ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަންތެމް ޕިއްލޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ވަރަށް އޮމާންކަމާއި އަމާންކަމާއެކު ބަދަލުވެގެންދިޔައީތީ، އެކަމާ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، އާ ސަރުކާރަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރާމެދު ބަދަލުހިފުމުގެ ރޫޙެއް ގެންގުޅުއްވާފައިނުވާތީ، އެކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ކުރިން ވެދިޔަ ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެއްވުމާއި، މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ހަރުދަނާ ކުރެއްވުމަށް އެހީތެރިވެދެއްވުމާއި، ފަނޑިޔާރުން ތަމްރީނު ކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.