بســم اللّـه الرّحمـن الرّحيــم
السّــلام عليــكم.
ގާތްގަނޑަކަށް މަހެއްހާ ދުވަހަށްފަހު އަނެއްކާވެސް އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ސަރުކާރު ހިންގުމުގަޔާއި އަދި އެނޫންވެސް ކަންތައްތަކުގައި ތިޔަބޭފުޅުން އަޅުގަނޑުގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރެދާނެ ކަމަށް ދެކި، އެއަށް އަޅުގަނޑު ބޭނުންވާ، ނޫނީވިއްޔާ ސަރުކާރުން ބޭނުންވާ މަޢުލޫމާތުތައް ތިޔަބޭފުޅުންނާ ޙިއްޞާކުރުމަށް. އެ ފުރުޞަތު ހުޅުވައިލުމުގެ ކުރިން އަޅުގަނޑު ފުރަތަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ފުރަތަމަ ވާހަކައަކީ، މީގެ ކުޑަދުވަސްކޮޅެއް ކުރިން އަޅުގަނޑު ޔޫ.އޭ.އީ އަށް ކުރި ދަތުރުގެ ވާހަކަ.
އެ ދަތުރަކީ ޔޫ.އޭ.އީ.ގެ ސަރުކާރުން މުޙައްމަދު ބިން ޒާޔިދުގެ ދަޢުވަތަކަށް އަޅުގަނޑު ޔޫ.އޭ.އީ އަށް ކުރި ދަތުރެއް. އެ ދަތުރުގައި، ސަރުކާރުގެ އިސް ވަރަށްގިނަ ފަރާތްތަކާ އަޅުގަނޑަށް ބައްދަލުކުރުމުގެ ފުރްޞަތު ލިބިގެންދިޔަ. އެގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް ލޯނު ހޯދުމުގެ މަޝްވަރާތައް ކުރެވިގެންދިޔަ. ޚާއްޞަކޮށް، ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް އަޅުގަނޑުމެންނަށް ކުރެވިގެންދިޔަ. ނަތީޖާއަކަށް ވެގެންދިޔައީ އެކަމަށް ރަނގަޅު ޕޮޒިޓިވް ޖަވާބެއް، ޔޫ.އޭ.އީ ސަރުކާރުން އަޅުގަނޑުމެންނަށް ލިބިގެންދިޔުން.
އަޅުގަނޑުގެ ދަތުރަށްފަހުގައި މިނިސްޓަރުންގެ ޑެލިގޭޝަނެއް ޔޫ.އޭ.އީ އަށް ދަތުރެއް ކުރެވުނު. އޭގެ ތަފްޞީލުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި. އެ ބައްދަލުވުމުން އަޅުގަނޑުމެންނަށް ވަރަށް އުއްމީދީ ޖަވާބުތަކެއް ޔޫ.އޭ.އީ ސަރުކާރުން ލިބިގެންދިޔަ. ދުވަސްކޮޅެއް ފަހުން އޭގެ ތަފްޞީލުތަކަށް އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކީގައި ދާނަން. އޭގެ ތަފްޞީލުތައް އަދި ހާމަކުރަމުން ގެންދާނަން.
އޭގެއިތުރުން އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ސޯޝަލް މީޑިއާގައިވެސް މިވަގުތު ބައެއްކަހަލަ ކަންތައްތަކާމެދު ބަޙުޘްކުރެވި، ހަލަބޮލިކަމެއްގެ ތެރެއަށް މިވަގުތު ދާކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު ކަމެއް.
އެއްވެސް ފަރާތަކުން އެއްވެސް ބޭފުޅަކު ރާއްޖޭގެ ހަމަނުޖެހުން ނަގައިލުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެދޭ ކަމެއްނޫން. ރާއްޖޭގައި ހަމަޖެހުން އޮތުމަކީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް.
ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހުގައި އެކަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެއްޖެ. ރާއްޖެއާ ދޭތެރޭގައި ބޭރުމީހުން ދެކޭގޮތް ބަދަލުވެއްޖެ. ނަތީޖާއަކަށް ވެގެން މިދަނީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިތަން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ކުރިން މި އިޝާރާތްކުރި ފަދައިން، ދީނުގެ ނަމުގައި މި ކުރެވޭ ބަޙުޘެއް މި ފެށިގެން މިދަނީ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް، އަޅުގަނޑުމެންގެ ދީނަކީ ކޮބައިކަން. އަޅުގަނޑުމެން އުޅެންވީ ގޮތަކީ ކޮބައިކަން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް އެކަން ފާހަގަކޮށްފައި އެބައޮތް. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީވެސް މިއީ. އެއާ ޚިލާފަށް ހިންގާ އެއްވެސް ކަމަކީ، އަޅުގަނޑުމެން އެއަށް ފުރްޞަތު ދޭނެ ކަންތައްތަކެއް ނޫން.
ޤާނޫނުތައް އެބަހުރި. ޤާނޫނުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ފަހަކަށްނުޖެހޭނަން. އަދި ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަޅައިދާ ކަންތައްތަކަކީވެސް ރާއްޖެ ހަމަނުޖެހުމަށް މަގުފަހިވެގެންދާ ކަމަކަށްވާތީ، އެކަންތައްތަކަށްވެސް އަޅުގަނޑުމެން ފުރްޞަތު ނުދޭނެ ވާހަކަ، މި ފުރްޞަތުގައި ދަންނަވަން.
ޤާނޫނުތައް ހިންގުމަށް އަޅުގަނޑުމެން ވެރިކަމަށް އައިސް މިތިބީ. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތަކީ އެއީ. އިރާދަކުރެއްވިއްޔާ، ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި އެ މަސައްކަތް، އެގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އަޅުގަނޑު އިތުރަށް އެއްޗެއް ދެންނެވުމުގެ ކުރިން، ތިޔަބޭފުޅުންނަށް އަޅުގަނޑު ފުރުޞަތު އިހަށް ހުޅުވައިލާނަން.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ހުސްކޮށްލަދެއްވީތީ، މަހެއްހާ ދުވަސްވެފައި އިނގޭތޯ.
އަޅުގަނޑުގެ ވަރަށް ބައިވަރު ސުވާލުތައް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑު ފުރަތަމަ ފަށާއިރު، ދެތިން ސުވާލެއް ދަންނަވާލާނަން.
ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް މި އޮތް އިންތިޚާބާ ގުޅޭގޮތުން، އަޅުގަނޑުގެ ހުރި ބައެއް ސުވާލުތަކެއް ދަންނަވައިލާނަން.
އަޅުގަނޑުމެންނަށް ފެނިފައި ހުރި ބައެއް ޑޮކިއުމެންޓްތަކުން އެބަހުރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމް.ޑީ.ޕީ.ގެ ސެކްރެޓެރީ ޖެނެރަލް ޙަސަން ލަޠީފް ސޮއިކުރައްވާފައި، ކޯލިޝަން ހިނގާނެގޮތުގެ ލިޔުމެއް. މި ދެންނެވީ، ޕާޓީތަކުގެ މެދުގައި ގޮނޑިތައް، އަދި ޕާޓީތަކުގެ މެދުގައި މަޤާމުތައް ބަހާނެގޮތެއް. ދެން، މި މައްސަލަ މިހެން އޮއްވައި، އަޅުގަނޑުމެންނަށް ފެނުނީ، އެމް.ޑީ.ޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލާތަން. ރައީސުލްޖުމްހޫރިއްޔާ މިކަމާ ބެހޭގޮތުން ޞަރީޙަކޮށް ވަކި އެއްޗެއް ވިދާޅެއްނުވޭ. ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާގެ މީގެ ސްޓޭންޑަކީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ތިޔަ ވިދާޅުވާހެން، ކުރިމަތީގައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އަޅުގަނޑުމެން ވެރިކަމަށް މިއައީ، ކޯލިޝަނެއްގެ ތެރެއިން. ކޯލިޝަނެއް އުފެއްދުމަށްޓަކައި، ވެފައި އޮތް އެއްބަސްވުމެއް އެބައޮތް. އަދި ހަމަ އެއާއެކީގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެން، އަޅުގަނޑާ ތިޔަ ވިދާޅުވާހެން ޙަސަން ލަޠީފާ ދެ މީހުން ސޮއިކުރި އެއްބަސްވުމެއް. ޖޭ.ޕީ.އާ އެކީގައި ވަކިން އަޅުގަނޑުމެން ކުރީމު. އަދި، ޢަދާލަތު ޕާޓީއާ އެކީގައިވެސް އަޅުގަނޑުމެން ކުރީމު. އެހެންނަމަވެސް، ހުރިހާ ޕާޓީއެއް އެއްބަސްވެ ސޮއިކޮށްފައި އޮތް އެގްރީމެންޓެއް އެކަމާ ދޭތެރެއަކު ނެތް. ޚިޔާލުތަފާތުވުންތަކަކާ އެކީގައި އެ އެއްބަސްވުމަށް ނުދެވި އޮތީ.
