ރާއްޖެއަށް އިންޑިއާއިން 30 ޑޮކްޓަރުން ވަރަށް އަވަހަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ސުރޭޝް މެހެތާ ވަރަށް ފުރިހަމަ އިޖާބައެއް ދެއްވައިފިއެވެ. މިކަން ހާމަކުރެއްވީ، އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ސުރޭޝް މެހެތާ، ރައީސް ނަޝީދު އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތަކަށްފަހު ނޫސްވެރިންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެޑްމިރަލް މެހެތާގެ މިޒިޔާރަތަށްފަހު ނޫސްވެރިންނާ ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މަސައްކަތް ކުރާނެ 30 ޑޮކްޓަރުން ވަރަށް އަވަހަށް ބޭނުންފުޅުވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޑޮކްޓަރުން ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެޑްމިރަލް މެހެތާ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

ރައީސް އަރިހަށް ކުރެއްވި ޒިޔާރަތުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތަފްޞީލު، އެޑްމިރަލް މެހެތާ ނޫސްވެރިންނަށް ދެއްވިއެވެ. އަދި އިންޑިއާއިން 30 ޑޮކްޓަރުން ބޭނުންފުޅުވާ ކަމުގައި ރައީސް ނަޝީދު އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އަވަސް ގޮތެއްގައި ފިޔަވަޅު އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ތައްޔާރުކުރި ރާއްޖޭގެ ނިޔަމިކަމުގެ ޗާޓުގައި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި، ރައީސް ނަޝީދާއި އެޑްމިރަލް މެހެތާ ސޮއިކުރެއްވިއެވެ.

އެޑްމިރަލް މެހެތާ ރައީސް ނަޝީދު އަރިހަށް މިކުރެއްވި ޒިޔާރަތުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކިދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އިންޑިއާގެ ޙިއްޞާ ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން، އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރްޞަތު އެކިދާއިރާތަކުން ހުޅުވާލެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.