާ ކޮންމެ ޤައުމެއްގައިވެސް، ދައުލަތުގެ ބާރުތައް ތަރުތީބުކުރެވި އިންތިޒާމު ކުރެވިފައި ހުންނަ ގޮތް. މި ރާއްޖޭގައިވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މި އޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަންވާންޖެހެނީ މި ސަބަބަށްޓަކައި.
މިރާއްޖޭގައި މިއޮތީ ރައްޔިތުންގެ ފަރާތުން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް. ޤާނޫނުއަސާސީ އެކުލަވައިލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް. އެހެންކަމުން، ފަނޑިޔާރުންނަކީވެސް ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރެވެންޖެހޭނެ ބައެއް.
ޝަރީޢަތްތައް ހިންގާންވާނީ، ޢާންމުކޮށް ހުޅުވާލައިގެން ހާމަކަމާއެކު ބާއްވާ އަޑުއެހުންތަކެއްގައި ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ބުނެފައި އެ އޮންނަނީވެސް މި ސަބަބަށްޓަކައި. އެހެންވީމާ، ޝަރީޢަތްތައް ހުޅުވައިލުމަކީ، ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން. އެއީ އިންޞާފު ހޯދަންދާ މީހާގެ ޙައްޤެއް. އެއީ މުޅި މުޖްތަމަޢުގެ ޙައްޤެއް.
ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އަނެއް އުޞޫލަކީ، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބު ދިނުން. ރައްޔިތުންގެ މަޖިލީހަކީ، މިހާރުވެސް އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ އެއް ތަން. ހަމައެފަދައިން ފަނޑިޔާރުގެއަކީވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ.
ރައްޔިތުންގެ ވެރިކަމެއްކުރާއިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ. އެ ތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާންވާނީ، ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް. ސަބަބަކީ ރައްޔިތު މީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކިދޭނީ، އޭނާގެ ޙައްޤެއް ހޯދުމަށް ކަމަށްވާތީ.
ބާރުތައް ވަކިވެ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އަސާސަކީ، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުމެއް. އެކަން ބިނާވެފައި އޮންނަނީ، ފަނޑިޔާރުންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މައްޗަށް.
ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް، އޭނާގެ ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިމްތިޙާނުކުރެވޭ، ވަގުތެއް ނުވަތަ ޙާލަތެއް އަންނާނެ. އެ ޙާލަތުގައި ފަސާދައަށް ނޫނެކޭ ބުނެ، ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ، ނުފޫޒުން އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫން. ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުއްމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންޞާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން. ރައްޔިތުންގެ އެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން، މިވެއަތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ.
އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުގޭގެ ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުން. ދެވަނަކަމަކީ، އެންމެހައި ނުފޫޒުތަކުން ސަލާމަތްވެގެން ތިބެ، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މާޙައުލެއް، ފަނޑިޔާރުންނަށް ޤާއިމުކޮށްދިނުން. މިއީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތައް.
އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން މި އަންނަނީ، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް. އެގޮތުން، ނުޙައްޤުން ވަޒީފާއިން ވަކިކުރި މީހުންނަށް، ވަޒީފާ އިޢާދަކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފައި.
މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލައި، ޙަޤީޤަތް ދެނެގަތުމުގެ މަސައްކަތް، މުޅީން އައު ފެށުމަކުން ފަށައިގެން އެ ދަނީ ކުރިއަށް. ކޮރަޕްޝަން ހިމެނޭގޮތަށް ބޭއިންޞާފުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައްވެސް، އަލުން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.
ހަމައެފަދައިން ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ މަސައްކަތްވެސް، ޚާއްޞަ ކޮމިޝަނެއްގެ ބެލުމުގެ ދަށުން އެ އަންނަނީ ކުރަމުން. އޭގެއިތުރުން، ވަކި ބަޔަކަށް އަމާޒުކޮށް ހަދާފައިވާ ނުވަތަ ބަދަލުކޮށްފައިވާ ޤާނޫނުތައް، އިޞްލާޙު ކުރުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި.
މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮތީ، ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުން. އިންތިޤާލީ އިންޞާފު ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. އެނޫން އެހެން އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. މިކަމުގައި ހަމަ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް އަޅުގަނޑު ނުގެންގުޅޭނަން.
އެހެންކަމުން، މިއަދު މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. މާދަމާ ފެށިގެންދާ [ޖުޑީޝަލް ކޮންފަރެންސް]ގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙު ކުރުމާމެދު މަޝްވަރާ ކުރައްވައި، ބިނާކުރަނިވި ނިންމުންތަކެއް ނިންމަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.
ހަމަ އެއާ ވިދިގެން، މި ހަފުތާ ބަންދުގައި ބާއްވާ ފަނޑިޔާރުންގެ މަހާސިންތާގައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން، ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރައްވައި، މުހިއްމު ގޮތްތަކެއް ނިންމަވާނެ ކަމަށް އުއްމީދު ކުރަން.
ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް. ރައްޔިތުންގެ އުއްމީދުތައް ޙާޞިލުވާނީ، ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން. ރައްޔިތުންގެ ޙައްޤުތައް ގުޅިފައިވަނީ ތިޔަ ފަނޑިޔާރުން އިއްވަވާ ޙުކުމްތަކާ.
