ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުލަކަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މުލަކަތޮޅުގެ ރައްޔިތުންނަކީ މައިގަނޑު މަސައްކަތަކަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ރައްޔިތެއްކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި އަތޮޅު ތެރޭގައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ޒުވާނުން އެދާއިރާއަށް އިތުރަށް ޝައުގުވެރިކުރުމަށްޓަކައި ކައުންސިލުން ހުށަހަޅާ ކަންކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްލެއްވިއެވެ.

މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ބިމުގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުށްކުރުން އިތުރުވުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކުރިއެރުމަށާއި ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ އެކިއެކި މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމަކީވެސް ސަރުކާރުން ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތައް ކަމުގައި ވިދާޅުވިއެވެ. އަދި މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި މައްސަލަތައް ހައްލުކުރެއްވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް ވިދާޅުވެ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.