بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް، ޔޫ.އެން.ޑީ.ޕީ.ގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޢާއިޝަތު ރިޒްނާ، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން، އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިއަދަކީ، ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން، އަޅުގަނޑުމެން ދައްކަމުން މި އަންނަ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެގެންދާނެ ދުވަހެއް. އެއީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ވާހަކަ. ލާމަރުކަޒީ ހިންގުމުގައި އަންހެނުންގެ ދައުރު އިތުރުކުރާ ވާހަކަ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރިގޮތާއި، ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، ދެބަސްވުމެއްނެތި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރާން ޖެހިއްޖެކަން. އެހެން ނޫނިއްޔާ، 2050 ވަނަ އަހަރާ ހަމަޔަށް އަޅުގަނޑުމެން ދާއިރު، ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މި މާލޭގައި.

އެއީ ކުރެވޭނެ ކަމެއް ނޫން، އަދި ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫން. ހަމައެފަދައިން، އިޖްތިމާޢީ އެތައް މައްސަލަތަކެއްވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި، އިޖްތިމާޢީ ގިނަ މައްސަލަތަކުގެ އަސްލަކީވެސް، ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން.

ލާމަރުކަޒީ ނިޒާމަށް 10 އަހަރު ފުރެންދާއިރު، މި ނިޒާމުގެ ތެރެއިން ލޯކަލް ކައުންސިލްތައް ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފި. ކައުންސިލްތަކުގެ ތެރޭގައި، ވަރަށް ރަނގަޅަށް ހިނގާ ކައުންސިލްތައް އެބަހުރި. ހަމައެފަދައިން، އެންމެ އެދެވޭގޮތުގައި ނުހިނގާ ކައުންސިލްތައްވެސް އެބަހުރި.

އެކަން އެގޮތަށް މެދުވެރިވަނީ، ސިޔާސީގޮތުން ލާމަރުކަޒު ކުރެވިފައިވިޔަސް، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް، ތަންފީޒީ މަރުޙަލާގައި، ގިނަ ކަންކަން އަދިވެސް ލާމަރުކަޒު ނުކުރެވޭތީ. އޭގެ ތެރެއިން މި މަހާސިންތާ އަމާޒުކުރެވިފައި މިވަނީ، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް.

ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި، ކައުންސިލަރުންތަކެއް އިންތިޚާބު ކުރުން އެކަންޏެއްނޫން. އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި، މާލީ ބާރުވެރިކަން ދޭންޖެހޭ. ހަމައެފަދައިން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީވެސް ޙަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫން.

ޤާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެނޫން ގޮތަކަށް ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަކީ، ވަރަށް އުނދަގޫ ކަމަކަށް ވާނެ.

މިކަންކަން ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރަންޖެހޭ ވާހަކަ، އަޅުގަނޑުމެން މާކުރިންވެސް މި އަންނަނީ ދައްކަމުން. އެ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަކީ، އަޅުގަނޑުމެންގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މިއީ ސީދާގޮތުން ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ، ޢާންމުންގެ ޚިޔާލު ހޯދައި، ވަރަށް ފުޅާ ދާއިރާއެއްގައި މި އަންނަނީ މަޝްވަރާތައް ކުރަމުން.

ލާމަރުކަޒީ ޤާނޫނު އިސްލާޙު ކުރުމާ ގުޅޭގޮތުން، އަޅުގަނޑުމެން މިހާރު ވާނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަޝްވަރާތަކެއް ބާއްވާފައި. އެގޮތުން ހދ. ކުޅުދުއްފުށްޓާއި،
ށ. ފުނަދޫ، ރ. އަލިފުށި، ކ. ގާފަރު އަދި އައްޑޫ ސިޓީ އާއި މާލޭގައިވެސް އަޅުގަނޑުމެން މަޝްވަރާތައް ބާއްވައިފިން.

ރިޔާސީ ކެމްޕެއިންގެ ތެރޭގައިވެސް އަޅުގަނޑުމެން ރައްޔިތުންނާ އެންމެ ގިނައިން ކުރީ، ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމުގެ މަޝްވަރާތައް. މިހާރުވެސް އަޅުގަނޑުމެން ރަށްރަށަށް މިކުރާ ދަތުރުތަކުގައިވެސް ރައްޔިތުންގެ ޚިޔާލު މި އަންނަނީ ހޯދަމުން. މިހާރުވެސް އަޅުގަނޑަށް އެފަދަ ބައެއް ޚިޔާލުތައް ލިބިފައި އެބަހުރި. އޭގެތެރެއިން ބައެއް ކަންކަން އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލާނަން؛

• ކައުންސިލްތަކަށް ޤާނޫނީ ބާރުދީ، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. މިއީ އެއްކަންތައް.

• ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނުން.

• ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، ދެފުށް ފެންނަ ގޮތަކަށް، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން.

