އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުވެސް ޝައުޤުވެރިވާ ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތާނގައި ވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފަ އެވެ. މި ގޮތުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމިގްރާތީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.