ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާ ވަނީ ކިއުބާގެ ސަފީރު ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއާއި ކިއުބާއާ ދެޤައުމުގެ ދެމެދުގައި އެއްގޮތް ގޮންޖެހުންތަކެއް ހުރިކަމަށާއި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކިއުބާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ކިއުބާއާ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހިންނަށް ކިއުބާއިން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ތަނަވަސްކުރުމަށް ޝައުޤުވެރިވާކަމަމުގައި ވިދާޅުވިއެވެ.