• ރަށާއި އަތޮޅުތަކުގެ އިޚްތިޞާޞްގައިވާ ތަންތަނުންނާއި، ބިންބިމުން ލިބޭ އާމްދަނީ
އެ ކައުންސިލްތަކާ ޙަވާލުކުރުން.

ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން، އަޅުގަނޑުމެންނާ އެންމެ ގިނައިން ކުރިމަތިވަނީވެސް، މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ސުވާލު. މާލީގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ނޫނީ، ލާމަރުކަޒީ ނިޒާމު ފުރިހަމައެއްނުވާނެ. ޙަޤީޤަތަކީވެސް އެއީ. އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުން ނަގާ ފީތަކަކީ، އެ ރަށްރަށުގެ އެފަދަ ޚިދުމަތްތައް ތަރައްޤީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ.

ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމާމެދު ސަރުކާރުން މި އަންނަނީ މަޝްވަރާ ކުރަމުން. ކެމްޕެއިނުގައިވެސް އަޅުގަނޑު ވައުދުވީ ފަދައިން، ގްރީން ޓެކުހުން ލިބޭ އާމްދަނީ ޚަރަދުކުރާނީ، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށާއި، ސާފު ބޯފެނާއި ނަރުދަމާ، އަދި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތްތަކަށް.

ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކޮށް ހިންގުމުގައި، ކައުންސިލްތަކުގެ ބައިވެރިވުން އޮތުމަކީ، އެ މަޝްރޫޢުތައް އަވަސްމިނުގައި ހިންގުމަށް މަގުފަހިވާނެ ކަމެއް. އަދި ރަށުގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް.

ޤައުމީ ތަރައްޤީގެ ޕްލޭނާއި، ސަރުކާރުގެ އެކްޝަން ޕްލޭނާ ފުށުނާރާގޮތަށް، ރަށްރަށާއި އަތޮޅުތަކުގެ ޕްލޭންތައް ހަދައި، އޭގައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި، މަޝްރޫޢުތައް ހިންގައި ވިލަރެސްކުރުމުގެ އިޚްތިޔާރު، ކައުންސިލްތަކަށް ހޯދައިދިނުމަކީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް.

ލާމަރުކަޒީ ޤާނޫނަށް 2017 ވަނަ އަހަރު ގެނައި، 7 ވަނަ އިޞްލާޙުގެ ދަށުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެންވާ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. ކައުންސިލްތަކުން އެ ބޯޑަށް އިންތިޚާބުކުރާ މަޤާމުތައް އުނިކޮށް، މުޅި ބޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މަޤާމުތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައި.

ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތެރިވާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަކީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތެއް. އެހެންކަމުން، މި ބޯޑަކީ ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ، އަދި މުޅި ނިޒާމުގެ މުސްތަޤްބަލްވެސް ބައްޓަން ކުރެވޭނެ ބޯޑަކަށް ވާންޖެހޭ. ސިޔާސީ މަޤްޞަދުގައި ކައުންސިލަރުން ވަކިކޮށް، ސަސްޕެންޑް ކުރުންފަދަ ކަންކަމުން ދުރުވާންޖެހޭ.

ލާމަރުކަޒީ ޤާނޫނަށް ގެނައި ތިންވަނަ އިޞްލާޙަކީވެސް، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތަޞައްވުރާ މުޅީން އިދިކީލި އިޞްލާޙެއް. އެ އިޞްލާޙުގައި މި ބުނަނީ، ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭނެ ޚިދުމަތްތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް. އަދި އެ ޚިދުމަތްތައް ފޯރުކޮށްދޭނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް.

މީގައި ކޮބައިތޯ ކައުންސިލްތަކަށް އޮތް ބާރަކީ؟ ކޮބައިތޯ ކައުންސިލްތަކަށް އޮތް އިޚްތިޔާރަކީ؟ މިގޮތަށް ކައުންސިލްތަކުގެ ބާރުތައް، މަރުކަޒީ ސަރުކާރަށް ނެގުމުން، ކައުންސިލްތަކުގެ ދައުރަކަށް ވަނީ އެއްވެސް މާނައެއް ނެތް ދައުރަކަށް ނޫންތޯ! މިއީ ހަމަގައިމުވެސް އަޅުގަނޑު ދަންނަ ލާމަރުކަޒީ ނިޒާމެއްގައި، ކަންކަން ހުންނަ ގޮތެއް ނޫން.

މި މަހާސިންތާގައި ތިޔަބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވައިގެން ގޮތްތަކެއް ކަނޑައަޅުއްވަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ ރެޕްރެޒެންޓޭޝަނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އަޅުގަނޑު އެދެން.

