"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ސޮއި ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ޓްރީޓީގެ ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާޢީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ. ކޯޓަށް ހާޟިރުކުމުގައާއި، ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުޢީ ކަންކަމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އަދި މިފަދަ މުޢާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުޤީޤުކުރުމަށް ދެޤައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށް ބާރުއެޅުމެވެ. ޓެރަރިޒަމާއި ޓެރަރިޒަމްގެ ޙަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާޢީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަޙުޤީޤުކުރުމާއި ޝަރީޢަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިޓްރީޓީގެ ވަރަށްބޮޑު ބޭނުމެކެވެ.

މި ޓްރީޓީގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަޙްޤީޤުކުރުމުގައާއި، ޝަރީޢަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

މިޓްރީޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގައި ޤާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން، ޤާނޫނު ނަންބަރު: 2015/2 (ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. މި ޓްރީޓީގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ޚަރަދެއް، މިޓްރީޓީގައި ކަނޑައެޅިގެން ބަޔާންކުރެވިގެންވާ ޚަރަދުތައް ފިޔަވައި، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ޤައުމަކުންނެވެ.

މި ޓްރީޓީގެ ސަބަބުން މިހާރު ޢާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަޙުޤީޤުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުޞަތުވެސް މިޓްރީޓީގެ ދަށުން ފުޅާވެގެންދާނެއެވެ. މި ޓްރީޓީގެ ދަށުން ތަޙުޤީޤުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުޞޫލުތައް ތަރައްޤީކޮށް މިކަމުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި މުޢާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެވެ. އިންޑިޔާގެ އިތުރުން ސްރީލަންކާ، ޔޫ.އޭ.އީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން އެބަ ކުރިއަށް ގެންދަވައެވެ.