بســماللّـهالرّحمـنالرّحيــم
 
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން،ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފް، ޔުނިވަރސިޓީގެ އިސް ވެރިންނާއި، ދަރިވަރުންނާއި، އެންމެހައި މުވައްޒަފުން، ރާއްޖޭގެ ލޮބުވެތި ދިވެހި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
މިއަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތުގެ ތާރީޚުގައި ވަރަށް މުހިއްމު ދުވަހެއް. ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުހިއްމު ފިޔަވަޅެއް އެޅޭ ދުވަހެއް. ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރި ބަޔަކަށް ދިވެހިން ހެދުމަކީ، މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން، ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން. ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއިކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި.
މިފަދަ ބަލިތަކަށް މީހުން ވާޞިލުވާ މައިގަނޑު އެއް ހިރާސް ނުވަތަ އެންމެ ބޮޑު ރިސްކް ފެކްޓަރއަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން. އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދަ ކުރަންޖެހޭ ފަސް ބައްޔަކީ ދުންފަތާ ގުޅުންހުރި ބަލިތައް.
އަހަރަކު ރާއްޖޭގައި މަރުވާ ދިވެހީންގެ، ކޮންމެ ދެ ދުވަހަކުން އެއްދުވަހު، އެއީ އަހަރަކު ގާތްގަނޑަކަށް 178 މީހުން މަރުވަނީ ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހިސާބުތަކުން ދައްކާ.
ދުންފަތުގެ އިސްތިޢުމާލުކުރާ ބޮޑެތި މީހުންގެ ނިސްބަތް 38 އިންސައްތައިގައި ހުރިއިރު، ސްކޫލް ކުދިންގެ މެދުގައި މި ނިސްބަތްހުރީ 11.2 އިންސައްތައިގައި. ސިނގިރޭޓް ބޯ މީހަކު އެވެރެޖްކޮށް މަހަކު އެއްހާސް އަށްސަތޭކަ ރުފިޔާއާއި ތިންހާސް ފަސްސަތޭކަ ރުފިޔާ، މިކަމަށް ޚަރަދުކުރޭ. ރާއްޖެފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން މިއީ ވަރަށް މަތީ ޢަދަދެއް. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހިފައިވާ ކަމެއް. އަދި މި ސަރުކާރުގެ ވައުދެއްވެސްމެ. މިއަދު މި ނަގާ ފިޔަވަޅުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން. އަދި ވަކިވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުން.
ދުވާލަކު ސިނގިރޭޓް ފޮށްޓެއް ބޭނުންކުރާ މީހަކަށް، އަހަރެއްގެ ތެރޭގައި ހަތްހާސް ތިންސަތޭކަ ފަހަރު މި އިންޒާރުގެ މެސެޖް ފެންނާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިފަދަ އިންޒާރުތައް ފެނި، އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން، ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުވެގެންދާނެ. އަދި މިއީ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ރައުސްމާލު، ދުންފަތުން ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް، 2005 ގައި ޢަމަލުކުރަން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދުންފަތާ ދެކޮޅަށް އާންމުކުރަން ފެށި އިންޒާރުގެ މެސެޖްތަކަށް އިންޤިލާބީ ބަދަލުތަކެއް އައި. އާންމު މައިދާންތަކާއި މަގުތައް، ދުންފަތާ ދެކޮޅު ބޮޑެތި ބިލްބޯޑުތަކުން ފުރިގެންދިޔަ.
 
ނަމަވެސް، މިފަދަ ކަންކަމުގައި ނަމޫނާ ދައްކަންޖެހޭ ދިވެހިރާއްޖެ، އެފަހަރު ބުރަވީ ފަހަތު ފަޔަށް. ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި، 2004 ވަނަ އަހަރުން ފެށިގެން، އިންޒާރުގެ މެސެޖްތައް ޖަހަމުންއައީ، ވަރަށްފަނޑުގޮތަކަށް. އެހާމެ އާދައިގެ ގޮތަކަށް އޭރު ޖަހަން ފެށި މެސެޖްތަކަށް މިހާތަނަށް އެއްވެސް ބަދަލެއް ނާދޭ. ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވެގެން އައީ.
 
ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު އޮތީ 2010 ގައި ފާސްކޮށްފައި. އެ ޤާނޫނުގެ ދަށުން ހަދަން ލާޒިމުކުރާ "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ޤަވާޢިދު"ވެސް އޮތީ، 2012 ވަނަ އަހަރު އެކުލަވާލައި ނިމިފައި. ނަމަވެސް ތަފާތު ސަބަބުތަކާހުރެ، އެ ޤަވާޢިދު އޮތީ ތަންފީޒު ނުކޮށް ބާއްވާފައި.
 
އޭގެފަހުން 2017 ވަނަ އަހަރުވެސް މި ޤަވާޢިދަށް ބައެއް އިޞްލާޙުތައް ގެނެސް، ގެޒެޓް ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ މަރުޙަލާތައްވެސް ފުރިހަމަކޮށް، ތަންފީޒު ކުރުމަށްޓަކައި އޭރުގެ ސަރުކާރަށް ހުށަހެޅި. ނަމަވެސް، މި ޤަވާޢިދު އޮތީ ގެޒެޓްނުކޮށް ބާއްވާފައި.
 
އަޅުގަނޑުމެން މިއަދު މިޤަވާޢިދު ގެޒެޓްކޮށް ޢަމަލުކުރަން މި ފެށީ، މިކަމުގެ މުހިއްމުކަން ބޮޑުކަމުން. އަޅުގަނޑު ދެކޭގޮތުގައި ޤައުމެއް ކުރިއަރާނީ، ސިއްޙަތު ރަނގަޅު މުޖުތަމައެއް ބިނާކުރެވިގެން. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ، ދުންފަތާ ގުޅުންހުރި ބަލިތަކަށް. ދެ އަތް އުރާލައިގެން މި އަޑުތައް އަހަން ތިބެވޭކަށް މިއަދަކު ނެތް.
 
މިއީ ފިޔަވަޅު އަޅަންވީ ވަގުތު. މިފަދަ އެއްވެސް ކަމަކީ، ގެޒެޓްކުރާ ޤަވާޢިދަކުން އެކަނި ހާސިލުކުރެވޭނެ ކަމެއްނޫން. މިކަމުގައިވެސް ޤަވާޢިދަކަށްވުރެ މުހިއްމީ، ފަރުދީ ޒިންމާ. ސިނގިރޭޓް ފޮށީގައި ތަތްކޮށްލާ ލޭބަލަށްވުރެ، ދުންފަތާ ދެކޮޅަށް ތިމާގެ ހިތުގައި ތަތްކޮށްލާ ލޭބަލްގެ ބާރު މާގަދަވާނެ.
 
މިއަދަކީ އެކަމަށް އަޅުގަނޑުމެން ފަށާ ދުވަސް ކަމުގައި ހަދަމާ ހިންގަވާ! ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުވެސް، މިއަދު ޢަޒުމް ކަނޑައަޅުއްވަންވީ، ދުންފަތަށް އަލްވަދާޢު ކިޔައި، ފުރިހަމަ ޞިއްޙަތަކަށް މަރުޙަބާ ކިޔުމަށް.
 
އަޅުގަނޑު ހިތުން، މި ވާހަކަ ދައްކަން އަޅުގަނޑުމެން އެއްވެ މިތިބަ ތަނަކީ، މިކަމަށް ވަރަށް މުނާސަބު ތަނެއް. މި ޢިލްމީ ފުރާޅުގެ ހިޔާވަހިކަމުގައި ތިބެ، ދަރިވަރުވާ ދިވެހި ޒުވާނުން، މިކަމުގައި ނަމޫނާ ދެއްކެވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. ތިޔައިން ކޮންމެ ދަރިވަރެއް އަދި ކޮންމެ ލެކްޗަރަރއެއް، ކޮންމެ މުވައްޒަފެއްވެސް، އެބޭފުޅެއްގެ އަމިއްލަ ނަފްސާއި އަމިއްލަ ޢާއިލާއިން، މިކަމުގައި އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަކީ އަމިއްލަ ޞިއްޙަތުގެ ރައްކާތެރިކަމަށް ސަމާލުވެ، ހަށިގަނޑަށް ގެއްލުންދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެގެން އުޅޭ ބަޔަކު ކަމުގައިވުން. ހަށިހެޔޮކަމާއި ދުޅަހެޔޮކަމުގައި ދިރިއުޅުން ވެއަތުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވައި، ޤައުމުގެ ކުރިއެރުމަށް މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި! އާމީން.
 
          والسّلام عليــكم ورحـمــة اللّـه وبـركاتـه.