ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ  ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އޮޅުންފިލުވައި ދެއްވައިފައެވެ. 

އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ބޭނުންނާ ވަޞީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ޙިއްޞާ ކުރެއްވެވިއެވެ. އަދި ރަށުގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވެވިއެވެ. މީގެ އިތުރުން ކައުންސިލް މެންބަރުން ވަނީ މިހާރުގެ ބަނދަރުގައި ދިމާވާ މައްސަލަތައް ބަޔާންކޮށްދެއްވާ އެ ބަނދަރުގެ ސާވޭއެއް ހެދުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. 

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކައުންސިލް މެންބަރުން ވަނީ އެ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށާއި، ނެރުބައްތިއެއް ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުމުންދޫ ސުކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވާކަމަށާއި، ހެލްތް ސެންޓަރުގައި ލެބޯޓަރީ އެއް ނެތުމުން ދިމާވާ ދަތިތައް ޙިއްޞާ ކުރެއްވެވިއެވެ. ހަމަ އެގޮތަށް އެބޭފުޅުން ވަނީ ޞިއްޙީ މަރުކަޒުން މިހާރު ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. 

އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން އެބޭފުޅުން ވަނީ ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްޤީކޮށްދެއްވުމަށާއި، ހަނިމާދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި  ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލައްވަނީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަހައި އެކަންކަން ކައިރި މުސްތަޤްބަލެއްގައި ފަހިކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކުމުންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއަހަރު ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށެވެ.