ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް މިއަދު ހާމަ ކުރައްވައިފިއެވެ. މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައި ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައްވެސް ވަނީ ހާމަ ކުރައްވާފައެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެއެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯއްދަވައެވެ.