އަޒަރުބައިޖާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޑރ. އަޝްރަފް ފަރްހާދް ޝިޚަލިޔޭވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި އަޒަރުބައިޖާންގެ ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އަޒަރުބައިޖާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ.  އަދި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މިއަހަރުގެ މާރިޗު މަހު ހިންގުމަށް ރާއްވަވާފައިވާ "ޕާޓްނަރޝިޕް ފޯރަމް" ގެތެރެއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އަޒަރުބައިޖާންގެ ސަފީރު ވަނީ އެޤައުމުން ދެއްވާ ސްކޮލަރޝިޕްގެ ފުރުޞަތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންގެންދާ ރާއްޖޭގެ ދަރިވަރުންނާ ބެހޭގޮތުން އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެޤައުމުން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ އިތުރު ދަރިވަރުންނަށް ހިތްވަރުދެއްވައި އެގައުމުގެ ސިޔާސީ އެކަޑަމީ އެއްކަމުގައިވާ އޭ.ޑީ.އޭ ޔުނިވަރސިޓީއިން ތައުލީމު ހާސިލްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ. 

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން އަޒަރުބައިޖާންގެ ސަފީރު ވަނީ ދިވެހިރާއްޖެއަށް އުފާވެރި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ހާސިލުކުރަން ބޭނުންފުޅުވާކަންކަން ހާސިލުވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.