ރާއްޖޭގައި ޗާޕުގެ މަސައްކަތް، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވައި މި ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރެއްވި މާފަންނު ވާރޭވިލާ ޢަލީ ޙުސައިން މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ ޢަލީ ޙުސައިންގެ މޫނު ދެކެވަޑައިގަތުމަށް މިއަދު ހަވީރު އާސަހަރާއަށް ޒިޔާރަތްކުރައްވައި ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައެވެ. ޢަލީ ޙުސައިން އަވަހާރަވީއިރު ޢުމުރަކީ 82 އަހަރެވެ.

އަލްމަރްޙޫމް ޢަލީ ޙުސައިން ޗާޕުގެ މަސައްކަތް ފެށްޓެވީ މީގެ 53 އަހަރު ކުރިންނެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށްޓެވި މަސައްކަތް މިހާރު މިވަނީ މިޒަމާނުގެ ޓެކްނޮލޮޖީއާއެކު، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ޗާޕުކުރުމުގެ މަސައްކަތްކުރާ ފެންވަރަށް ތަރައްޤީ ކުރައްވާފައެވެ. ޒަމާނީ ފެންވަރަށް މި މަސައްކަތް މިއަދު ގެންނަވާފައި މިވަނީ ޢަލީ ޙުސައިން އަމިއްލަފުޅަށް ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.

ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރޒްގެ ނަމުގައި މިހާރު ހިންގަވަމުން ގެންދަވާ ޗާޕްޚާނާއިން މުޅި ރާއްޖެއަށް ވަރަށްފުޅާ ދާއިރާއެއްގައި ޢަލީ ޙުސައިން ގެންދެވީ ޚިދުމަތް ދެއްވަމުންނެވެ. މިހާރު ތަރައްޤީވެފައިވާ ޗާޕްގެ މަސައްކަތް، ވަރަށް އާދައިގެ ސްޓެންސިލް ޗާޕުގެ މަސައްކަތުގެ ފެންވަރުގައި ޢަލީ ޙުސައިން އަމިއްލަފުޅު ގޮތުން ފުރަތަމަ ފެށްޓެވީ 25 ޑިސެންބަރު 1965 ގައި މައްޗަންގޮޅީ ވަޑިގޭގައެވެ. އޭގެކުރިންވެސް ސަރުކާރުގެ ޗާޕުޚާނާގައިވެސް ޢަލީ ޙުސައިން ވަނީ ޚިދުމަތް ކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ދިވެހި ދުވަހު ނޫހެއް އޮފްސެޓުން ޗާޕުކޮށްގެން ފުރަތަމަ ނެރެން ފެށްޓެވީވެސް ނޮވެލްޓީ ޕްރެސް އިން ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ރާއްޖޭގައި ލެޓަރ ޕްރެސް ފުރަތަމަ ޢާންމުކުރީވެސް ނޮވެލްޓީންނެވެ.

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީ ކުރުމުގެ ދާއިރާއިން ޢަލީ ޙުސައިނަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އެ އިނާމު ޢަލީ ޙުސައިނަށް ލިބިވަޑައިގެންފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޢާންމު ޚިދުމަތުގެ އިނާމު ދެއްވަން ފެށްޓެވި ފުރަތަމަ އަހަރުކަމަށްވާ 1979 ވަނަ އަހަރުއެވެ. މި ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ޢަލީ ޙުސައިނަށް ލިބިވަޑައިގަތީ 2003 ވަނަ އަހަރުއެވެ. ޢަލީ ޙުސައިނަކީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އަލްމަރްޙޫމް ޢަލީ ޙުސައިނަކީ ޗާޕުގެ މަސައްކަތުގެ އިތުރުން، ލިޔުންތެރިކަމުގެ ރޮނގުންނާއި، ތާރީޚީގޮތުންވެސް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. ތަފާތު އެކިއެކި ނަންނަމުގައި ތާރީޚާބެހޭ އެކި ފޮތްފޮތް ނެރުއްވައި ލިޔުންތައް ލިޔުއްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ.