بســم اللّـه الرّحمـن الرّحيــم

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަޒީރުން، މާލޭސިޓީގެ މޭޔަރ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެން މި ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން ދިޔައިރުގައި، ރައްޔިތުންގެ ފަރާތުން އިވުނު އެންމެ މުހިއްމު އެއް އަޑަކީ، ގާތުން ތިމަންނާމެންނަށް ޚިދުމަތް ފޯރުކޮށްދޭށޭ. ވީހާވެސް ކައިރިން ޚިދުމަތް ލިބޭގޮތް ހަދައިދޭށޭ. އަދި ސަރުކާރުގެ ސިޔާސަތުތައް ރާވަމުންދާއިރުގައި، ރައްޔިތުންގެ ޚިޔާލު، ތިމަންނާމެންގެ ޚިޔާލު ބޭނުންކުރާށޭ. އެގޮތުން، އެ އަޑުއަހައި، އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި މިދަނީ އެ މަސައްކަތް ކުރަމުން.
އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ދެބޭފުޅުން ކަމުގައިވާ ޝައުނާއާއި، ޑޮކްޓަރ ޝުކުރީ އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މަސައްކަތްތައް އެ ގެންދަނީ އެގޮތަށް އަމާޒުކުރެވިގެން. މިގޮތުން، މީގެ އެއް ޕްރޮގްރާމް، އެއް ބައްދަލުވުން މީގެކުރިން ވަނީ ބޭއްވިފައި. އެއީ މާލޭގެ ޓްރެފިކާ ބެހޭގޮތުން. އެ ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ލިބުނު ޚިޔާލުތަކާއި، ވާހަކަތަކުގެ އަލީގައި، މާލޭގެ ޓްރެފިކަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން މި އަންނަނީ ގެންނަމުން. އަދި އޭގެ ސަބަބުން ރަނގަޅު ގޮތްތަކެއް މެދުވެރިވަމުން އަންނަކަންވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.

އެގޮތުން މި ރޭ މި ބާއްވާ ބައްދަލުވުމަކީ، ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ އިޞްލާޙުތައް ގެނައުމުގައި، ތިޔަބޭފުޅުންގެ، ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުން. ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމަކީ، އަޅުގަނޑުމެންގެ އެޖެންޑާގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި އޮތް އެއް ކަންތައް. އެގޮތުން، މި މަސައްކަތް ކުރަމުން މިގެންދަނީ.


ޑޮކްޓަރ ޝުކުރީ ވިދާޅުވިފަދައިން، މިކަމުގެ މަޝްވަރާ ބައްދަލުވުންތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަނީ ބޭއްވިފައި. އެގޮތުން، ފަސް ރަށެއްގައި މި ބައްދަލުވުން ބޭއްވިފައި މިހާރު މިވަނީ.


ކުޅުދުއްފުށްޓާއި، ށ. ފުނަދުއާއި، ރ. އަލިފުށްޓާއި، ކ. ގާފަރާއި، އައްޑޫސިޓީގައި މި ބައްދަލުވުންތައް ކުރިއަށް ހިނގައްޖެ. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ޚިޔާލުތަކާއި މަޝްވަރާތައް ލިބިފައި އެބަހުރި. އެގޮތުން ބާއްވާ އެންމެފަހު ބައްދަލުވުން، މާލޭސިޓީގައި މިއަދު ބޭއްވިގެން މިދަނީ.


އަޅުގަނޑުމެން ލާމަރުކަޒީ ޤާނޫނަށް ގެންނަން ބޭނުންވާ އިޞްލާޙުތައް އެބަހުރި. ވަރަށްގިނަ. އެގޮތުން ކައުންސިލްތަކަށް ޤާނޫނީ ބާރު ވީހާވެސް ބޮޑަކަށް ދޭން އަޅުގަނޑު ބޭނުންވޭ. ދެންމެ ޑޮކްޓަރ ޝުކުރީ އެ ވިދާޅުވިފަދައިން، ޤާނޫނީ ބާރު އަދި ލިބުނަސް، ކައުންސިލްތައް، އޭގެ ޒާތުގައި މަސައްކަތް ކުރާތަނެއް ނުފެނޭ. މާލީ ބާރުވެރިކަން، މާލީ ފުދުންތެރިކަން ލާމަރުކަޒީ ކުރެވެން އެބަޖެހޭ. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. އެކަމުގެ ޚިޔާލު ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވީ. އަދި ރަށުގައި ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި، ކުރާ ތަރައްޤީގެ މަސައްކަތްތައް، ކައުންސިލްތައް މެދުވެރިކޮށް، ކައުންސިލްގެ ބައިވެރިވުމާއެކުގައި، ރައްޔިތުންގެ ވިސްނުމާ އެކީގައި ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތް ކަމެއް.


