بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.  މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޢާއިޝާ ޚަލީލާ، ކޮލެޖްތަކުގެ އިސްވެރިން، ހުރިހާ ދަރިވަރުން، ޙާޒިރުވެ ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛ 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ލިއްބައިދޭ ދުވަހެއް. މި ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންވީ ވަޢުދުތަކުގެ ތެރެއިން ވަރަށް މުހިއްމު ވަޢުދެއް ފުދިގެންދާ ދުވަހެއް. ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކަމެއް ކޮށްދެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އަނެއްކާވެސް އިޙްސާސް ކުރެވޭ.  

ތަޢުލީމު ހާސިލުކުރުމަކީ، މި ޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއްނޫން. މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ، ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި. ވަކިން ޚާއްޞަކޮށް، ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި، އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ތަޢުލީމު އުނގެނިގެން ތިބޭ ޒުވާނުން.

 އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މި ކުރާ ކަމަކީ، ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް. ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީވެސް ތަރައްޤީގެ އެންމެ މުހިއްމު އަސާސަކީ، ތަޢުލީމީ ޖީލެއް ބިނާކުރުން ކަމުގައިވާތީ. މި ސަބަބަށްޓަކައި މި އަހަރުގެ ބަޖެޓުގައިވެސް އެންމެމަތީ އިންސައްތައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ ތަޢުލީމީ ދާއިރާއަށް. އެއީ 3.4 ބިލިއަން ރުފިޔާ. އެހެންނަމަވެސް، އެހެން އެއްވެސް ދާއިރާއަކަށް ބަޖެޓުގެ މިހާ މަތީ މިންވަރެއް ޚާއްޞަކުރެވިފައެއް ނުވާނެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބަޖެޓުގެ މިހާ މަތީ މިންވަރެއް ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. 

މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށްޓަކައި މީގެކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާފަދަ ރަނުގެ ފުރުޞަތެއް. ތިޔަ ހުރިހާ ދަރިވަރުންވެސް މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް އަޅުގަނޑު އުއްމީދު ކުރަން.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެބޮޑު އެއް މަޤްޞަދަކީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށްދިނުން. މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކުލީފެއްނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.

ސަރުކާރުގެ ދެ ޔުނިވަރސިޓީގެ ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދާނެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ  ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށްމަތީ އިންސައްތައެއް ދައުލަތުން ދައްކައިދޭނެ. ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީވެސް މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ.  

މަތީ ތަޢުލީމާ ކުރިމަތިލާ ޒުވާނުންގެ އަދަދު އަންނަނީ، އަހަރުން އަހަރަށް އިތުރުވަމުން. ސަރުކާރުގެ ދެ ޔުނިވަރސިޓީއާއި، އަމިއްލަ ކޮލެޖްތަކުގައި މިހާރުވެސް އަށްހާހަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އެބަދޭ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރްޞަތާއެކު މި އަދަދު، ނުވަހާހާ ދިހަހާހާ ދެމެދުގެ އަދަދަކަށް އިތުރުވާނެކަމުގެ އަންދާޒާއެއް ކުރެވޭ.

ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ ހާސިލު ކުރުމުގެ ފުރުޞަތު މިއަދު ހުޅުވިގެންދާއިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް މިހާރު ވާނީ ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައި. އެއީ އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދެއްކުމުގެ މުއްދަތު ފަންސަވީސް އިންސައްތައަށް އިތުރުކޮށްދިނުން. 

ފުރަތަމަ ޑިގްރީ ހާސިލުކުރަން ބޭނުންވެ، އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔަ ޒުވާނުން މި ހުރިހާ ދުވަހު ތިބި މާޔޫސްކަން މާތްﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މިދިޔައީއޭ. އެހެންވީމާ، މި އަގުބޮޑު ފުރުޞަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިޔަކަށް ވުމަށް ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވާލަން.

އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް. ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން އެ މުޖުތަމަޢެއް ކުރިއަރައި ދިޔުމެއް ނޫނޭ. ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެކޭ.

އެހެންވީމާ، ޤައުމު ތަރައްޤީވާން ބޭނުންނަމަ، އެންމެ ފުރަތަމަ ތަރައްޤީ ކޮށްދޭންޖެހެނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. އަޅުގަނޑުމެން ތަރައްޤީ ކުރެވޭތޯ މި ބަލަނީ މި ޤައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ތިޔަ ޒުވާނުން. މާދަމާ މި ޤައުމު އޮންނަންވީ ގޮތުގެ ތަޞައްވުރު މިހާރުއްސުރެ ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާ ކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން. އޭރުން ދަސްވެނިމިގެން ނުކުންނައިރު، ތިޔަ ޒުވާނުން ތިބޭނީ ޤައުމީ ޚިދުމަތަށް ފައްކާވެފައި.

ޤައުމީ މައްސަލަތަކާމެދު މަޝްވަރާކޮށް، ބަސް ބުނެވޭވަރަށް ތިޔަ ދަރިވަރުންގެ ސިކުނޑިތައް ހުންނާނީ ފުރާފުރިހަމަވެފައި. ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާފަދަ ވިސްނުންތަކެއް އުފަންކުރެވޭނީ، ތިޔަ ދަރިވަރުންގެ ސިކުނޑިތައް ޢިލްމީގޮތުން ރޯފިލައިގެންދާ މިންވަރަކުން.  

މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުޞަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އުފެއްދުންތެރި ޢިލްމީ ބަޔަކަށްވުމަށް. މި ފުރުޞަތުގެ ސަބަބުން މަތީ ތަޢުލީމު ހާސިލުކުރާ ޒުވާނުން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ތަޢުލީމީ ޤާބިލު ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަން އަޅުގަނޑަށް ޔަޤީން.

މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޢިލްމު އުނގަންނައިދިނުމަށް ޚާއްޞަ އިސްކަމެއް ދީފައިވަނީ، އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ހާސިލު ކުރުމަށްޓަކައި. އެއީ ދިވެހި ޒުވާނުންނަކީ ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަށް.

މިއީ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް. ސަރުކާރުގެ އަމާޒަކީ، މާލީގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން. މުސްތަޤްބަލުގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ޢިލްމަށް ލޯބިކުރާ، އަދި ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމުގައި މާތްﷲ ލެއްވުން. ދިވެހި ޒުވާނުންނަކީ ޤައުމަށް ތެދުވެރި، ވަފާތެރި އަދި އިޚްލާޞްތެރި ބައެއް ކަމުގައި ލެއްވުން. ޤައުމުގެ ޒުވާނުންނަށް ޢިލްމާއި ކުރިއެރުން ހޯދައިދިނުމަށް މި ކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވައި، ކާމިޔާބީއާއި ކުރިއެރުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.