ޒާޔިދު ސަސްޓެއިންބިލިޓީ އެވޯޑް ޙަފްލާގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ބޮޑު ޝަރަފެއްކަމަށާއި ސަސްޓެއިނަބިލިޓީ އެވޯޑްސް ޙަފްލާގައި ދައްކާލާފައިވާ ޕްރޮޖެކްޓުތަކުން ރާއްޖެއަށް ފައިދާހުރި ފިލާވަޅުތަކެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫއޭއީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ހިޒް ހައިނަސް ޝެއިޙް ޢަބްދުﷲ ބިން އަލް ނަޙްޔާން ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް ވީކް ގެ ކާމިޔާބީއާއި، ބޭރުގެ ފަރާތްތަކުން ހޯދައިފައިވާ މަޤްބޫލުކަމާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާ ޔޫއޭއީއާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިގޮތުން، ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝް ވަރާކުރެއްވިއެވެ.
ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރ އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި ރާއްޖެއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭގޮތުން އަޑު އުފުލާ ޤައުމެއްކަމަށާއި، މިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރާއްޖެއިން ދޫކުރާ ކާބަންޑައިއޮކްސައިޑް މަދުކުރުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ގުދުރަތީގޮތުން ރީތިތަނެއްކަން ސިފަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށާއި، ރާއްޖެއަށް އުފާ ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2015 ވަނަ އަހަރު އައްޑޫ ހައި ސްކޫލުން ޒާޔިދު ފިއުޗަރ އެނަރޖީ ޕްރައިޒް ހާޞިލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.