ދަ މޯލްޑިވްސް ނަން-ކޮމިއުނިކަބްލް ޑިޒީޒް އެލަޔަންސް (މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް) ގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުންވަނީ ދުންފަތުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ދިމާވަމުންއަންނަ އެކި ކަހަލަ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. ވަކިން ޚާއްޞަކޮށް ދުންފަތުގެ ސަބަބުން ޞިއްޙީ ގޮތުން ދިމާވާ މައްސަލަތަކަށް، ތަފާސް ހިސާބުގެ އަލީގައި ވަރަށް ތަފްޞީލުކޮށް އަލިއަޅުއްވާލައްވައި މިޤައުމު ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމަތްކުރުމަށް ބާރުއެޅުއްވުމަށް މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މެންބަރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ ނުރައްކާތެރިކަމާއި ދޭތެރޭ އަދިވެސް ހޭލުންތެރިވާންވާ މިންވަރަށް ދިވެހިން ހޭލުންތެރިނޫންކަން ފާހަގަކުރައްވައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ހުންނެވީ ޞިއްޙީ ދާއިރާގައި ދިމާވާ މިފަދަ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް އެކަށޭނަ ގޮތުގައި ޙައްލު ހޯއްދަވައި ދެއްވުމަށް ތައްޔާރަށްކަން ހާމަކުރައްވައިފައެވެ. އެގޮތުން މޯލްޑިވްސް އެން.ސީ.ޑީ. އެލަޔަންސްގެ މެންބަރުން ހުށަހެޅުއްވި ކަންކަމަށް އަވަސް މުސްތަޤްބަލެއްގައި އެދެވޭ ނަޖީޖާއެއް ފެންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅުއްވާނެ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް އަރުވައިފައެވެ.