ދެން، މިހާރު ތިޔަ ވިދާޅުވާހެން މި ފެންނަނީ، އެމް.ޑީ.ޕީ. އިން ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ނިންމިތަން. އަދި، ހަމަ އެއާއެކީގައި އެހެން ޕާޓީތަކުންވެސް އެ މަސައްކަތް ފަށައިގެން ކުރިއަށްދާތަން. އަޅުގަނޑު ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޭނުންވަނީ، ސަރުކާރަށް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް އޮތުން. ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ވަޢުދުތަކަށް ތާއީދުކުރާ، މަޖިލިސްގެ ތެރެއިން އެއަށް ތާއީދު ލިބޭ މެޖޯރިޓީއެއް އޮތުން. އެއީ، އެކަމުގައި އަޅުގަނޑު ދެކޭގޮތަކީ.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
އެ ހުރިހާ ޕާޓީތަކުން އެއްބަސްވެފައި އޮތް އެގްރީމެންޓެއް ނެތޭ، ތިޔަ ވިދާޅުވާ ބަހުން އަޅުގަނޑަށް މާނަ ކުރެވިދާނެތޯ އެއީ، ވުޖޫދުގައި ނެތް އެއްޗެއް ކަމަށްތޯ ތިޔަ ވިދާޅުވަނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އަޅުގަނޑުމެންނާއި ޖުމްހޫރީ ޕާޓީއާ އެކީގައި ސޮއިކޮށްފައި އޮތް ލިޔުމެއް އޮންނާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަޅުގަނޑުމެންނާއި ޢަދާލަތު ޕާޓީއާ އެކީގައި ސޮއިކޮށްފައި އޮތް ލިޔުމެއް އޮންނާނެ ވާހަކަ މި ދެންނެވީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހަތަރު ޕާޓީ އެއްކޮށް ސޮއިކޮށްފައި އޮތް ލިޔުމެއް، އެކަމުގައި ނެތް ވާހަކަ، އަޅުގަނޑު އަނެއްކާވެސް މި ދެންނެވީ.
ޢަބްދުﷲ މުޢާޒް – ޕީ.އެސް.އެމް ނިއުސް:
އަޅުގަނޑުވެސް ދެތިން ސުވާލެއް މަނިކުފާނަށް އަމާޒުކޮށްލާހިތްވޭ. އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ، ދެންމެ، މަނިކުފާނު އެންމެ ފުރަތަމަ ފާހަގަކުރައްވައިފި، ޔޫ.އޭ.އީ.ގެ ދަތުރުފުޅުގެ ވާހަކަ. އެ ދަތުރުފުޅުގެ ބައެއް ބޮޑެތި މަޝްރޫޢުތަކާއި ލޯނުގެ ވާހަކަ މަނިކުފާނު ފާހަގަކުރެއްވީމާ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ކޮބައިތޯއޭ ބޮޑެތި މަޝްރޫޢުގެ ގޮތުގައި މަނިކުފާނު ތިޔަ ފާހަގަކުރައްވާ މަޝްރޫޢުތަކަކީ. އޭގެ ތަފްސީލެއް އަޅުގަނޑުމެންނަށް ލިބިދާނެތޯއޭ؟
ދެން އަނެއް ސުވާލަކީ، ލޯނުގެ ވާހަކަ މަނިކުފާނު ފާހަގަކުރައްވައިފި. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އިންޑިޔާގެ ސަރުކާރާ އެކީގައިވެސް ކްރެޑިޓް ފެސިލިޓީއެއް ޤާއިމުކުރިތަން. ހަމަ މިއާއެކީގައި، އަނެއްކާވެސް ފެނިގެން މި ދިޔައީ، ޔޫ.އޭ.އީ.އާ އެކީގައިވެސް ލޯނު އެއްބަސްވުމެއްގެ ވާހަކަ މަނިކުފާނު ފާހަގަކުރެއްވި. މިއީ، ރާއްޖޭގެ ދަރަނި ބޮޑުވުމަށް، ވަރަށް ގިނަ ޕްރެސްތަކުގައިވެސް މަނިކުފާނަށް އަމާޒުކުރެވޭ ސުވާލެއްކަންނޭނގެ. މިއީ، ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވުމަށް ހައްތަހާ ދިމާވާ ކަންކަން ނޫންތޯއޭ. މިކަމުގައި ކޮބައިތޯއޭ މަނިކުފާނުގެ ވިސްނުންފުޅަކީ. މިކަމުން ބަޖެޓަށް ވަރަށް ބޮޑެތި ބުރަތަކެއް އުފުލަން ނުޖެހޭނެތޯއޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
މީގެ ސަބަބުން، ބަޖެޓަށް ބުރައެއް ނާންނާނެ އިނގޭތޯ. އަޅުގަނޑުމެން އިންޑިޔާއާ އެކުގައި މި ދެކެވުނު ވާހަކަތަކުގައި، އަޅުގަނޑުމެންނަށް މި ލިބޭ ލޯނު އެހީއަކީ ކުރިންވެސް ދެންނެވި ފަދައިން، 1.25 ޕަސެންޓް ވަރުގައި ލިބޭ ލޯނެއް އިނގޭތޯ. މިހާތަނަށް ސަރުކާރަށް ނަގާފައި ހުރި ލޯނުތަކަކީ އެއަށްވުރެ މާބޮޑެތި އިންޓްރެސްޓްގައި ނަގާފައި ހުރި ލޯނުތަކެއް. އެހެންވީމާ، އޭގެ ސަބަބަކުންނެއް ބަޖެޓަކަށް ދައްޗެއް ނާންނާނެ އިނގޭތޯ.
ދެން އޭގެ އިތުރުން، އަބޫދާބީއަށް މި ކުރި ދަތުރުގައިވެސް ވާހަކަ މި ދެކެވުނީ، ހިލޭ އެހީއާއި ލޯނުގެ ވާހަކަ. އަދި ބޮޑެތި މަޝްރޫޢުތަކެއްގެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ތަފްސީލަށް ތިޔަ އިޝާރާތް ކުރެއްވީ. އޭގެ ތަފްސީލުތައް އަޅުގަނޑުމެން، ފައިނަލް ސޮއިކުރުމާ ހިސާބަށް ދިޔައީމާ، ހާމަކުރާނަން. އޭގެ ސަބަބުން، ހަމަގައިމުވެސް މާލެއަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
ޢަބްދުﷲ މުޢާޒް – ޕީ.އެސް.އެމް ނިއުސް:
އާދެ، ސިޔާސީ މަސްރަޙަށް ބަލައިލާއިރުގައި މިހާރު ފެނިގެން މިދަނީ، ޖުމްހޫރީ ޕާޓީއާއި، އެމް.ޑީ.ޕީ.އާ ދެމެދު ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން އުޅޭ މަންޒަރު. މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ސަރުކާރުގެ މި ކޯލިޝަނަށް ކިހާވަރެއްގެ ބުރުލެއް ނުވަތަ މި ހަރުދަނާކަމަށް ކިހާވަރެއްގެ އަސަރެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭތޯ؟ މި ދެންނެވީ، ކޯލިޝަނުގައި ހިމެނޭ އެއް ލީޑަރުގެ ޚިޔާލުތަފާތުވުންތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން އެބަދޭ. މިކަމުގެ ސަބަބުން، މަނިކުފާނާއި ނުވަތަ މި ސަރުކާރުގެ ތެރޭގައި މި އޮތް ކޯލިޝަންގައި ކިހާވަރެއްގެ ޚިޔާލުތަފާތުވުންތަކެއް ނުވަތަ އެކަމަށް ކިހާވަރެއްގެ އަސަރެއް ކޮށްފާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ކޯލިޝަން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އެބައޮތް. އަދި އޭގެއިތުރުން، އަޅުގަނޑުމެން ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންވެސް ކޯލިޝަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި މިހާތަނަށް އައިއިރު، މި ވަގުތަށް އައިއިރުގައިވެސް ކޯލިޝަނުގައި ހަމަނުޖެހުމެއް އުފެދޭވަރުގެ އެއްވެސްކަމެއް، އެއްވެސް ޕާޓީއަކުން ކުރައްވާފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެނެއްނޫން. ތިޔަ ވިދާޅުވާހެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ވާހަކަ ދެކެވިފައި އޮތް ގޮތަށް ކުރިއަށް އަދި ދިޔުމަށް އެއްބަސްވެވިފައި ނުވާތީ، ކޮންމެ ބަޔަކުވެސް، އެބަޔަކު ބޭނުންވާ އަދަދަށް ގޮނޑި ނެގުމަށްޓަކައި ކުރެވެން އޮތް މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެމް.ޑީ.ޕީ.އިންވެސް އެ މަސައްކަތް އެ ކުރައްވަނީ. ޖުމްހޫރީ ޕާޓީންވެސް އެ ކުރައްވަނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެ މަސައްކަތް. ޖުމްހޫރީ ޕާޓީއަށް ވީހާވެސް ގިނަ ގޮނޑިއެއް މަޖިލީހުން ނެގޭތޯ ކުރައްވާ މަސައްކަތް. ހަމަ އެގޮތަށް، އެމް.އާރް.އެމް.އިންވެސް، ޢަދާލަތު ޕާޓީންވެސް، އެ މަސައްކަތް ކުރައްވާނެ. އެއީކީއެއް، އަޅުގަނޑު ދެކޭގޮތުގައި ކޯލިޝަން ރޫޅެން އޮތް މައްސަލައެއް ނޫން. އަޅުގަނޑުމެންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކީގައި ކުރިއަށް ދާނެތޯ، ނޫންތޯ. އެއާ ދޭތެރޭގައި، އެއްބަސްވުމެއް އަދި ނެތީމާ، ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރައްވާ މަސައްކަތް އެއީ. އެއަކުންނެއް، އަޅުގަނޑެއް ގަބޫލެއްނުކުރަން އަދި އަޅުގަނޑަކަށް ނުވެސްފެނޭ، ކޯލިޝަން ރޫޅިގެންދާ ތަނެއްވެސް.
ފަޒީނާ އަޙްމަދު – މިހާރު ނޫސް:
އަޅުގަނޑުގެވެސް ސުވާލު، ކޯލިޝަނާ ގުޅޭގޮތުން އަމާޒުކޮށްލާނަން. ރައީސް ދެންމެ ތިޔަ ފާހަގަކުރެއްވީ، ޖުމްހޫރީ ޕާޓީއާއި މަނިކުފާނާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވިގެންދިޔަކަމަށް. ޖުމްހޫރީ ޕާޓީން މާނަކުރާގޮތުގައި، އެ އެއްބަސްވުމުގައިވާ ގޮތުން ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލިސް އިންތިޚާބުގައިވެސް، އަދި ކައުންސިލް އިންތިޚާބުގައިވެސް އެކުގައި މަސައްކަތް ކުރާގޮތަށް މިއޮތީ. ދެން، ސަރުކާރު ނިސްބަތްވާ ގޮތަށް މަޖިލިސް އިންތިޚާބުގައިވެސް ގޮނޑިތައް ބެހިގެންދާނެ ކަމަށް އެއްބަސްވުމާ ހަވާލާދީ، ޖޭ.ޕީން ބުނަމުން އަންނަނީ. ރައީސް ތަފްސީލެއް ދެއްވަފާނަންތޯ؟
އެ އެއްބަސްވުމުގައި އޮތީ ކޮންގޮތަކަށްތޯ މަޖިލިސް އިންތިޚާބާ ގުޅޭގޮތުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ، ހަތަރު ޕާޓީ އެއްބަސްވާ އެގްރީމެންޓެއް ހެދުމަށް. ރިޔާސީ އިންތިޚާބަށްފަހު، ކުރިއަށް މި އޮތް ދެ އިންތިޚާބާ ބެހޭގޮތުން. ރިޔާސީ އިންތިޚާބަށް ދިޔުމާ ބެހޭގޮތުން އެބައޮތް، ހަތަރު ޕާޓީ ސޮއިކޮށްފައި އޮތް އެގްރީމެންޓެއް. އަދި އޭގައި ކެންޑިޑޭޓަކީ ކާކުކަމާއި، ރަނިންގ މޭޓަކީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެއްކަންވެސް ވަކިން ސޮއިކޮށްފައި އެބައޮތް. އެއަށްފަހުގައި، ދެން، އަޅުގަނޑުމެން މަސައްކަތްކުރީ، ކުރިއަށް އޮތް އިންތިޚާބުތަކުގައި ހަތަރު ޕާޓީން އެއްބަސްވާ ލިޔުމެއް ނެރެވޭތޯ. އެހެންނަމަވެސް، އެ މަސައްކަތް ފުރިހަމަނުވެ އެއޮތީ. އޭގެ ސަބަބުން، މި ދެންނެވިހެން އަޅުގަނޑުމެންނާ ވަކިވަކިން އޭރު އެއްބަސްވުންތަކެއް ހަދާފައި، އޭގައި ހަތަރު ޕާޓީ ސޮއިކުރެވޭތޯ މަސައްކަތްކުރީ. އޭގައި އޮންނާނީ، ހަމަ ސަރުކާރު އެކުލަވައިލުމަށް އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ޝެއަރކުރާ ގޮތަށް.
ފަޒީނާ އަޙްމަދު – މިހާރު ނޫސް:
ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކައެއް، ކޯލިޝަން ސަރުކާރު ދަމަހައްޓަވާނެ ކަމަށް. ދެންމެވެސް އެ ނުކުތާ ފާހަގަކުރައްވައިފި. މަނިކުފާނުގެ ނަޒަރުގައި ކޯލިޝަނުގެ ތެރޭގައި މިހާރު އުފެދިގެން މި އުޅޭ ނުތަނަވަސްކަން ޙައްލުވާނީ ކިހިނެއްތޯ؟ އަދި ޙައްލުކުރައްވަން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ؟ މިހާރު އޮތް އެންމެ ރަނގަޅުގޮތަކީ މަޖިލިސް އިންތިޚާބަށް ޕާޓީތަކުން ވަކިވަކިން ވާދަކުރުންތޯ؟ ދެން ހަމަ އެއާއެކު، ވިދާޅުވެފައި އެބައޮތް، ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ޤާނޫނީ ހައިސިއްޔަތު ގެންނަވާނެ ކަމަށް. މިހާރު އޮތް ހާލަތުން އެ މަގަށް މަސައްކަތް ކުރެއްވިދާނެ ކަމަށް ގަބޫލުކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ނިމުނު ހިސާބުން ފަށާނަން އިނގޭތޯ. ކޯލިޝަނެއް ދެމިއޮންނާނެ ގޮތާއި، ކޯލިޝަން ސަރުކާރެއް ބައްޓަން ކުރެވިފައި އޮންނާނެ ގޮތް އިރާދަކުރެއްވިއްޔާ، ޤާނޫނެއްގެ ސިފައިގައި އަޅުގަނޑުމެން އެކުލަވައިލާނަން. އަދި، އަޅުގަނޑުމެންގެ ލެޖިސްލޭޓިވް އެޖެންޑާގައި އެބައޮތް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުންވެސް. އޭގެ ތެރޭގައި، ޤާނޫނުއަސާސީއަށްވެސް އެ ބަދަލު ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް، ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވުނު ވާހަކަތަކުން އެއްބަސްވެވިފައި އޮތީ. އެހެންނަމަވެސް، ޤާނޫނުއަސާސީ ބަދަލުކުރެވެންދެން، ޤާނޫނެއްގެ ސިފައިގައި އެކަން ކުރާގޮތަށް އަޅުގަނޑުމެން އެއްބަސްވީ. އެހެންވީމާ، ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި އެކަން ކުރިއަށްދާނެ އިނގޭތޯ.
ދެން އޮތީ، އަޅުގަނޑު ދެކޭގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެންމެ ރަނގަޅީ ކޮންގޮތެއްތޯ. އަޅުގަނޑަށް އަދިވެސް ގަބޫލުކުރެވެނީ، އަޅުގަނޑުމެން އެކުގައި ދިޔުމޭ ރަނގަޅީ އިނގޭތޯ. އަދި، ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑަކަށް ނުފެނޭ، މި ވަގުތު ޚިޔާލުތަފާތުވުންތަކުގެ ތެރެއަކުންނެއް، މި ކޯލިޝަން ރޫޅިގެން ދާތަނެއް. އަޅުގަނޑުމެން ކޯލިޝަން އެކުލަވައިލީވެސް ޚިޔާލުތަފާތުވުން ހުންނާނެކަން އެނގިގެން. އަދި، އެ ޚިޔާލުތަފާތުވުންތަކާ އެކީގައި ކުރިއަށްދާން އެއްބަސްވެގެން.
އެހެންވީމާ، އެކަން އޮންނާނެ އަޅުގަނޑުމެންގެ ކޯލިޝަން ތެރޭގައި. އަބަދުވެސް އެކިއެކި އިޝޫތަކުގައި ޚިޔާލުތަފާތުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރިއަށްދާނީ އެކީގައި، އިރާދަކުރެއްވިއްޔާ.
މޫސާ ރަޝީދު – އަވަސް ނޫސް:
އަޅުގަނޑުވެސް އެބައިން ދެތިން ސުވާލެއް އިނގޭތޯ. ފުރަތަމަ ސުވާލަކީ، ރައީސް ނަޝީދު ވަރަށް ގިނަ ފަހަރަށް ވިދާޅުވަމުން އެބަ ގެންދަވާ، ރައީސް ޞާލިޙުގެ ވަޢުދުފުޅުތައް ފުއްދޭނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމް.ޑީ.ޕީ.އަށް ލިބިގެންނޭ. ވާހަކައަކީ، އެމް.ޑީ.ޕީ.ގެ އަތުގައި މުޅި މަޖިލީހުގެ ބާރު އޮވެގެންނޭ، ރައީސް ޞާލިޙުގެ ވަޢުދުތައް ފުއްދޭނީ. މިކަން ގަބޫލުކުރައްވަންތޯ މަނިކުފާނު.
ދެން، ދެވަނަ ސުވާލަކީ، މިހާރު ޤާސިމާއި ނަޝީދާ ޖެހިގެން މިއުޅޭ މައްސަލަ ޙައްލުކުރެވޭނީ ކިހިނެއްތޯ މަނިކުފާނު ގަބޫލުފުޅުކުރައްވަނީ. އެމް.ޑީ.ޕީން މިހާރުވެސް ޕްރައިމަރީ ބާއްވައި 86 ދާއިރާއަށް ވަނީ ވާދަކުރައްވާފައި. ޓިކެޓް އަދި ހަވާލުނުކުރިނަމަވެސް، އެކަން އެއޮތީ ނިމިފައި. އެކަމަކު، އަނެއްކޮޅުން ޤާސިމް އިބްރާހީމް އަޅުގަނޑުމެންނަށް އެބަ ފެނޭ، ރައީސް ޔާމީންގެ ސަޕޯޓަރުންނާ އެއްކޮށް އުޅުއްވާ މަންޒަރު. ބައްދަލުކުރައްވައި، ޤާސިމް އިބްރާހީމާއި ރައީސް ޔާމީނާ ދެމެދު ވާހަކަތަކެއް ދެކެވޭކަމަށްވެސް، މި ދޭތެރެއިން އަޑުއިވިގެންދިޔަ. ކިހިނެއްތޯއޭ މި މައްސަލަތައް ޙައްލުކުރައްވާނީ؟ މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އަޅުގަނޑެއް ގަބޫލެއްނުކުރަން، މާ ބޮޑު މައްސަލައެއް އުޅޭ ކަމަކަށް. ރައީސް ނަޝީދާވެސް، އޮނަރަބްލް ޤާސިމް އިބްރާހީމާ ދޭތެރޭގައިވެސް މިއުޅެނީ ހަމަ ޚިޔާލުތަފާތުވުމެއް. އެ އުޅޭނެ ޚިޔާލުތަފާތުވުންތަކެއްކަން އެނގިގެން އަޅުގަނޑުމެން މި އުޅެނީ. އަޅުގަނޑު ކޮންމެ ދުވަހަކު ދެފަހަރު، ތިން ފަހަރު އެއިން ކޮންމެ ބޭފުޅަކާ އެބަ ވާހަކަ ދައްކަން އެކިއެކި އިޝޫތަކުގައި. މައްސަލައެއް ނުފެނޭ އަޅުގަނޑަކަށް އިނގޭތޯ. ސަރުކާރު ހިންގުމުގައި އަޅުގަނޑަކަށް އެއްވެސް ބޭފުޅަކު ހުރަހެއްނާޅުއްވާ. ހަމަ ރަނގަޅު ޚިޔާލާއި މަޝްވަރާ ދެއްވާ. އެއާއެކީގައި، އަޅުގަނޑު ކުރިއަށް މިދަނީ. އެހެންނަމަވެސް، މަޖިލިސް އިންތިޚާބުގައި ކުރިއަށް ދިޔުމާ ބެހޭގޮތުން އަޅުގަނޑު މި ދެންނެވިހެން އެއްބަސްވުމެއް ނެތީމާ، އަދި އެއްބަސްވުމެއް ނެތީމާ ކޮންމެ ބަޔަކުވެސް، އެބަޔަކު ބޭނުންވާވަރަށް ގޮނޑި ނެގުމުގެ މަސައްކަތް ކުރަމުން ގެންދަނީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަދިވެސް ހަމަ އެންމެ ރަނގަޅުވާނީ، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން.
މޫސާ ރަޝީދު – އަވަސް ނޫސް:
އެމް.ޑީ.ޕީ އަށް މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން އަޅުގަނޑުމެންނަށް ރަނގަޅުވާނީ.
މުޙައްމަދު ޝާން – ވީ.ޓީ.ވީ:
ކައިރި މުޞްތަޤްބަލެއްގައި ހަތަރު ލީޑަރުންނާއެކު މަނިކުފާނު ބައްދަލުކުރަން ނިންމަވާފައި އެބައޮތްތޯ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.
ދެވަނަ ސުވާލަކީ، މަނިކުފާނުގެ ވަޢުދުތަކުގެ ތެރެއިން މިއަދާ ހަމައަށް އައިއިރު، ވަޢުދު ފުއްދުމުގައި މަނިކުފާނު ހިތްހަމަޖެހޭވަރަށް ވަޢުދު ފުއްދިއްޖެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ހުރިހާ ލީޑަރުންގެ ބައްދަލުވުމަކަށް މިއަދު އަޅުގަނޑުމެން މަޝްވަރާކޮށްފިން އިނގޭތޯ. އަޅުގަނޑުގެ ދަތުރެއް އެބައޮތް މި ހަފްތާ ބަންދު ތެރޭގައި. އެއަށްފަހު މި ބަލަނީ، ހަފްތާ މެދުތެރޭގައި ހަތަރު ލީޑަރުންނާ އެކީގައި އަޅުގަނޑަށް އިށީނދެވޭނެ ކަމަށް.
އަޅުގަނޑުމެންގެ ވަޢުދުތައް، އަޅުގަނޑު ހިތްހަމަޖެހޭ ސްޕީޑްގައި ކުރިއަށް އެބަދޭ. ސަތޭކަ ދުވަހުގެ، ހަންޑްރެޑް ޑޭސް ޕްރޮގްރާމްގެ ތެރެއިން 66 ކަމެއް އަޅުގަނޑުމެން މިއޮތީ. އޭގެތެރެއިން، 56 ކަމެއް މިހާރުވަނީ ހާސިލުކުރެވިފައި. 80 ޕަސަންޓަށްވުރެ މަތީ އަދަދެއްގެ ޑެލިވަރީ އެބައޮތް. އެހެންވީމާ، އެއީ، ހިތްހަމަޖެހޭ އަދަދެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި، ރަނގަޅު އަދަދެއް އެއީ.
މާހަތު ޙުސައިން – ސަންގު ޓީ.ވީ:
އަޅުގަނޑު ފުރަތަމަ ސުވާލެއްގެ ގޮތުން ކޮށްލަން ބޭނުންވާ ސުވާލަކީ، ރައީސް ޔާމީންގެ ސަރުކާރުގައި ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރެއް. އެ އަމުރު ރަނގަޅުކަމަށް، ނުވަތަ އެ އަމުރު ތަންފީޒުކުރަންޖެހޭ ކަމަށް، ހަމަ މި ވަގުތު ސަރުކާރުގެ ކޯލިޝަނުގައި ތިއްބެވި ފަރާތްތައް އޭރުވެސް ދިޔައީ ގޮވައިލަމުން. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މި އަމުރު ތަންފީޒު ކުރައްވަފާނަންތޯ؟ ދެން، އަމުރު ތަންފީޒު ކުރުމަށް، މިފަދަ ހުރިހާ ކަންތައްތަކެއްގެ ތެރެއިން، ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ސުޕްރީމް ކޯޓުގެ ތެރެއިން ގަދަބާރުން ވަދެގަތުމާ، މިފަދަ ވަރަށް ގިނަ ކަންތައްތަކެއް ހިނގައިދިޔަތަން. ސުޕްރީމް ކޯޓު ތެރެއަށް ގަދަބާރުން ވަދެގަތުމާ، މިފަދަ ހުރިހާ ކަމެއް ހިނގައިދިޔައިރު، އެ މައްސަލަ ބައްލަވާނަންތޯ؟ އެއީ، ފުރަތަމަ ސުވާލު އަޅުގަނޑުގެ.
ދެން، ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު. އަދީބުގެ އާއިލާގެ ފަރާތުން ވަރަށް ގިނަ ތުހުމަތުތަކެއް އެބަ ކުރައްވާ ހޯމް މިނިސްޓަރ ޢިމްރާނަށް. ޚާއްޞަކޮށް އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅާކަމާ، މިފަދަ ތަފާތު އެކިއެކި ތުހުމަތުތަކެއް ހޯމް މިނިސްޓަރަށް ކުރައްވާއިރު، މި ތުހުމަތުތަކެއް މި ކުރައްވަނީ، ހޯމް މިނިސްޓަރުގެ މަޤާމުގައި އިންނެވި ބޭފުޅަކަށް. އެހެންކަމުން، ސަރުކާރުން އެއްވެސް ގޮތަކަށް އެ މައްސަލައެއް ބައްލަވަންތޯ. ސަރުކާރުން އެ މައްސަލަ ނުބައްލަވާ ކަމުގައިވާނަމަ، މަނިކުފާނުގެ އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް އެބައިންތޯ، ރައީސެއްގެ ހައިސިއްޔަތުން އެފަދަ ތުހުމަތެއް ޤަޢިދީއެއްގެ އާއިލާއެއްގެ ފަރާތުން، ޚާއްޞަކޮށް ކުރީގެ ނައިބު ރައީސްކަން ކުރައްވާފައި ހުރި ބޭފުޅެއްގެ އާއިލާގެ ފަރާތުން އެފަދަ ތުހުމަތުތަކެއް ކުރަމުންދާއިރު، އެ މައްސަލަ ބެއްލެވުމުގެ އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް އެބައިންތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އިންތިޤާލީ ޢަދާލަތު ޤާއިމުކުރުން އެބައޮތް އަޅުގަނޑުމެންގެ މަސައްކަތްތަކުގެ ތެރޭގައި. އެ ކޮމިޓީގެ މަސައްކަތާ އެކީގައި އެއިން އަންނަ ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން އިނގޭތޯ. އެހެންވީމާ، އޭގެ ތެރޭގައި ތިޔަ ވިދާޅުވާ ކަންތައްތައް ހުންނާނެ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. އެހެންވެއްޖިއްޔާ، އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް އިނގޭތޯ.
ދެން، އަދީބުގެ މައްސަލަ. އަޅުގަނޑުމެންނަށްވެސް އެބަ އާދޭ. އަޅުގަނޑަށްވެސް އެބަ އާދޭ. އެއާބެހޭ ހުށަހެޅުންތައް، ލިޔުންތައް އެބަ އާދޭ. ސިޓީ އެއްޗެތި، އާއިލާގެ ފަރާތުންވެސް އެބަ އާދޭ އިނގޭތޯ. އަޅުގަނޑުމެން ބަލަމުން އެބަ ގެންދަން އެކަން. އަޅުގަނޑު މިހާތަނަށް ބެލި ބެލުމުގައި، ހޯމް މިނިސްޓްރީންވެސް އަދި ކަރެކްޝަން ޑިޕާޓްމަންޓުންވެސް ޢަމަލުކުރައްވަމުން ގެންދެވީ، ޤަނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް. އޭގައި މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް އަދި ފާހަގަކުރެވިފައެއް ނެތް.