ޢާންމު ގޮތެއްގައި އަތޮޅުވެރިކަން މި އޮންނަނީ، އެ އަތޮޅެއްގެ އާބާދީ އެންމެ ބޮޑު ރަށުގައި. މި ދެންނެވި ރަށް، ދައުރުގެ މެދުތެރެއިން ސިޓީއަކަށް ބަދަލުވާ ޙާލަތުގައި، އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައަޅާނެ މިންގަނޑަކީ ކޮބައިކަން ދެނެގަންނާނީ ކޮންގޮތަކަށްތޯ؟ އެފަދަ ރަށެއްގައި ސިޓީ ކައުންސިލެއް ކަނޑައަޅާނީ ކިހިނެއްތޯ؟

ސިޓީ ކައުންސިލެއް އުފައްދާނެ ހަމައެކަނި މިންގަނޑަކީ އާބާދީތޯ؟ ސިޓީއެއްގައި ލިބެންޖެހޭނެ ޚިދުމަތްތަކަކީ ކޮބައިތޯ؟ މޭޔަރު އިންތިޚާބު ކުރާނެ ގޮތަކީ ކޮބައިތޯ؟ އަތޮޅު ކައުންސިލްތައް އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކޮންގޮތަކަށްތޯ؟ އަދި ކައުންސިލްތަކުގެ ދައުރުގެ މުއްދަތަކީ ކޮބައިތޯ؟

މިއީ އެކިއެކި ފޯރަމްތަކުގައި އަޅުގަނޑާ ހިއްސާ ކުރެވިފައި ހުރި ސުވާލުތަކެއް. އަޅުގަނޑު އެދެން، މި ސުވާލުތަކާމެދު ތިޔަބޭފުޅުން މަޝްވަރާ ކުރައްވައި، ފެނިވަޑައިގަންނަވާ ގޮތްތައް ސަރުކާރަށް ހުށަހެޅުއްވުމަށް. އޭރުން ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރާއިރު، މުޅި ނިޒާމު އެކުގައި އިޞްލާޙުވެގެންދާނީ.

ލާމަރުކަޒީ ޤާނޫނު ވުޖޫދުވެގެން އައިއިރު، އެ ޤާނޫނު ފުރިހަމަގޮތުގައި ހިންގުމަށް ހުރަސްއެޅޭގޮތަށް، ގިނަ ޤާނޫނުތަކެއް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނު. ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި، މި ދެންނެވި ގޮތަށް ހުރި ޤާނޫނުތައްވެސް އަޅުގަނޑުމެން އިސްލާޙު ކުރާނަން.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ޤާނޫނީ އޮނިގަނޑު އިޞްލާޙުވެގެން، ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގަތުމުން، ރަށްރަށަށް ދިމާވާ ގިނަ މައްސަލަތައް ޙައްލުކުރުމަށް، ދަތުރުހަދައިގެން ރައްޔިތުން މާލެ އަންނާކަށް ނުޖެހޭނެ.

ލާމަރުކަޒީ ކުރުމަކީ، ރަށު އޮފީހުގެ ނަން، ކައުންސިލް އިދާރާގެ ނަމަށް ބަދަލުކޮށްލުމެއް ނޫން. އަޅުގަނޑުމެންގެ ތަޞައްވުރުގައި ލާމަރުކަޒީ ނިޒާމަކީ، މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް، އެ ތަނެއްގެ ރައްޔިތުން ބޭނުންވާގޮތަކަށް ރާވައި ހިންގުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް، އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން.

އަޅުގަނޑުމެން ވެރިކަމަށް އިސްކުރީ، މި ރާއްޖޭގެ ރައްޔިތުން. އެއީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދިނުމަށް. ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްޤީގެ އައްސޭރި އަތުލަން. އިޤްތިޞާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުންދާއިރުވެސް، ތަރައްޤީގެ ދުވެލި ބަރުހެލިވެގެން މިއުޅެނީ، މަރުކަޒީ އުސޫލު ދޫކޮށް، ލާމަރުކަޒީ ކުރަން ނުކެރިގެން.

ނަމަވެސް އަޅުގަނޑުމެންގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން މިތިބީ ކައުންސިލްތަކަށް ބާރުތައް ދޫކުރަން. ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމަށް. ޖަޒީރާ ދިރިއުޅުން އެންމެ ފުރިހަމަގޮތުގައި ހޯދައިދޭން. އެއީ ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެދޭގޮތަށް، އެ ރަށެއްގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، ހިންގުމުގެ އިދާރީ އަދި މާލީ ބާރުވެރިކަން ދީގެން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން އެކަން ޙާޞިލުކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ، ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ ބަޔަކު ކަމުގައި ލެއްވުން. މި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި ހެޔޮ ތައުފީޤް ދެއްވުން. މި ޖަޒީރާތަކުގެ ރައްޔިތުންނަކީ، އެބައިމީހުންގެ ކަންކަން އަމިއްލަށް ރާވައި ހިންގުމުގެ ވިސްނުމާއި ކުޅަދާނަކަން ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.