ޒާޔިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާޞިލުކުރެއްވި ދިހަ ފަރާތުގެ ތެރެއިން ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެވޯޑް ދެއްވައިފިއެވެ.

މި އެވޯޑް ދެއްވުމުގެ ޙަފްލާއަކީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިޔަށްދިޔަ ހަރަކާތެކެވެ. މިއީ މި އެވޯޑް ދެވުނު 11 ވަނަ ފަހަރެވެ.

އަބޫދާބީގެ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ޔޫ.އޭ.އީގެ ނައިބު ރައީސް ހިޒް ހައިނެސް ޝެއިޙް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމާއި، އަބޫދާބީގެ ވަލީ އަޙުދު އަދި ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވަލީ އަޙުދު ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅެކެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ.