بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން، ޑަބްލިޔޫ.އެޗް.އޯ. ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އަރްވިންދު މާތޫރް، ވަޒީރުން، ދިވެހި ބޭސްވެރިން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިން ކުރިއެރުވުމާގުޅޭ މި މަހާސިންތާއަކީ، އަޅުގަނޑުމެންގެ ތެރޭގައި، ކުލުނުވެރި ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ވަރަށް ބޭނުންތެރި މަހާސިންތާއެއް. މިއީ، ޞިއްޙަތު ރަނގަޅު ޤައުމެއް ބިނާކުރުމަށްޓަކައި ދައްކަންޖެހޭ މުހިންމު ވާހަކައެއް. ޤައުމުގެ ކޮންމެ ފަރުދަކުމެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.

 

ޒަމާނީ ވަސީލަތްތަކާއި ޒަމާންވީ ބޭސްވެރިކަމުގެ ޢިލްމު އެކުވެ، އަޅުގަނޑުމެން ޞިއްޙަތާމެދު ދެކޭގޮތާއި، ބަލިވީމާ ދެން ކަންކުރަންވީގޮތްތައް ބަދަލު ކުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. ބަލިވުމުގެ ކުރިން ބައްޔަށް ފަރުވާތެރިވުމަކީ، މުޞްތަޤްބަލުގައި އެތައް ގުނައަކުން ވޭން ކުޑަކުރެވޭނެ ކަމެއް. މި ރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި، ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ، ދިވެހީންގެ ތެރޭގައި އޮތީ، ދިވެހި ބޭސްވެރިކަމާއި ޙަކީމީ ބޭސްވެރިކަން. ދިވެހި ބޭސްވެރިކަން ބިނާވެފައި އޮތީ، ރާއްޖޭގެ ބިމާއި، ކަނޑާއި، ފަޅާއި، ފަރުގައި ހިމެނޭ ދިރޭ ތަކެއްޗާއި އެނޫން ތަކެތީގެ މައްޗަށް.

 

އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުންއައީ، އެކަކުގެ ފަރާތުން އަނެކަކު އުނގެނި ދަސްކުރާ އުސޫލުން. އެއީ، ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކުރި ޒަމާނެއް. އެހެންވީމާ، ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއް.

 

ހަމައެފަދައިން، ދިވެހި ބޭސްވެރިކަމަކީ، ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްވެސްމެ. އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ކުރެވޭނީ މި ޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަންވެސް ކުރިއަރުވައިގެން.

 

އޯލްޓަރނޭޓިވް ބޭސްވެރިކަމަކީ ވަށާޖެހޭ ފަރުވާ އިންސާނާއަށް ހޯދައިދިނުން. ބައްޔަކަށް ފަރުވާ ކުރުމުގައި އޯލްޓަރނޭޓިވް ނުވަތަ ކޮމްޕްލިމެންޓަރީ މެޑިސިންގައި އަމާޒުކުރަނީ، އެ ބަލިތަކުގެ ޢަލާމާތްތަކަށް އަދި އެ ބައްޔެއް އުފެދުމަށް މެދުވެރިވި ސަބަބުތަކަށް. އިނގިރޭސި ބަހުން ބުނާނަމަ، އެ ބައްޔެއްގެ ރޫޓް ކޯޒްތަކަށް. ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމު މުޅިން ބަދަލުވެއްޖެ. އެއީ، ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށްވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލްޓަރނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢުކީ ހަމަ އެންމެ ޤައުމެއްވެސް ނެތް. އޭގެ ބަދަލުގައި، ކޮންމެ ޤައުމެއްވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން.

 

މި މަހާސިންތާއަކީވެސް އެ އަމާޒަށް ވާޞިލުވުމަށް ބާއްވާ ބައްދަލުވުމެއް. އަޅުގަނޑުމެންގެ ތެރޭގައިވެސް، ޒަމާނީ ވަސީލަތްތަކާއި ހޯދުންތަކުގެ އަލީގައި، ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރާ އެތައް ބަޔަކު މިހާރު އެބަތިބި. ބޭހުގެ އެކި ބާވަތްތައް އެއްކުރުމާއި މިންކުރުމުގައި، ދިވެހީންވެސް މިހާރު ބޭނުންކުރަނީ ސައެންޓިފިކް ހަމަތައް.

 

ރާއްޖޭގައި އެތައް ހޮސްޕިޓަލްތަކަކާއި އެތައް ޞިއްޙީ މަރުކަޒުތަކެއް ހުރި ނަމަވެސް، މަދުނޫން ޢަދަދަކަށް ދިވެހި ބޭސްވެރިން މިހާރުވެސް އެބަތިބި. ޙަކީމީ ބޭސްވެރިންގެ ގޮތުގައި 5 ބޭފުޅުން ރަޖިސްޓްރީވެފައި އެބަތިބި. އޯލްޓަރނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅަކާއި، ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅުން އެބަތިއްބެވި.

 

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ދެންނެވި 83 ބޭފުޅުންގެ ތެރެއިން، ގިނަ ޢަދަދެއްގެ ބޭފުޅުން މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ. ދިވެހި ބޭސްވެރިކަމަށް ކުރިމަތިވެފައި ހުރި ހުރަސްތަކާއި، އެ ހުރަސްތައް ގިރާކުރެވޭނެ ގޮތްތަކާމެދު އެ ބޭފުޅުންގެ މެދުގައި، މި މަހާސިންތާގައި މަޝްވަރާތައް ކުރެވޭނެ.

 

އެވޭލާ ދިވެހި ބޭސްވެރިކަން ކުރިއަރާފައިވަނީ ޢަރަބި-ޔޫނާނީ ބޭސްވެރިކަމާއި އިރުމަތީގެ ބޭސްވެރިކަމުގެ އަލީގައި. ނަމަވެސް ދުނިޔޭގެ ޙަކީމީ ބޭސްވެރިކަންވެސް މިއަދު ވަނީ މުޅިން އެހެން މަރުޙަލާއަކަށް ދަތުރުކޮށްފައި. އެހެންކަމުން، ދިވެހި ބޭސްވެރިކަމަށްވެސް، މިހާރު ދިރުން ހޯދަންޖެހޭނީ، ޒަމާނީ ވަސީލަތްތަކާއި ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުން.

 

ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ، ބޭސްވެރިކަމަކީ އިންސާނާގެ ޞިއްޙަތާއި ފުރާނައާ ގުޅިފައިވާ ކަމެއް. އެ ސަބަބަށްޓަކައި، ދިވެހި ބޭސްވެރިކަންވިޔަސް، ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން. ބޭސްވެރިކަންވިޔަސް ކުރަންވާނީ އުނގެނި ދަސްކޮށްގެން.

 

އެހެންކަމުން، މި ދާއިރާވެސް ޞިއްޙީ ނިޒާމުގެ ތެރެއިން ތަރުތީބުވުމަކީ، މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. މިއަދު ދިވެހި ބޭސްވެރިކަން ނުވަތަ އޯލްޓަރނޭޓިވް މެޑިސިންގެ ޚިދުމަތްތައް ލިބިގަންނަނީ ކޮން ބައެއްކަމާއި، މިފަދަ ފަރުވާތަކުން ނުކުންނަ ނަތީޖާއަކީ، ކޮބައިކަންވެސް އެންމެ ފުރިހަމަ ގޮތުގައި ބެލެވިފައެއްނެތް. ސަރުކާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި، މި ދެ ދާއިރާއަށްވެސް އިސްކަން އިތުރުވެގެންދާނެ.  

 

ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތް. އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި ޞިއްޙަތަށް ފައިދާހުރި ކާނާ. އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާއަށް. އެއީ، ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް.

