އާ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ މައްޗަށް ބިނާވެގެންވާ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމު ކުރުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، ޖެނީވާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އ. ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުގެ ދިހަވަނަ ސެޝަންގައި އިއްޔެ ތަޤްރީރު ކުރައްވަމުންނެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން، މިކަމުގައި މިއަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޑިމޮކްރަސީގެ ފޮނިމޭވާ އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ހިންގުނު ޞުލްޙަވެރި ސިޔާސީހަރަކާތްތައް، ކުރީގެ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކާ އެކުވެސް، ކުރިއަށް ގެންދެވުމުގެ އަޞްލަކީ، އިންސާނީ ޙައްޤުތަކަކީ ދިވެހި ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުކަމަށް ޤަބޫލުކުރުން ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކަމުގައި ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ދިވެހިރައްޔިތުންނާ އަދި ދިވެހިން ފަދަ ތިމާވެށީގެ ނުރައްކާތައް ބޮޑު ނާޒުކު ގައުމުތަކުގައި އުޅޭ އެތައްބަޔަކަށް އެމީހުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތަކުގެ ފުރިހަމަ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބުމަށް ހުރަސްއެޅިފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ހިއުމަން ރައިޓްސް ކައުންސިލުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް މިކަމުގެ ސިގްނަލް ފޮނުއްވައި ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާ ހިންގުމުގެ ހުއްދަދިނުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ބިލް ބަލައިގަތުމަށާއި، އާ ޤާނޫނުއަސާސީއެއް ތަޢާރަފްކުރުމަށާއި އަދި ފުރަތަމަފަހަރަށް ގިނަޕާޓީތައް ބައިވެރިވާ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމަށް، ކުރީގެ ސަރުކާރުގެ ފަހު ތިންއަހަރެއްހާ ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާތީ، އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ގެ އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

ނައިބު ރައީސް ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ފޮރ އޭޝިޔާއާއި، ޑިރެކްޓަރ ފޮރ ލީގަލް އެފެއާޒާ އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، އައި.އެލް.އޯ.ގައި ރާއްޖެ ބައިވެރިވުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ލޭބަރ ރިލޭޝަންސްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގައި އައި.އެލް.އޯ.ގެ ބޭފުޅުން ވިދާޅުވިއެވެ.