އާމިނަތު ނުޒްހާ – ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެވެސް ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، ރޭގައި ޤާސިމް އިބްރާހީމް އެބައޮތް ވިދާޅުވެފައި، ތިޔަބޭފުޅުންގެ ލީޑަރުންގެ ތެރެއިން އެއް ބޭފުޅެއް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތެއް އެބައޮތް ކުރައްވާފައި. އެފަދަ އިޝާރާތެއް ނުވަތަ އެފަދަ ހިލަމެއް މަނިކުފާނަށް އެބައޮތްތޯ ވެފައި. ދެން، އަޅުގަނޑުގެ މި ސުވާލަށް ޖަވާބުދިނީމާ އަނެއް ސުވާލަށްދާން ގަސްދުކުރަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
މި ސަރުކާރު ވައްޓާލުމަށް ކޯލިޝަނުގެ ތެރެއިން އެއްވެސް ބޭފުޅަކު، އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނެތް. އަދި، އެކަމެއް ނުވެސްކުރައްވާނެ އެއްވެސް ބޭފުޅަކު.
އާމިނަތު ނުޒްހާ – ރާއްޖެ ޓީ.ވީ:
މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ކެންޕެއިންގެ ތެރޭގައިވެސް އިނގޭތޯ. މުއައްސަސާތައް އިޞްލާޙު ކުރުމުގެ މަސައްކަތް ބާރަށް ކުރައްވާނެ ކަމަށް، ވެރިކަމަށް ވަޑައިގަތުމަށްފަހު. ކޮން އިރަކުންތޯ؟ މިނިވަން މުއައްސަސާތައް އިޞްލާޙު ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރައްވާތަން އަޅުގަނޑުމެންނަށް ނުފެންނާތީ، މިހެން މި އަހާލީ. ކިހިނެއް، ކޮންއިރަކުންތޯ މުއައްސަސާތައް އިޞްލާޙު ކުރުމުގެ މަސައްކަތް ފަށްޓަވާނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އަޅުގަނޑު ގަބޫލުކުރާގޮތުގައި އެތާތިބި މީހުން އެކަނި ބަދަލުކޮށްގެން އިޞްލާޙުވާނެ ކަމަކަށް ނުދެކެން އަޅުގަނޑު. ބައެއް މުއައްސަސާތައް ސްޓްރަކްޗަރ ކުރެވިފައި އޮތްގޮތުން އެއަށް ބަދަލުގެނެސްގެން ނޫނީވިއްޔަކާ ނުކުރެވޭނެ. މިސާލަކަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން ކަމަށްވިޔަސް. އަދި، އޭ.ސީ.ސީ ކަމަށްވިޔަސް. އެބަޖެހޭ، ލިބެންޖެހޭ ބާރުތަކަކާއި، އަދި ޤާނޫނީގޮތުން އެކުލެވިފައި އޮތް ގޮތަށްވެސް ބަދަލުތައް ގެންނަން. އެ އެޖެންޑާގައި ހުރި މަސައްކަތްތައް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން އެބަ ގެންދަވާ. އަދި، ލާމަރުކަޒީ ޤާނޫނަށް އެ ގެންނަންޖެހޭ ބަދަލުގެ މަސައްކަތްވެސް ކުރައްވަމުން އެ ގެންދަވަނީ. އެއަށްފަހުގައި، ޤާނޫނުތަކަށް ބަދަލުގެނެސްފައި، އެއާއެކީގައި، އެއަށް ބަދަލުނުގެނެހެއް، ރަނގަޅު ޙައްލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިއޮތީ ބޯމަތިވެފައި. އެހެންވީމާ، އެއަށް ޖާގަ ދިނުން އެއީ ރަނގަޅު އެއްގޮތް ކަމަށް ވެދާނެ. ދެން އެކަމަކު، ޤާނޫނުތައް ޑްރާފްޓް ކުރެވި، ނިމެމުންދާވަރަކަށް މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅަމުން ގެންދާނަން. ވަރަށް ބާރު ސްޕީޑްގައި އެކަން އެބަ ގެންދޭ.
އިބްރާހީމް ނާޒިމް – އެމް.ވީ.ޓީ.ވީ:
މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވާފައިވާތީ، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ، ކުރީގެ ސަރުކާރުންވެޔޭ، ދެ ޤައުމަކާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައި. އެއީ، ޤަޠަރާއި އީރާން. ދެން، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އެ ދެ ޤައުމާ އަލުން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރައްވާނެ ވާހަކައެއް އަޅުގަނޑު އަޑުއަހާފައި ވަނީ. މިހާރު އެ ކަންތައް ކިހާ ހިސާބަކަށްތޯ ގޮސްފައި ވަނީ. ޖީ.ސީ.ސީ.ގެ ޤައުމުތަކުގެ މެދުގައި އަދި ޚިޔާލުތަފާތުވުންތަކެއް ހުރި ކަމުގައިވިޔަސް، ދިވެހިރާއްޖެއާއި މެދުއިރުމަތީގެ، ޤަލްފުގެ ޤައުމުތަކަށް ޚާއްޞަކޮށް ބައިލެޓެރަލް ގުޅުންތައް ކިހިނެއްތޯ؟ ރަނގަޅު ކުރެވިފައިވޭތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ކުރިއަށްވުރެ ވަރަށް ބޮޑުތަން، ހުރިހާ ޤައުމަކާވެސް އޮތް ގުޅުން ބަދަހިވެއްޖެ. ބައިނަލްއަޤްވާމީ ޢާއިލާތެރެއަށް އަޅުގަނޑުމެންނަށް ވަދެވިއްޖެ މިހާރު އިނގޭތޯ. ކުރީގައި އެއޮތް އެކަހެރިގޮތް ނެތި ހިނގައްޖެ އިރާދަކުރެއްވިއްޔާ، މި ގެނެވުނު ބަދަލުތަކުގެ ސަބަބުން. ޤަޠަރާއި އީރާނާ އެކުގައި އަދި ކޮމަންވެލްތާ އެކުގައިވެސް. ދެން، ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް މިހާރު ނިމުމަކަށް ގޮސްފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ. ޤަޠަރާއި އީރާނާ އެކުގައި އޮތް ގުޅުން އަލުން އިއާދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ފޮރިން މިނިސްޓްރީން އެބަ ގެންދަވާ މިހާރު.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިވަމުން އަންނައިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ހައިސިއްޔަތު އޮޅޭ ހިސާބުގައި. ހައިސިއްޔަތޭ މި ދެންނެވީ، އެބޭފުޅުންނަށް ކުރިމަތިލެއްވޭނެތޯ، ނުލެއްވޭނެތޯ އޮތް ހިސާބުގައި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ.
ދެން މަނިކުފާނު ދެންމެއަކުވެސް ވިދާޅުވެއްޖެ، މިނިވަން ކޮމިޝަންތައް ރަނގަޅުކުރުމަކީ އެތަނުގެ މީހުން ބަދަލުކުރުމެއް ނޫނޭ. އެހެންނަމަވެސް، ޕީ.ޕީ.އެމް ތުހުމަތުކުރާގޮތުގައި ހަމަ ޒާތީގޮތެއްގައި އެބޭފުޅުންގެ ފޯމްތައް ރިޖެކްޓްކޮށް، މިކަހަލަ ކަންތައްތަކެއް ހިންގާކަމަށް މިބޭފުޅުން
މި ތުހުމަތުކުރައްވަނީ. އަޅުގަނޑަށް ހީވަނީ މި މަހު ފަހުކޮޅުކަންނޭނގެ، އިލެކްޝަންގައި ނޮމިނޭޝަން ފައިލްކުރަންޖެހޭނެ. އެހިސާބަށްދާއިރު، ޕީ.ޕީ.އެމް އަށް ވާނީ ކިހިނެއްތޯ؟ އެބޭފުޅުން އަލަށް އުފައްދާ ޕާޓީއަށް ވާނީ ކިހިނެއްކަމެއް ނޭނގެ. އެއީ ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން، ވައިބްރަންޓް އިދިކޮޅު ޕާޓީއެއްނެތި، އޭތި ފަންކްޝަން ކުރާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އަޅުގަނޑުގެ އެއް ސުވާލަކީ، ކޯލިޝަންގެ ޕާޓްނަރުންގެ ވިސްނުމުގެތެރެއިން ދާކަމެއްތޯ މިކަމަކީ؟
އަނެއް ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިނިވަން މުއައްސަސާތައް ފަންކްޝަން ނުކުރާ ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ކިހިނެއްތޯ އެކަމުގައި އަދާކުރައްވަންޖެހޭނީ؟ މި ދެ ސުވާލު. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ޤާނޫނުއަސާސީގައި ބުނާގޮތުން، ޤާނޫނުތަކާ އެއްގޮތަށް ދައުލަތުގެ ހުރިހާ އޮފީސްތަކަކާއި މުއައްސަސާތައް ހިނގާތޯ ބެލުމުގެ ޒިންމާ، ތިޔަ ވިދާޅުވާހެން ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެބައޮތް އެޅިފައި. ޤާނޫނީ އިމުގެ ތެރެއިން އެކަން އަޅުގަނޑު މިދަނީ ކުރަމުން. އަޅުގަނޑުގެ އެދުމަކީ އިނގޭތޯ، ހުރިހާ މުއައްސަސާއަކުންވެސް ޤާނޫނާ އެއްގޮތަށް ޢަމަލުކުރެއްވުން. ވަކި ފަރާތަކަށް، ވަކި މީހަކަށް، ވަކިގޮތެއް ހެދުމެއްނެތި، ހަމަ އެންމެންނަށް ހަމަހަމަކޮށް، އިދިކޮޅު ޕާޓިއެއް ކަމަށްވިޔަސް، އަދި ސަރުކާރާ އެއްކޮޅު ޕާޓީއެއް ކަމަށްވިޔަސް، ވަކިވަކި ފަރުދުން ކަމަށްވިޔަސް، ދޭންޖެހޭ މިނިވަންކަމާއި، ޙައްޤުތައް ލިބޭގޮތަށް މަސައްކަތްކުރުން. އަޅުގަނޑު ވަރަށް ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ، އިންތިޚާބަކާ ހިސާބަށް އަންނައިރުގައި، އެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔުމުގެ އުންމީދު އެބައޮތް އަޅުގަނޑުގެ.
ޢަބްދުﷲ މުޢާޒު- ޕީ.އެސް.އެމް ނިއުސް:
ދެންމެ އަމާޒުކޮށްލި ސުވާލާ ގުޅޭ ސުވާލެއްކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ހަމަ މި ސުވާލު މަނިކުފާނަށް އަމާޒުކޮށްލަން ބޭނުންވޭ. ޕީ.އެން.ސީ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން. ކޯލިޝަންގެ އެއް ޕާޓްނަރ ޤާސިމް އިބްރާހީމް ރޭ ވިދާޅުވެފައިވޭ، ރައްޔިތުންގެ މަޖިލީހަށް ސައުވީސް ގަޑިއިރު ފަންކްޝަން ކޮށްގެން ނަމަވެސް، ޕީ.އެން.ސީ އުފެއްދުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް. ދެން މަނިކުފާނަކީ ވަރަށް ގިނަ ދުވަސް ވަންދެން މަޖިލީހުގައި މަސައްކަތް ކުރައްވާފައި، އެކަމުގެ ވަރަށް ޚާއްޞަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް އަޅުގަނޑު ހިތުން. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ، ޕީ.އެން.ސީ އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ހުރަސްއަޅުއްވަމުންދާ ކަމަށް ތުހުމަތު ކުރައްވާއިރުގައި، ޤާސިމް ވިދާޅުވެފައިވޭ، އެފަރާތްތަކަށްވެސް ޕާޓީ އުފެއްދުމުގެ އިޚްތިޔާރު ނުވަތަ އެ ފުރުޞަތު ދެއްވަން ޖެހޭނެކަމަށް. އެފަދަ ހުރަސްތަކެއް އެބަ ކުރިމަތިވާކަމަށް.
މަނިކުފާނު ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟ އެފަދަ ހުރަސްތަކެއް އަންނަކަމަށް ނުވަތަ ޕީ.އެން.ސީ އުފެއްދުމުގައި ޒާތީ ކަންތައްތަކެއް ކުރިމަތިވާ ކަމަށް މަނިކުފާނު ގަބޫލުކުރައްވާނަންތޯ؟ މަނިކުފާނުގެ މިކަމުގައި އޮތް ޚިޔާލަކީ ކޮބައިތޯ؟ ނުވަތަ ވިސްނުންފުޅަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އަޅުގަނޑުގެ އެދުމަކީ ހަމަ މީގެ ކުރީގެ ސުވާލަށް ދިން ޖަވާބުގައިވެސް ދެންނެވިފަދައިން، ޤާނޫނާ އެއްގޮތަށް، ހުރިހާ މުއައްސަސާތަކުން ހުރިހާ ފަރާތްތަކާ ދޭތެރޭގައި ހަމަހަމަކޮށް މަސައްކަތް ކުރެއްވުން އިނގޭތޯ. އެގޮތުން އިލެކްޝަންސް ކޮމިޝަނުންވެސް އެގޮތަށް މަސައްކަތް ކުރައްވާނެކަމަށް އަޅުގަނޑަށް ހަމަ ޔަޤީންކުރެވޭ އިނގޭތޯ. ޤާނޫނާ އެއްގޮތަށް ތިޔަ ނުކުމެގެން އުޅޭ މައްސަލައަށްވެސް އެބޭފުޅުން ޙައްލު ހޯއްދަވާނެކަމަށް އަޅުގަނޑުގެ ޔަޤީންކަން އެބައޮތް އިނގޭތޯ.
ނޫސްތަކުން މި ފެންނަގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މި ވިދާޅުވަނީ، ހުށަހަޅާފައި ހުރި ފޯމްތަކެއްގެ ޞައްޙަކަން ނެތިގެން، އެއަށް ލަސްވެގެންދާ ވާހަކަ. އެހެންވެއްޖިއްޔާ އެއަށް ޙައްލު ހޯދުމުގެ މަސައްކަތް، އިލެކްޝަންސް ކޮމިޝަނުން ކުރައްވާނެ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ އިނގޭތޯ.
ދެން ރައްޔިތުންގެ މަޖިލީހުން ސީދާ ޕާޓީތައް އުފެއްދުމުގެ ދައުރެއް އަދައެއްނުކުރާނެ. އެއީ އެ ބާރު މިއޮތީ އިލެކްޝަންސް ކޮމިޝަނަށް ދީފައި. ދެން ރައްޔިތުންގެ މަޖިލީހަށް އެއާ ބެހޭގޮތުން މައްސަލައެއް ހުށަހެޅިއްޖިއްޔާ ކަންކުރާނެ ގޮތަކާ ދޭތެރޭގައި ތިޔަ ވިދާޅުވީ. އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގައި ކުރިން އެބަހުރި، އެއްދުވަހު ބިލް ހުށަހަޅާފައި، އެއް ދުވަހު ފާސްކޮށްފައި، ތަޞްދީޤުކޮށްފައި، އެއަށް ބަދަލު ގެނެސްފައި ތަޞްދިޤުކޮށްފައި، އަލުންވެސް ތަންތަން އެކުލަވައިލާފައި.
އަޅުގަނޑު މި ދެންނެވީ، ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވައިލި ދުވަހުގެ ވާހަކަ. ބިލު ހުށަހަޅާފައި، ފާސްކޮށްފައި، ތަޞްދީޤުކޮށްފައި، އަދި އެ ޤާނޫނަށް އިޞްލާޙު ގެނެސްފައި ތަޞްދީޤުކޮށްފައި، މީހުން ޢައްޔަނުކޮށްފައި ހުރީ. އެކަހަލަ މަސައްކަތްވެސް ކުރައްވާފައި މަޖލީހުގައި އެބަހުރި އިނގޭތޯ. އެހެންނަމަވެސް، އެ ކަންތައްތައް މަޖިލީހުން މިހާރު ކުރައްވަންވާނީ އަޅުގަނޑު ދެކޭގޮތުގައި، ފުރުޞަތު ދީގެން ހުރިހާ ފަރާތްތަކަށް، އޭގައި އޮތް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން.
މޫސާ ރަޝީދު- އަވަސް އޮންލައިން:
އަޅުގަނޑުގެ ސުވާލަކީ ރައީސްގެ ވަރަށް ބޮޑު ވަޢުދެއް މިއީ، ޝަރުޢީ ނިޒާމު އިޞްލާޙު ކުރުން. ޝަރުއީ ދާއިރާ އިޞްލާޙުކުރުމަކީ މިއީ. ސަރުކާރުން ހާމަކުރައްވާފައިވޭ، މަރުގެ ޙުކުމް ތަންފީޒުކުރާނީ ޝަރުޢީ ދާއިރާ އިޞްލާޙުވުމުން ކަމަށް. އަޅުގަނޑުގެ ސުވާލަކީ ކުރިއަށް މި އޮތް ފަސް އަހަރުގެ ތެރޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެތޯ، ނުވަތަ އެކަން ކުރާތަން ފެނިގެންދާނެތޯ؟
ދެން ދެވަނަ ސުވާލަކީ، މަނިކުފާނު ކުރިން ދެންނެވި އެއްބަސްވުމުގައި ވިދާޅުވެއްޖެ، އެބައިނޭ ޙަސަން ލަޠީފު ސޮއިކުރެއްވި ކަމަށް، މަނިކުފާނާއި ޙަސަން ލަޠީފާ ސޮއިކުރެއްވިކަމަށް އެއްބަސްވުމެއްގައި. އެ އެއްބަސްވުމުގައި އެބަ ބުނޭ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވާދަކުރާނީ މިވެނި ގޮތަކަށޭ. މިވެނި ފޯމިއުލަރއަކަށޭ. އޭރު ޙަސަން ލަޠީފު ސޮއިކުރެއްވިއިރު، މިދުވަސް އަންނާނެކަމަށް ވިސްނާފައިތޯ ސޮއިކުރެއްވީ؟ ނުވަތަ މިއަދު އެއްކޮށް ގުޅިގެން މަސައްކަތްކުރަން ނިންމާފައިތޯ ސޮއިކުރެއްވީ؟ އޭރު ކޮންކަހަލަ ވާހަކަތަކެއްތޯ ދެކެވުނީ؟ އެއަށް ޖަވާބެއް ދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ޙަސަން ލަޠީފާއި އަޅުގަނޑާ ސޮއިކުރީ ހަމަ އެއް ގަނޑެއްގައި އިނގޭތޯ. އެއީ މިދަންނަވާ ވަކިވަކިން ކޮށްފައި އޮތް އެއްބަސްވުމެއްގެ ވާހަކަ މި ދައްކަނީ. އަނެއްކާވެސް މި ދަންނަވަނީ ކަންދިމާކުރިގޮތުން ހުރިހާ ޕާޓީތަކަކަށް އެއްބަސްވެ ސޮއެއް، އެޔަކު ނުކުރެވުނު އިނގޭތޯ އެ ރެޔަކު. ދެން އެހިސާބުން އޮތްގޮތަށް އޮތީ. އެހެންވީމާ، ހަސަން ލަޠީފު ވިދާޅެއްނުވާނެ، ސޮއިނުކުރާ ވާހަކައެއް އެޔަކު އިނގޭތޯ.
ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ، އަޅުގަނޑުމެން އިސްކަންދޭ އެންމެ މުހިންމު އެއް ކަންތައް އިނގޭތޯ. ރާއްޖޭގައި އިންޞާފު ނުލިބިއެއް އެއްކަމެއްވެސް ނުވާނެ. އެއީ ޑިމޮކްރަސީއެއްވެސް ނޯންނާނެ، ރައްޔިތުންނަށް އިންޞާފު ނުލިބޭ ކަމަށްވަންޏާ. އެހެންވީމާ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ، އާ މަޖިލީހާ އެކީގައި އެކަން އަދި އެއަށްވުރެ ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
ސަރުކާރުގެ، ކުރިޓީކްސް މި ބުނާގޮތުން ވެއްޖިއްޔާ، ތިންމަހާ ކައިރިވާންދާއިރު، ތަރައްޤީގެ އެއްވެސް މަޝްރޫޢުތަކެއް ނުހިނގާކަމަށް މި ބުނަނީ. ޕީ.އެސް.އައި ކަންނޭނގެ. ދެން އަޅުގަނޑަކަށް ނޭނގެ، އެއަށް ކިޔާނަމެއް. އޭގެ އެއްވެސް މަޝްރޫޢެއް ނުހިންގައޭ. ކީއްވެގެންތޯ އެ މަޝްރޫޢުތައް ނުފެށްޓިގެން، ޚާއްޞަކޮށް ބަޖެޓުގައި ހުރި މަޝްރޫޢުތައް ނުފެށްޓިގެން މި ލަސްވަނީ؟
އަނެއް ސުވާލަކީ ސަރުކާރަށް ތިންމަސްވާއިރު، ތިޔަބޭފުޅުންގެ އިވެލުއޭޝަނަކުން، ފަންކްޝަން ނުކުރާ، ރަނގަޅަށް މަސައްކަތްނުކުރާ މިނިސްޓަރުންތައް ބަދަލުވާނެތޯ؟ ނޫނީވިއްޔާ ހަމަ އެބޭފުޅުންނާ އެއްކޮށްތޯ ތިޔަބޭފުޅުން މަސައްކަތް ކުރައްވާނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ޕީ.އެސް.އައި. މަޝްރޫޢުގެ، ގާތްގަނޑަކަށް ހުރިހާ މަޝްރޫޢެއް، މީގެ މަޝްރޫޢުތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސްޓަޑީކޮށް ހަދައި، މިހާރު ގާތްގަނޑަކަށް ނިމިފައި އެއޮތީ އިނގޭތޯ. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާތެރޭގައި ޕީ.އެސް.އައި.ޕީ. ގައި ހިމެނޭ ވޯޓަރ އެންޑް ސުވަރޭޖާއި، މަގުހެދުމާބެހޭ ހުރިހާ މަޝްރޫޢެއް ބިޑަށް ހުޅުވައިލެވޭނެ. އެއާއެކީގައި ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ފެށިގެންދާނެ. ފައިސާގެ ބަޖެޓުގައި އެއަށް ދަތިކަމެއް އޮތީކީއެއްނޫން. އެހެންނަމަވެސް، ކުރީގައި ބައެއް ކަންތައްތައް ކޮށްފައި ހުރިގޮތުން، އެއަށް ގެންނަންޖެހޭ ބަދަލުތައް ހުރީ.
މިސާލަކަށް ދަންނަވާނަމަ، އެއަރޕޯޓް. އެއަރޕޯޓުގެ ވަރަށް ބޮޑު ބިޔަ ޕްރޮޖެކްޓެއް އެދަނީ އިނގޭތޯ. ދާއިރުގައި ރަންވޭ މިހާރު ނިމިފައި އެއޮތީ. އެހެންނަމަވެސް، ޓަރމިނަލް ނުނިމިއެއް، އެއެއް ނެތް ވާކަށެއް. ޓަރމިނަލްގައި ޖަހާފައި އެހުރި ކޮލަމްތައް ޖަހާ ނިމުނުއިރުގައި، ޓަރމިނަލުގައި ނެތް ޕްލޭނެއް. ކުރެހުމެއް ނެތް. އަދިވެސް ނެތް. އެތެރެ އޮންނަންވީ ގޮތެއް ނޭނގެ. މުޅި ޑިޒައިން ނެތް.
އެހެންވީމާ، އެ މަސައްކަތް އެ ތަނުގައިވެސް އެބަ ކުރަންޖެހޭ. އަނެއްކާ އަޅުގަނޑުމެންނަށް މިހާތަނަށް އަޑުއިވެމުންދިޔައީ، އެއަރޕޯޓާ ބެހޭގޮތުން ހަތް މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކޭ އެއީ.
މިއަދު އޭގެ ތަފްސީލަށްގޮސް ބަލާއިރުގައި، މި ދައްކާ ވާހަކައަކީ 3.7 މިލިއަން ޕަސެންޖަރުންނަށް އެރައިވަލް، އެ މޫވްމަންޓް ހައި. 3.7 މިލިއަން މީހުން އައިސް ފުރުމަށޭ. ހަތް މިލިއަން މީހުންގެ އެރައިވަލްއަކަށް ނޫން އެތަން ތައްޔާރުކުރައްވާފައި އޮތީކީ. އޭގެ މާނައަކީ ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަން ފުރޭނެއޭ. އެކަހަލަ އެތައް އެތައް ކަމެއް.
ދެން މިސާލަކަށް، މި ޒަމާނުގައި އެއަރޕޯޓް ހަމައެކަނި އެއީ ފުލައިޓް ޖައްސާ، ފުރާ ތަނެއް އެކަންޏެއްނޫން ދޮގެއްތޯ. އެއީ ވަކިން މާކެޓް ކުރާތަނެއް. ވިއްކާ ތަނެއް. އެކަހަލަ އެއްވެސް ޕްލޭނެއް އެތާ އެތެރެއަކުވެސް ނެތް. އެކަހަލަ ކިތަންމެ ކިތަންމެ ކަމެއް އެބަހުރި.
ދެން އެސް.ޓީ.އޯ.އަށް ބައްލަވާ! އެސް.ޓީ.އޯ.ގެ އެ ހިންގާ ވިޔަފާރިތަކުގެ ތެރެއިން ފައިދާ މިވަނީ އެންމެ ދެ ތަނުން. ދެ ދާއިރާއަކުން އެކަނި ފައިދާ ވަނީ. ދެން މިހުރީ ހަމަ ގެއްލުމުގައި ހިންގާ ތަންތަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އިލެކްޓްރޯނިކްސް ވިއްކާ ތަނެއް މިތާ ކަންމަތީގައި ހުރިތަން. ގެއްލުމުގައި ވިއްކާ ތަނެއް. ގެއްލުމުގައި އެ ވިޔަފާރި އެ ހިންގަނީ. މާލެއިން އެއްޗެތި ގަނެގެން އެތަނަށްލައިގެން އެބަ ހިންގާ. މިހާރު އެތަން ބަންދުކޮށްފައި އެހުރީ އަޅުގަނޑުމެން. ދެން ތިޔަބޭފުޅުންނަށް ފެންނާނެ ސުޕަރމާކެޓެއް. ގެއްލުމުގައި ހިންގާ ތަނެއް. ކީއްކުރަންތޯ އެކަހަލަ ކަންތައް އެކުރަނީ؟ އަޅުގަނޑުމެންނަށް މިޖެހެނީ އެއަށްވެސް ބަދަލުގެންނަން. ހަމަ އެގޮތަށް ސަރުކާރުން ކުރިއަށް ރާވާފައި ހުރި ކިތަންމެ ޕްރޮޖެކްޓެއްގައި، އެކަހަލަ ކިތަންމެ މައްސަލަތަކެއް އެބަހުރި. އެހެންވީމާ، އެއަށް އެބަ ވަގުތު ނަގާ.
އަނެއްކާ ހައުސިންގ. ތިޔަބޭފުޅުން ބައްލަވާ، ހަތަރު ސަތޭކަ އަކަފޫޓުގެ ތެރޭގައި، ދެ ކޮޓަރިއާއި ލިވިންގރޫމަކާއި، ބަދިގެއަކާ އަޅައިގެން، ކާކުތޯ، ކިހިނެއްތޯ އުޅޭނީ އެތާ؟ އެއަށް އެބަޖެހޭ ބަދަލުގެންނަން. މިއީ ހަދާފައި ހުރި ޕްލޭންތައް، ޕްރޮޖެކްޓްތައް ހުރި. އެހެންވެގެން އެ އެއްޗިއްސަށް ބަދަލުގެންނަން އެބަޖެހޭ. ހައުސިންގ ޕްރޮޖެކްޓްވެސް މިހާރު ލަސްވެގެން އެދާ އެންމެ ބޮޑު ސަބަބަކީ އެއީ. ދިރިއުޅެން ހަދާ ތަނެއް ކަމަށްވަންޏާ، ދިރިއުޅެވެންޖެހޭނެ ދޮގެއްތޯ. ހަތަރުސަތޭކަ އަކަފޫޓުގައި ކިހިނެއްތޯ ދެ ކޮޓަރި ހަދައިގެން މީހަކު ދިރިއުޅޭނީ؟ އެހެންވީމާ، އެއަށް ގެންނަންޖެހޭ ބަދަލުތަކަށް، ބައެއް ޕްރޮޖެކްޓްތަކުގައި ވަގުތު މި ނަގަނީ.
