ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.                   

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވިއެވެ. މިގޮތުން، ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.