އެހެންވީމާ، މި ކަންތައްތަކުގެ އަލީގައި ތިޔަބޭފުޅުންގެ ޚިޔާލު އަޅުގަނޑުމެންނަށް ލިބުނީމާ، ޤާނޫނު ޑްރާފްޓް ކުރެވި، އިޞްލާޙު ކުރެވި، މަޖިލީހަށް ހުށަހެޅިގެންދާނެ.


ޑޮކްޓަރ ޝުކުރީ އެ ވިދާޅުވިފަދައިން، ޤާނޫނުއަސާސީއަށްފަހު، ލާމަރުކަޒީ ޤާނޫނެއް ހެދި، ދުވަސްތަކެއް ހިނގައްޖެ. މިއަދު އަޅުގަނޑުމެން މި ބޭނުންވަނީ ތަޖުރިބާ. ތިޔަބޭފުޅުން އޭރުކުރި ތަޖުރިބާ. ކޮންކަމެއްތޯ ރަނގަޅަށް ކުރެވުނީ، ކޮންކަމެއްތޯ ނުކުރެވި އޮތީ. ކޮބައިތޯ ގެންނަންވީ ބަދަލަކީ. އެއާއެކީގައި ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނީ.


އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އަބަދުވެސް ބުނަމުންދާ ވާހަކައެއް މިއީ. ބާރުތަކެއް ދޫކޮށްލާފައި، މިނިވަންކަމެއް ލިބުމާއެކީގައި، އަދި ޒިންމާތަކެއް އޮންނާނެ ވާހަކަ. ހަމައެއާއެކީގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރުގައި، ކައުންސިލްތައް، އޭގެ ޒިންމާ އުފުލަންވާނެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ޒިންމާދާރުކަމާ އެކީގައި، މަސައްކަތް ކުރަންވާނެ. މާލީގޮތުން ލާމަރުކަޒީ ކުރެވޭއިރުގައި، މި ހަވާލުކުރެވޭ ފައިސާއަކީ، ދޭ ފައިސާއަކީ، ރައްޔިތުން ދައުލަތަށް ދައްކާފައި ހުރި ފައިސާ. އެ ފައިސާ ބޭނުންކުރެވިގެން ދާންޖެހޭނީ ޒިންމާދާރުކަމާއެކުގައި. އެކައުންޓެބިލިޓީ މުހިއްމު. އަޅުގަނޑުމެންނަށް އެބަހުރި، އެކި ކައުންސިލްތަކުގެ ތަޖުރިބާ މިހާރުވެސް ލިބިފައި. ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައި އެބަހުރި. އަނެއްބައި ކައުންސިލްތަކުގައި އެހާ ރަނގަޅަކަށް މިހާރަކު ނެތް މަސައްކަތް ކުރެވިފައެއް.

އެހެންވީމާ، މިރޭގެ މި ބައްދަލުވުމުގައި، ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި، އެ ހުރިހާ ވާހަކައަކާއި، ގެންނަން ފެންނަ ބަދަލުތައް، އަޅުގަނޑުމެންނާ ޙިއްޞާކުރީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ވިސްނުމާ އެއްގޮތަށް މި ޤާނޫނު ބަދަލުކުރެވިގެންދާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!
_______________

ބައްދަލުވުން ނިންމަވައިލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު އަޑުއަހަން މިއިނީ. އިންއިރުގައި ފާހަގަކުރެވޭ މުހިއްމު ބައެއް ކަންތައްތަކުގެ ތެރޭގައި، އެންމެ ބޮޑަށް މި ފާހަގަކުރެވެނީ، މާލީ ފުދުންތެރިކަން ބޭނުންވާ ވާހަކަ. އެއީ މައިގަނޑު އެއް ކަންތައް.