ދެން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބިޑަށްލާފައި އޮތް 20 ރަށެއްގެ ފެނާއި ނަރުދަމާގެ މައްސަލަ. ބިޑަށް ހުޅުވާލިއިރުގައި މިއޮތީ ފެނާއި ނަރުދަމާ އެއްކޮށް 800 މިލިއަން ރުފިޔާ. ސޮއިކުރިއިރުގައި މިއޮތީ ހަމައެކަނި ނަރުދަމާ. އެ ފެނުގެ ބައެއް ނެތް. ދެން އަޅުގަނޑުމެންނަށް މިޖެހެނީ އެ ހުއްޓުވާލަން.
އެހެންވީމާ، އެކަހަލަ ކިތަންމެ ކިތަންމެ ކަމެއް ހިންގާފައި އެބަހުރި. އެހެންވީމާ އެއަށް ނަގާ ވަގުތު މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބަޖެޓުގައި އެހުރި ކަންތައްތައް، މި ދެންނެވިހެން މި އަންނަ ހަފްތާތެރޭގައި އިޢުލާނު ކުރެވި، މަސައްކަތް ފެށިގެންދާނެ އިނގޭތޯ.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
މިނިސްޓަރުންގެ އިވެލުއޭޝަން؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އާނ ބަލާނަން އިނގޭތޯ. އެކަން ކުރާނަން. އަޅުގަނޑުމެން މިއަދު ކަންނޭނގެ ކޮމިޓީއެއް އޭގައި އެބަ އެކުލަވައިލަން. ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީ ކިޔާ. އެއިން ބަލަމުން ގެންދާނެ، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްވެސް. އެއަށްފަހުގައި އެއާދޭތެރޭގައި ބަދަލެއް ގެންނަންޖެހޭ ތަންތަނަށް އަޅުގަނޑު ބަދަލު ގެންނާނަން.
ފަޒީނާ އަޙްމަދު – މިހާރު ނޫސް:
ރައީސްގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވެއްޖެ، ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލިހެކޭ އޮންނަންޖެހޭނީ. ދެން އަޅުގަނޑަށް ހީވަނީ ތަފާތުގޮތަކަށް އެ މާނަކުރުމުގެ ފުރުޞަތު އެބައޮތްހެން. ތަފްސީލުކޮށް ވިދާޅުވެދެއްވަފާނަންތޯ، ކޯލިޝަން ޕާޓީތަކަށް އޮންނަ ވާހަކަތޯ، ނޫނީ އެމް.ޑީ.ޕީ އަށް އޮންނަ ވާހަކަތޯ؟
ދެން އަނެއް ސުވާލަކީ، ކުރީގެ ރައީސުންނަށް ވާދަނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީއަށް އިޞްލާޙެއް މިހާރު ހުށަހަޅައިގެން އެބައުޅޭ. ދެން މަޖިލީހުގައި ކަންތައް ކުރިއަށްދާގޮތަކުން، ކޯލިޝަންތައް ހެދިގެންދާ ގޮތަކުން އެ ފާސްވެއްޖެނަމަ، ރައީސް ތަޞްދީޤު ކުރައްވަފާނަންތޯ؟
ދެން ފަހު ސުވާލަކީ ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މިހާރު އެންމެ ބޮޑަށް މި ދެކެވެނީ. އަޅުގަނޑަށް ހީވަނީ ކޯލިޝަން ތެރޭގައި ނުތަނަވަސްކަން އުޅޭ އެއް ސަބަބަކިވެސް އެ ތުހުމަތު.
އެހެންވީމާ، ރައީސްގެ ވިސްނުންފުޅު، މިކަމުގައި ސާފުކޮށްދެއްވުން އެއީ އަޅުގަނޑަށް ހީވަނީ މިހާރު އޮތް ކަމެއްހެން. ރައީސް ތާއީދު ކުރައްވަފާނަންތޯ ބަރުލަމާނީ ނިޒާމަކަށް؟ މިކަހަލަ ހާލަތެއް މެދުވެރިވެދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ސަރުކާރު އުފެދިފައި މިއޮތީ ހަތަރު ޕާޓީ އެކުލެވޭ ކޯލިޝަނެއްގެ ސަބަބުން. އަޅުގަނޑު ދެކެން ބޭނުން، ރައްޔިތުންގެ މަޖިލީހުގައި އެ ހަތަރު ޕާޓީގެ މެންބަރުން ތިބޭތަން. އެއާއެކީގައި ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އަޅުގަނޑު ބޭނުންވަނީ. އެ ހަތަރު ޕާޓީގެ މެންބަރުން ތިބޭ، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އަޅުގަނޑު ބޭނުންވަނީ އިނގޭތޯ.
ދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ކުރިމަތިނުލެވޭގޮތަށް ޤާނޫނުއަސަސީއަށް އެ ގެންނަ އިޞްލާޙު އަޅުގަނޑު ތަޞްދީޤެއް ނުކުރާނަން އިނގޭތޯ. އެއްވެސް މީހެއްގެ، އެކަހަލަ ސިޔާސީ މަސައްކަތަކަށް ހުރަސްއެޅޭ އެއްވެސް އިޞްލާޙަކަށް، އެއްވެސް ކަމަކަށް އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑު ތަޞްދީޤެއް ނުކުރާނަން.
ދެން އޮތީ ބަރުލަމާނީ ނިޒާމެއްތޯ، ރިޔާސީ ނިޒާމެއްތޯ އޮތް މައްސަލަ ދޮގެއްތޯ؟ ފުރަތަމަ ސުވާލަކީ ރާއްޖޭގައި މިއޮތީ ކޮން ނިޒާމެއްތޯ؟ އެއެއް ނޭނގެ އަޅުގަނޑުމެންނަކަށް އިނގޭތޯ. ރިޔާސީ ނިޒާމެއްގެ ސިފަތަކެއްވެސް ހަމައެއްނުވޭ. ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއްވެސް މިއަކު ހަމައެއްނުވޭ.
އެހެންވީމާ، ޤާނޫނުއަސާސީއަށް އެބަޖެހޭ ބަދަލުގެންނަން. ރިޔާސީ ނިޒާމް ފުރިހަމައަށް ހިންގަން ބޭނުންކަމަށްވަންޏާ، އެގްޒެކްޓިވް ޕަވަރތަކެއް އިތުރަށް ލިބެން އެބަޖެހޭ. އެހެންނޫނީވިއްޔާ، ބަރުލަމާނީ ނިޒާމަކަށް ދާންވީ. ދެގޮތުންކުރެ އެއްގޮތަކަށް، ރަނގަޅަށް އެނގޭގޮތަށް ޤާނޫނުއަސާސީގައި އެ ލިޔަން އެބަޖެހޭ. ޤާނޫނުއަސާސީގައި އެބައޮތް ނިޒާމަށް ބަދަލުގެންނަންޏާ، ކަން ކުރަންވީ ގޮތް އިނގޭތޯ. އެއާ އެއްގޮތަށް ދާނީ.
އާމިނަތު ނުޒްހާ – ރާއްޖެ ޓީވީ:
މިހާރު އޮތް އިލެކްޝަން ކޮމިޝަނާ އެކީގައި މަޖިލިސް އިންތިޚާބަށް ވަޑައިގެންފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
ރައްޔިތުންގެ މަޖިލީހުން ބަދަލުނުކުރަންޏާ، އެއާއެކީ ދާނީ އަޅުގަނޑު.
ނަޒާހަތު – ސަންގު ޓީވީ:
އަޅުގަނޑުގެ ސުވާލަކީ، ޤާސިމާ ގުޅޭގޮތުން ފުދޭވަރަކަށް ވާހަކަ ދެކެވަމުންދާތީއާ އެކީގައި، ޤާސިމް އެބައޮތް ފާހަގަކުރައްވާފައި، މަޝްވަރާގެ ދޮރު ވަނީ ހުޅުވިފައިކަމަށް. އޭގެ މާނައަކީ، ރައީސް ޔާމީންވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް. ރައިސް ޔާމީނާ އެކީގައި މަޖިލިސް އިންތިޚާބަށް ޤާސިމް ގޮސްފި ކަމުގައިވާނަމަ، ކޯލިޝަނުން ޤާސިމް ވަކިކުރައްވާފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:
އޮންރަބަލް ޤާސިމް އިބްރާހިމް ހުންނަވާނީ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި. އެއީ ޝައްކެއްއޮތްކަމެއްނޫން، އިރާދަކުރެއްވިއްޔާ އިނގޭތޯ. ރައީސް ޔާމީނާއެކު ކޯލިޝަން ހަދާތަނެއް އަޅުގަނޑަކަށް ނުފެނޭ. ނުވެސް ހައްދަވާނެ އިނގޭތޯ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންނަމަވެސް، މި ދެންނެވިހެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕާޓީތަކުން ކުރަމުން އަންނަތަން އަޅުގަނޑަށް އެބަފެނޭ. އެއީ އަޅުގަނޑުމެންނަށް އެކަމުގައި އެއްބަސްނުވެވެންޏާ، އެކަން ދާނެގޮތް. އެހެންވީމާ، އެ ފުރުޞަތު އެބައޮތް.
އެހެންނަމަވެސް، އޮނަރަބްލް ޤާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީ މި ކޯލިޝަނަކުން ވަކިވެގެންނެއް ނުދާނެ. އަދި ޕީ.ޕީ.އެމް.އާއެކީ އެކުލެވޭ ކޯލިޝަން ހަދާތަނެއް އަޅުގަނޑަކަށް ނުފެނޭ. ހަމަ އެކީގައި އަޅުގަނޑުމެން ތިބޭނީ.
ވަރަށް ބޮޑަށް ޝުކުރިއްޔާ!