ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ އިސް ދެބޭފުޅުން ކަމަށްވާ ޕާޓީގެ ވައިސް ޗެއަރޕަރސަން މިސްޓަރ ރިޗަރޑް ސްޕްރިންގއާއި، ޝެޑޯ ފޮރިން ސެކްރެޓެރީ މިސްޓަރ ކީތު ސިމްޕްސަން އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮންޒަރވޭޓިވް ޕާޓީން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކުގެ މަޢްލޫމާތު އެދެބޭފުޅުންނަށް ދެއްވައި، ލާމަރްކަޒީ އުޞޫލުން ކަންތައްތައް ހިންގެވުމަށް މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭގޮތުންވެސް ޑޮކްޓަރ ވަޙީދު ވާހަކަފުޅު ދެއްކެވިއެވެ.

ކޮންޒަރވޭޓިވް ޕާޓީގެ އިސް ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ވަރަށް އޮމާންކަމާއެކު ބަދަލުވެގެން ދިޔައީތީ، އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އެކަމަށް ތަޢުރީފް ކުރެއްވިއެވެ. އަދި މިއަދުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.