އަނެއް ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނު، ދައުރުގެ ވާހަކަ. ދެ އަހަރުގެ ބަދަލު، ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރާ ވާހަކަ. ދެން އަޅުގަނޑު ހަމަ ހިތަށްއަރާ އެއްޗެއް އިނގޭތޯ. އިންތިޚާބުކުރާ މީހުން އަވަސް އަވަހަށް ރައްޔިތުންގެ ކައިރިއަށް ދިޔުން ނޫންތޯއޭ ރަނގަޅީ، ގިނަދުވަހު ތިބުމަށްވުރެ. ދެންމެ މާޅޮހުގެ ކައުންސިލްގެ ރައީސް ވިދާޅުވި، ތިންފަހަރު ހޮވިއްޖައީމޭ. ރަނގަޅަށް މަސައްކަތް ކުރާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން ރައްޔިތުން ހޮވާނެ. އަޅުގަނޑަށް ފަސް އަހަރު ދިގު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ދިގު، ފަސް އަހަރު. އެއަށްވުރެ އަވަހަށް ރައްޔިތުންގެ ކައިރިއަށް ދާންޖެހޭނެހެން އަޅުގަނޑަށް ހީވަނީ. އަޅެ، މިކަމާ ދޭތެރޭގައި އަދި ވިސްނަވައިލައްވައްޗޭ އިނގޭތޯ. މިއީ އަޅުގަނޑުގެ ޚިޔާލަށް އަންނަ ކަމެއް. އެއީ އަޅުގަނޑުމެން ޤާނޫނުއަސާސީ ލިޔުނުއިރުގައިވެސް އެ މަޝްވަރާ ކުރެވުނު. އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ތަންތަނުން ހޯދުނުއިރުގައި، ކައުންސިލްތައް ނުވަތަ ސިޓީތަކުގެ ކައުންސިލްތައް އިންތިޚާބުކޮށްފައި މި ހުންނަނީ ހަމަ އެހާ ކުރުކޮށް. އެއީ ރައްޔިތުންނާ ކައިރިން ޚިދުމަތްދޭ ބަޔަކަށްވާތީ، އަބަދުވެސް ރައްޔިތުން ކައިރިއަށް ދާން. ތިމަންނާ ކުރީ ރަނގަޅަށްތޯ އަހަން. އަވަސް އަވަހަށް ދިޔުން. މިއީ އެއްގޮތް. ދެން އެ ވިދާޅުވަނީ ފަސް އަހަރުގެ ވާހަކަ. އަޅެ މިއާ ދޭތެރޭގައި ވިސްނައިލުން ރަނގަޅުވާނެ.

ދެން މާލީ ފުދުންތެރިކަން ދިނުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ވިސްނުމެއް އެބައޮތް. އަތޮޅުތަކަށް ލިބޭ އާމްދަނީގެ ބައެއް، އަތޮޅުތަކަށް ދިނުން. މިއީ ކެމްޕެއިންގެ ތެރޭގައިވެސް އަޅުގަނޑުމެން ދައްކާފައި އޮތް ވާހަކައެއް. އިރާދަކުރެއްވިއްޔާ، އެކަން ތަންފީޒުވެގެންދާނެ. ތިޔަބޭފުޅުން ދެއްވަންވީ އޭގެ ޚިޔާލު. މިސާލަކަށް، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އެއް ޚިޔާލެއް. ރިޒޯޓްތައް ހަދަން ދީފައި މިހުރި ރަށްރަށް. އޭގެތެރެއިން ލޭންޑް ރެންޓް. މިއީ އަޅުގަނޑުމެން އިހަށްދުވަހު ގެނައި ޚިޔާލެއް. ލޭންޑް ރެންޓް ދެމާ ހިނގާށޭ އަތޮޅުތަކަށް. އެއީ އަތޮޅުތަކުގައި ހުރި ރަށްރަށެއް. ދެން މި ނަގާ ބެޑް ޓެކްސް ހިނގާށޭ ދައުލަތަށް ސީދާ ސެންޓްރަލް ގަވަރންމަންޓަށް ނަގަން.

އެހެންވީމާ، އެ އަތޮޅެއްގައި ހުރި ރަށެއްގެ ބިން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ދޭންވީނޫންހޭ އެ އަތޮޅަކަށް ތަރައްޤީ ކުރަން. މިހިރީ ގެންގުޅެވޭ ޚިޔާލުތައް. އަދި ވަކިގޮތެއް ނުނިމި މިހުރީ.

