ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ހުރާ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙިއްޞާކުރެއްވިއެވެ. އަދި މެންބަރުން ވަނީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުތުން މިހާރު ރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކައުންސިލް މެންބަރުން ވަނީ ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.