ޤާނޫނު ނަންބަރު 99/2 ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު“ގެ ދަށުން ހައްދަވާފައިވާ ގަވާއިދުތައް، އަލުން މުޠާލިޢާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މި ގަވާއިދުތައް މުޠާލިޢާ ކުރެއްވުމަށް ކޮމިޓީއެއް ހޮއްވެވިއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފެވެ. އަދި މިބޭފުޅުންގެ އިތުރުން މަޓީގެ ބޭފުޅަކުވެސް މި ކޮމިޓީގައި ހިމެނުއްވުމަށް ނިންމެވިއެވެ.
މިއަދުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި ގަވާއިދުތައް މުޠާލިޢާ ކުރެއްވުމުގެ ބޭނުންފުޅަކީ، ގަވާއިދުތައް ޤާނޫނުތަކުގައި ބެލެނިވެރި ކުރެއްވުމާއި، ޓޫރިޒަމް އިންޑަސްޓްރީއާ ރަށްޓެހި، ފަރިތަ އަދި ދެފަރާތަށް ފައިދާހުރި ފަސޭހަ ގޮތެއްގައި މަސައްކަތް ހިންގޭ ގަވާއިދުތަކަކަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ އަތޮޅުތަކުގެ އިދާރީ ހިންގުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތައް، ޕްރޮވިންސްތަކުގައި ކުރިއަށް ގެންދަވާނެ އުޞޫލަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، އެ އުޞޫލު ކަނޑައެޅުއްވިއެވެ.
މިގޮތުން ކަނޑައެޅުއްވި އުޞޫލުގައި، ރާއްޖޭގެ އަތޮޅުތަކުގެ އިދާރީ ދާއިރާތައް ހިންގެވުމަށްޓަކައި، ރާއްޖެ 7 ސަރަޙައްދަކަށް ބައްސަވާލައްވައި، މިއިން ކޮންމެ ސަރަޙައްދެއްގައި ޕްރޮވިންސް އޮފީހެއް ޤާއިމު ކުރެއްވުމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތްތައް ކަމަށް 2008 ނޮވެމްބަރު 12 ވަނަ ދުވަހު ހަމަޖެއްސެވި މަސައްކަތްތަކުގެ ތެރެއިން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް، ޕްރޮވިންސް އޮފީސްތަކަށް ބަދަލުކުރެއްވުމާއި، ”ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (އުތުރު)“ އާއި ”ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (ދެކުނު)“ އިން ކުރައްވަމުން ގެންދެވި މަސައްކަތްތައް ޕްރޮވިންސް އޮފީސްތަކުން ކުރައްވަމުން ގެންދެވުން ހިމެނެއެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމުގެ ފުރްޞަތު ދެއްވާ ގޮތަށް މިހާރު ހަމަޖައްސަވާފައިވުމާއެކު، މިއަދުގެ ޖަލްސާގައިވެސް އެކަމަށް ފުރްޞަތު ހުޅުއްވާލެއްވިއެވެ.