ދެން މީގައި ނުކުންނަ އެއް މައްސަލައަކީ، މިސާލަކަށް، އަރިއަތޮޅު. އެހެންކަމަށްވަންޏާ، އަރިއަތޮޅަށް ވަރަށްގިނަ ފައިސާ ލިބޭނެ. އަރިއަތޮޅުގެ ހުރިހާ ރަށެއް ހުރީ ރިޒޯޓްތައް ހަދަންދީފައޭ. އެހެންވީމާ، އަރިއަތޮޅުގެ ރަށްތަކުގެ ލިބޭ އާމްދަނީ އެކީ އަރިއަތޮޅަށްދޭ ކަމަށްވަންޏާ، ކޮބައިހޭ ފުވައްމުލައް. ކޮބައިހޭ އައްޑުއަތޮޅު. ކޮބައިހޭ އަދި ހއ. އަތޮޅު. މިކަހަލަ އެތައް މަޝްވަރާތަކެއް ކޮށްގެން މީގައި ގޮތެއް މި ނެރެންޖެހެނީ.

ދެން އަންހެނުން ކުރިއަރުވާ ކޮމިޓީގެ ވާހަކަ، އަނެއް ކަމަކަށް. ވަރަށް ރަނގަޅު ޚިޔާލެއް ދެންމެ ޙުސައިން އާދަމް އެ ހުށަހެޅުއްވީ ދޮގެއްތޯ. އަންހެނުންގެ ކޮމިޓީތަކަށް މުސާރަ ލިބޭގޮތަށް ހަދާފައި، އިދާރީ އޮނިގަނޑެއް ހަދައިފިއްޔާ، އެ ކުރިއަށްދާނޭ. އަނެއްގޮތަކީ ކައުންސިލަށް، މިހާރު އޮތްގޮތަށް، ކައުންސިލަށް ވަކިވަރަކަށް އަންހެނުންނަށް އާދެވޭގޮތަށް އޮތުން. ކޮންމެގޮތެއްވިޔަސް، މިހާރު މި ހިނގާ ނިޒާމު މަސައްކަތެއް ނުކުރެޔޭ. އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. ރަށްރަށަށް.

އެހެންވީމާ، އެއަށް ބަދަލުގެންނަން އެބަޖެހޭ. އެކަހަލަ ވަރަށްގިނަ ޚިޔާލުތަކެއް އަތުވެއްޖެ. ދެން ހުޅުމީދޫ. މުޅިން އެހެން ވިސްނުމެއް އެ ގެންގުޅުއްވަނީ. އެއީވެސް ހަމަ ވިސްނަން ރަނގަޅު ވާހަކައެއް، އެބޭފުޅުން އޭގައި ދައްކަވަނީ. އަޅުގަނޑުމެން މި ޤާނޫނު އިޞްލާޙު ކުރެވެމުންދާއިރުގައި، ސިޓީއެއް ހަދާއިރުގައި، ހަމައެކަނި އާބާދީއަށްތޯ ބަލާނީ، ނޫނީވިއްޔާ އެއްފަސްވެފައި އޮތް ތަނަކަށްތޯ ބަލާނީ. މިއީ ވިސްނަންޖެހޭ ކަމެއް.

މިސާލަކަށް، މިހާރު ނުކުމެގެން މިއުޅޭ އެއް މައްސަލައަކީ ކުޅުދުއްފުށި. ސިޓީއަކަށް ބަދަލުވަނީ. އާބާދީ ހަމަވެއްޖެ. ސިޓީއަކަށް ބަދަލުވާއިރުގައި، އަތޮޅުވެރިކަން ކުރާ ރަށަށްވަނީ ކިހިނެއްތޯ. ކޮންތާކަށްތޯ ދަނީ؟ ދެން ކައުންސިލަރުން ހޮވާނީ ކިހިނެއްތޯ؟ މިކަހަލަ އެތައް އެތައް ކަމެއް އެބައުޅޭ.


އެހެންވީމާ، ތިޔަބޭފުޅުންގެ މަޝްވަރާ އަޅުގަނޑުމެން މިކަމުގައި މިހޯދަނީ. އިރާދަކުރެއްވިއްޔާ މި ލިބޭ މަޝްވަރާތަކުގެ އަލީގައި، މި ކަންތައްތަކަށް ޙައްލު ލިބޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!