ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޓޯރެ ޙަތުރަމް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ތަރައްޤީކުރައްވައި ބަދަހިކުރެއްވުމުގެ މައްޗަށް ރައީސް ނަޝީދާއި ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މިސްޓަރ ޓޯރެ ޙަތުރަމްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވިދާނެ ކަމަށާއި، ސަރުކާރުން ހިންގަވަމުން ގެންދަވާ ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން ނޯވޭގެ އިންވެސްޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި، އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި، ނޯވޭ ސަރުކާރުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތުގައި ނޯވޭ ސަރުކާރުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ލިބުނުކަމަށް ވިދާޅުވަމުން، މިކަމަށްޓަކައި ނޯވޭ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވައި، މި ގޮންޖެހުންތައް ހުރަސްކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުތަކާ ބެހޭގޮތުން ސަފީރަށް ރައީސް ނަޝީދު މަޢްލޫމާތު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.