2009 ފެބްރުއަރީ 18ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ޤާނޫނު ނަންބަރު 2008/9 ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2008/10 ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ދެޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ”ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް“ މާނަކޮށްފައިވާ ގޮތް އިޞްލާޙު ކުރެއްވުމެވެ. އެމާއްދާ އިޞްލާޙު ކުރައްވާފައިވަނީ މިދަންނަވާ ގޮތަށެވެ.

”ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް“ ކަމަށް ބުނެފައި އެވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މި ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އުފައްދާ އޮފީހަށެވެ.“

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެންނެވި 1 ވަނަ އިޞްލާޙަކީ، އެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އާއި (ނ) އިޞްލާޙު ކުރެއްވުމެވެ. އެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އިޞްލާޙު ކުރައްވާފައިވަނީ މިދަންނަވާ ގޮތަށެވެ.

(ހ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިޝަނުންނެވެ. މިޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނެއް އުފައްދާތާ 6 މަސްދުވަހުގެ ތެރޭގައި، އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

މި ޤާނޫނުގެ 40 ވަނަ މާއްދާގެ (ނ) އިޞްލާޙު ކުރައްވާފައިވަނީ މިދަންނަވާ ގޮތަށެވެ.

”މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޤާނޫނުއަސާސީގެ 281 ވަނަ މާއްދާގެ ދަށުން އުފައްދާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.