މީޑިއާގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ މީޑިއާގެ ތަރައްޤީއަށް އެކައުންސިލުން ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވައިފައެވެ. އަދި މީޑިއާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މޯލްޑިވްސް މީޑިޔާ ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވައިފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ އަބުރުގެ ޤާނޫނު އުވާލުމުން ދިވެހި މީޑިއާއަށް ލިބިގެން ދިޔަ މިނިވަންކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުގެ މެންބަރުން ވަނީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް އެ ކައުންސިލުން އެކުލަވާލައި ތައްޔާރުކުރި "އަލިމަސް" ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.