ބައެއް ބޭފުޅުންގެ ނަޒަރުގައި، ފަނޑިޔާރުން ޢައްޔަނު ކުރުމާއި، ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތަކީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއް. އެހެންވީމާ، ޖޭ.އެސް.ސީ އެކުލެވިފައިވާގޮތާމެދު ފުންކޮށް ވިސްނައިލެއްވުން ރަނގަޅުވާނެ.
ޖޭ.އެސް.ސީ.ގައި މިހާރު ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ތިން މަރުޙަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް، ބަންޑާރަ ނައިބު، ޤާނޫނީ ވަކީލެއް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އަދި އާންމުންގެ ތެރެއިން މީހަކާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މީހެއް.
މީގެ ތެރެއިން 8 ބޭފުޅުންނަކީ، އެ ބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތުން، މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން. އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން. މަތިމައްޗަށް ދެ ހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާންޖެހޭނީ އެބޭފުޅުން ނޫންތޯ؟
އަޅުގަނޑުމެންނަށް އެތައް ޤާނޫނަކާއި، އެތައް ޤަވާޢިދެއް ހެދިދާނެ. އިތުރު ނިޒާމުތަކެއްވެސް ރޭވިދާނެ. ނަމަވެސް ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ނޫން. ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަން.
ފަނޑިޔާރުންނަކީ، އެބޭފުޅުންގެ ކޮނޑުފުޅުގައި، ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއް. ފަނޑިޔާރުގެއަކަށް މީހަކު ދާނީ، އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ކޮންމެވެސް ޙައްޤެއް އަނބުރާ ހޯދުމަށް. ނުވަތަ ކޮންމެވެސް އަނިޔާއަކުން ނުވަތަ ބޭއިންޞާފަކުން މިންޖު ކޮށްދިނުމަށް އެދިގެން.
އެހެންވީމާ، ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ. ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ. މުޖްތަމަޢުގެ އުފާވެރިކަމާއި ފާގަތިކަން ބިނާވެފައިވަނީ، އެ މުޖްތަމަޢެއްގައި ޢަދުލުވެރިކަން ޤާއިމުވެފައި އޮންނަ މިންވަރެއްގެ މައްޗަށް.
އަނިޔާވެރިކަމާއި ބޭއިންޞާފުގެ ވާހަކަ ދައްކާއިރު އަބަދުވެސް ބުނެ އުޅޭ، ކޮންމެ އިހުމާލަކީ އަނިޔާއެކޭ. އެހެންކަމަށްވާނަމަ، ޙައްޤެއް ހޯދުމަށް ފަނޑިޔާރުގެއަށް ހުށަހެޅުމުން، އެކަމާމެދު އަޅައިލުމެއްނެތި، ތިން ހަތަރު އަހަރު ވަންދެން މައްސަލަ ބާއްވާއިރު، އެއަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެބާވައޭ، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ.
ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރިއާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް.
ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމާ ބެހޭގޮތުން، 2014 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީން ހެދި ސާރވޭއިން ދައްކާގޮތުގައި، ރައްޔިތުންގެ ގާތްގަނޑަކަށް 71 އިންސައްތަ މީހުން ބޭނުންވަނީ، ކޯޓުތަކަށް ނުގޮސް މައްސަލަތައް ޙައްލުކުރަން. ސަބަބަކީ ކޯޓުތަކަށް އިތުބާރު ނުކުރެވުން. އެއީ އިންޞާފު ލިބޭނެކަމުގެ އިތުބާރު ނެތުން. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވޭނެ ކަމުގެ އިތުބާރުވެސް ނެތުން.
އޭގެފަހުން މިވެއަތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޝަރުޢީ ނިޒާމުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތް، އަޅުގަނޑަށްވުރެ މާ ރަނގަޅަށް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާދަމާ ފެށޭ [ޖުޑީޝަލް ކޮންފަރެންސް]ގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ތާވަލު ކުރައްވާފައިވަނީވެސް، ރައްޔިތުންގެ އިތުބާރު އަލުން ހޯއްދަވަންޖެހޭކަން ގަބޫލުކުރެއްވޭތީ ކަމަށް އަޅުގަނޑަށް ޔަޤީން.
ފަނޑިޔާރުގެ އިޞްލާޙުކޮށް، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މަގު ކޮށުމަކީ، އަޅުގަނޑުގެ ރިއާސީ ވަޢުދެއް. މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން އެ ވަޢުދު ފުއްދާނެ. އަޅުގަނޑުމެން އެކަން ކުރާނީ، ޤާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާވެސް ހޯދައިގެން.
އަޅުގަނޑު އުއްމީދުކުރާ ގޮތުގައި، މިއަދު މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައިވެސް، ފަނޑިޔާރުގެތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުންގެ އިތުބާރު ހޯދުމަށް. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ރައްޔިތުންގެ މައްޗަށް އޯގާތެރި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. މި ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި ކާމިޔާބީ މިންވަރު ކުރެއްވުން. މި ރާއްޖެއަށް ކުރިއެރުން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه.