بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

 

މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު، ދިވެހި އެމްބަސީގެ އިސް ބޭފުޅުން، މިޤައުމުގައި ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه. 

 

މިއަދަކީ އަޅުގަނޑަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ދުވަހެއް. އެއީ ކޮޅުނބުގެ މި ހިތްގައިމު މާޙައުލުން، އަނެއްކާވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަސީބު ލިބުނީތީ. އަޅުގަނޑަށް އެނގޭ، މީގެ މަސްތަކެއް ކުރިން، މި ޤައުމުގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތްތަކުގެ ހަނދާންތައް، ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައިވެސް އާވެގެންދާނެކަން.

 

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ މި ދަތުރަކީ، ސްރީލަންކާގެ މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށް އެދިވަޑައިގެން، މިޤައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ  ދެއްވި ދަޢުވަތަކަށް އަޅުގަނޑު ކުރާ ދަތުރެއް.

 

ޙަޤީޤަތުގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އައުން ލަސްވެސްވެއްޖެ. ނަމަވެސް، މިފުރުޞަތު ލިބުނީތީ އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވޭ. އެއީ ނިމިދިޔަ ރިޔާސީ ކެމްޕޭންގެ ތެރޭގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވި ބުރަ، އަދި މިންނެތް މަސައްކަތަށްޓަކައި. 

 

ސްރީލަންކާއަކީ، ރާއްޖޭގައި ޑިމޮކްރެސީގެ ރޫޙު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ޙިއްޞާދާރެއް. މާޒީގައިވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، އެއީ މީގެ 53 އަހަރު ކުރިން، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިން. 

 

ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވީވެސް ސްރީލަންކާގައި. އެއީ މީގެ 113 އަހަރު ކުރިން، 1906 ވަނަ އަހަރު. 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު، އެ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ސްރީލަންކާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި. ހަމަ އެދުވަހު، ކޮޅުނބުގައި ރާއްޖޭގެ އެމްބަސީވެސް ހުޅުވިގެންދިޔަ.
 
ދެ ޤައުމުގެ ގުޅުން އޭރުވެސް އޮތީ އެހާ ގާތް ގޮތަކަށް. ރާއްޖޭގައި ޒަމާނީ ތަޢުލީމު ފެތުރުމުގައި، ވަކިން ޚާއްޞަކޮށް، އިނގިރޭސި މީޑިއަމަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރުމުގައި، ސްރީލަންކާ ސަރުކާރުން ވެދިން އެހީތެރިކަން އަޅުގަނޑުމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.

 

ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ޤާއިމުކުރުމަށް، ދެ ހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި، ދިވެހީންގެ ބަޔަކު ހަށިފޮޅާލާފައި ނުކުތް. އެފަހަރުވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް މަޖުބޫރުވީ ގާދޫކޮލުން ބޭރުވާން. އެފަހަރުވެސް، އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބުނު އައްސޭރިއަކީ ސްރީލަންކާ.

 

މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ކަންކަން އިޞްލާޙު ކުރުމަށް ތެދުވި، ވަރަށް ގިނަ ސިޔާސީ ލީޑަރުންނަށް ޖެހުނީ، ކުރީފަހަރުގެވެސް ދަތުރު. ރާއްޖޭގައި އޮތް ޚުދުމުޚުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއް.

 

އެހެންކަމުން، މި ފުރުޞަތުގައި، ސްރީލަންކާގެ ސަރުކާރާއި، ސްރީލަންކާގެ ސިޔާސީ ލީޑަރުންނަށް، އަދި ޢާންމު ރައްޔިތުންނަށްވެސް، ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

 

މި ގުޅުމުގެ ތެރެއިން،ޞިއްޙީ ޚިދްމަތުގެ ރޮނގުންނާއި، ތަޢުލީމީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ މަންފާ، ޢާންމު ރައްޔިތުންނަށް އަންނަނީ ލިބެމުން.

 

ސްރީލަންކާގައި ދިރިއުޅުއްވާ ގިނަ ދިވެހިންނަކީ، ދަރީންނަށް ކިޔަވައިދިނުމަށާއި، ބޭސްފަރުވާގެ ކަންކަމަށް ވަޑައިގެން ތިއްބަވާ ބޭފުޅުން. މި ޤައުމުގައި ގާތްގަނޑަކަށް ބާރަވަރަކަށް ހާސް ދިވެހިން އުޅޭއިރު، ހަތް ހާހާއި އަށްހާހާ ދެމެދުގެ ޢަދަދެއްގެ ދިވެހިން، ސްޓޫޑެންޓް ވިސާގައި އެބަތިބި. އޭގެތެރޭގައި ޕްރީސްކޫލުން ފެށިގެން، މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ހިމެނޭ.

 

އަޅުގަނޑު އެންމެފަހުން ކޮޅުނބަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކުރުމުންވެސް، ގިނަ ބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވީ، ސްޓޫޑެންޓް ލޯނާ ގުޅިގެން އުފުލަންޖެހޭ ތަކުލީފްތަކުގެ ވާހަކަ.

 

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، މިހާރުވާނީތިން އިންސައްތަ އަށް ކުޑަކޮށްދީފައި. އަދި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުވެސް، މިހާރުވާނީ ކުރިއަށްވުރެ ފަންސަވީސް އިންސައްތަ އިތުރުކޮށްދީފައި. އަދި މިހާރު ސްޓޫޑެންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ހަމަ މި ފަސޭހަތައް ވަރަށް އަވަހަށް ލިބިގެންދާނެ. ސަރުކާރުން މި ހޯދައިދިން ލުއި ފަސޭހައިގެ ބޭނުން، ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންވެސް ޒިންމާދާރުކަމާއެކީގައި ހިފުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

 

ތިޔަބޭފުޅުން މިހާރު އެންމެ ބޮޑަށް އުންމީދު ކުރައްވާނީ، މި ޤައުމުގައި އުޅުއްވާއިރު، އާސަންދައިގެ ޚިދުމަތް ލިބޭނެގޮތްވުމަށް. އިރާދަކުރެއްވިއްޔާ، އެޕްރީލް 1 ގައި އެކަން ހަމަޖެހިގެންދާނެ. އަދި އަވަށްޓެރި އެހެން ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށްވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި އަންނަނީ މަސައްކަތް ކުރަމުން.

 

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. ތިޔަބޭފުޅުންނަކީ، މި ޤައުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނެ މަންދޫބުން. އެހެންވީމާ، ތިޔަބޭފުޅުންގެ އުޅުއްވުމާއި ގުޅުންތައް ބަހައްޓަވަން ވާނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާފަދަ ގޮތަކަށް.

 

މިފަދަ ހުޅުވިފައިވާ މުޖްތަމަޢެއްގައި ދިރިއުޅުއްވާއިރު، އަޅުގަނޑުމެންނާ ވަކިވެގެންނުވާނެ ދިވެހިވަންތަ ސިފަތަކަށް، ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންވާނެ. ދިވެހީންގެ ރީތި އަޚްލާޤީ ސިފަތައް ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވަންވާނެ. ނުރަނގަޅު ފިކުރުތަކުގައި ޖެހި، ބައިބައިވުމަށް މަގުފަހިވާފަދަ ވިސްނުންތައް ނުގެންގުޅުއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް.
 
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރަށްވުރެވެސް ފުޅާވެ، މި ދެޤައުމުގެ ގުޅުން،  މިހާރަށްވުރެވެސް ބަދަހިވެގެން ދިޔުން. ތިޔަބޭފުޅުން މި ޤައުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި، މާތް ﷲގެ މަދަދާއި ކާމިޔާބު މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.