ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޮނަދޫގެ ކައުންސިލްގެ މެންބަރުންނާއި ފޮނަދޫގެ ބައެއް މުއައްސަސާ ތަކުގު އިސްވެރިންނާ މިއަދު ހަވީރު ބައްދަލު ކުރައްވައިފިއެވެ.
ފޮނަދޫ ކައުންސިލްގެ މެންބަރުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ކައުންސިލްގެ މެންބަރުންވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. އަދި ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ކައުންސިލް މެންބަރުން ވަނީ ޙިއްޞާ ކުރައްވާފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރަށުގެ ތަރައްޤީއަށް އެބޭފުޅުން ބޭނުންފުޅުވާ ކަންކަން އޮޅުން ފިލުއްވައި، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމުގައެވެ.
ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ނިންމަވައި ދެއްވުމަކީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވާ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބަނދަރުގެ މަސައްކަތާއި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށާއި ސެންޓްރަލް ޕަވަރސްޓޭޝަނެއް ތަރައްޤީކުރުމުގެ ޚިޔާލާއި ކުޅިވަރު ތަރައްޤީކުރުމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ހައްދުންމަތީގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.
ފޮނަދޫގެ ބައެއް މުއައްސަސާ ތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައިވެސް ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި ޞިއްޙީ މަރުކަޒަށް ބޭނުންވާ ސާމާނުގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާކަން މުއައްސަސާތަކުގެ ވެރިން ފާހަގަ ކުރެއްވިއެވެ. ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްގެ ދަތިކަމާއި މަރާމާތުކުރަން ޖެހިފައިހުރިކަން ވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޕަބްލިކް ވާކްސްގެ މަސައްކަތް ހުއްޓިފައިވާކަމާއި ސަރުކާރުގެ މުއައްސަސާތައް އެއްފުރާޅެއްގެދަށަށް ގެނައުން ވަރަށް މުހިންމުކަން ވެސް މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ރަށުގެ ރައްޔިތުންނަށް ދަތިވެފައިހުރި ގިނަ ކަންތައްތަކެއް ރަނގަޅުކޮށްދެއްވުމަށް މުއައްސަސާތަކުގެ އިސް ވެރިން އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތަށް ވަރަށް ބޮޑަށް އޮޅުން ފިލައިފިކަމަށާއި، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެނަމިނުފާނު ވިދާޅުވިއެވެ.