ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެނެސްދެއްވައި، ދިވެހި ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދު ތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރެއްވުމަށް ކަނޑައެޅުއްވި ފަޢުދުތައް ފުރިހަމަ ކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމީޔާބީތަކެއް ހާސިލްކުރެވެމުންދާ ކަމުގައި ދިވެހި ސަރުކާރުން ހާމަ ކުރައްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަސް ހަމަވާ، މިހިނގާ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން މި މުއްދަތުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ 67 ކަމެއްގެ ތެރެއިން 56 ކަމެއް ނުވަތަ30 ދުވަހުގެ ވައުދުތަކުގެ 84 އިންސައްތަ ވަނީ ފުރިހަމަ ކުރައްވާފައެވެ. މީގެ ތެރޭގައި ތަފާތު 19 ދާއިރާއަކާ ގުޅޭ މުހިންމު އެކިއެކި ކަންކަން ހިމެނެއެވެ. ޚާއްޞަ ގޮތެއްގައި މަތީ ތަޢުލީމާއި، ކޮރަޕްޝަން ނައްތާލުމާއި، ސިއްހީ ދާއިރާއާއި، ދަތުރުފަތުރާއި، ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ ދުސްތޫރީ ވެރިކަމަކަށް ރުޖޫޢަވެވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދެވުމެވެ. މިރޮނގުން ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ތަންފީޒީ އިދާރާތަކަށް ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް އިސްކަން ދެއްވައިގެން ސަރުކާރުންވަނީ ފުލުހުންގެ އިދާރާއަށް މިދިޔަ 30 ދުވަހުގެ ތެރޭގައި އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަހުގެތެރޭގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދެވި އަނެއް ދާއިރާއަކީ ޒުވާނުންނާއި ގުޅުންހުރި ދާއިރާއެވެ. ޚާއްޞަކޮށް ޒުވާނުންނަށްޓަކައި ތައުލީމު އުނގެނުމުގައި ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދެއްވައިފައެވެ. މިގޮތުން ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ވެފައިވާ ވައުދުވަނީ ފުއްދަވައިފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރު ކޮށްދެއްވައިފައެވެ. މީގެ އިތުރުން، މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދެއްވައިފައެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.

ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ.

ސިއްހީ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދެއްވުން ހިމެނެއެވެ.

މިހާކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރަންހުރި ކަންކަމުގެ ތެރެއިން މަދު މިންވަރެއް ކަމަށާއި، މިހާތަނަށް ހާސިލްކުރެވުނު ކަންކަމަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ. މީގެއިތުރުން އިޤްތިޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީއާއެކު ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް އެކަންކަން ވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް 27 މާރިޗު 2019 ގައި ހަމަވާއިރު، 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.