 

ރާއްޖެ ތަރައްޤީވަމުންދާ ވަރަކަށް ދިރިއުޅުމުގެ ވައްޓަފާޅިއާގުޅޭ ބަލިތައްވެސް އަންނަނީ އިތުރުވަމުން. ހަކުރު ބައްޔާއި، އޮބޭސިޓީ، އަދި ކެންސަރު ބައްޔާއި، އެކިއެކި މިފަދަ ބަލިތައް ޖެހޭ މިންވަރު ރާއްޖޭގައި އިތުރުވެއްޖެ. އެހެންކަމުން، ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާ ހުރިހާ ފަރާތްތައްވެސް މިކަމާމެދު ވިސްނަން މިއަދު އެބަޖެހޭ. މިފަދަ ބަލިތައް އިތުރުވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް އެފަދަ ހެޔޮ ބަދަލުތަކެއް ގެނެވިއްޖެނަމަ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރެވިދާނެ. އޯލްޓަރނޭޓިވް މެޑިސިންގެ ދާއިރާ ފުޅާކުރަންޖެހެނީ، މިފަދަ ބަލިތައް ޖެހުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށްޓަކައި.

 

އަޅުގަނޑުމެން ބުނަމުން މި އަންނަނީ، ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސަށާއި އޭނާގެ ޒާތަށް އަންނަ ތަރައްޤީއޭ. އެ ތަރައްޤީ ހާސިލުކުރެވޭނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރުވައިގެން. ޞިއްޙީ ދުޅަހެޔޮކަން ހާސިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ.

 

އެކަމަށްޓަކައި ޤައުމަށް ބޭނުންވަނީ، ދުޅަހެޔޮ ޢާއިލާތަކަކުން އުފެދޭ ދުޅަހެޔޮ ރައްޔިތެއް. ކޮންމެ ޢާއިލާއެއްގެވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް. ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ހާސިލެއް ނުކުރެވޭނެ.

 

ރަނގަޅު ނާސްތާއަކުން ތުއްތު ދަރިފުޅުގެ ދުވަސް ފެށުމަކީ، އެ ކުދީންގެ ވިސްނުން ފުރިހަމަވެ، ހެދިބޮޑުވުމުގެ ފުރަތަމަ ފިޔަވަޅު. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ސަރުކާރުން ނިންމީ، މި ޤައުމުގެ ތަރައްޤީގެ ލަގަނުގައި މާދަމާ ހިފާނެ ބަޔަކީ އެކުދިން ކަމަށްވާތީ.

 

އެ ކުދީންގެ ވިސްނުމާއި ބުއްދި ތަރައްޤީވެގެން ނޫނީ، ޤައުމުގެ ތަރައްޤީއާމެދު، އެ ކުދީންގެ ސިކުނޑީގައި ފުން ވިސްނުމެއް ނުއުފެދޭނެކަން ޔަޤީން. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެދޭނަމަ، އަޅުނގަޑުމެން މިސްރާބު ހިފަންވީ، މި ދެންނެވި އަމާޒަށް ވާސިލުވެވޭތޯ.

 

ޙަޔާތުގެ ފަހު މަރުޙަލާތަކުގައި ހަށިގަނޑަށް އެންމެ ބޮޑު އަރާމެއް ލިއްބައިދޭނެ ތަންމައްޗަކީ، ތިމާއަށް ލިބިފައިވާ ދުޅަހެޔޮ ޞިއްޙަތު. ހަށިގަނޑަށް އެންމެ ފަސޭހަވާނެގޮތަށް އެ ތަންމަތި ތައްޔާރުކުރުމުގެ ވަގުތަކީ، އެމީހެއްގެ ޒުވާން ދުވަސްވަރު. ޑޮކްޓަރުންނާއި ބޭސްވެރިންވެސް އިރުޝާދު ދެނީ އެ މިޞްރާބަށް ދިރިއުޅުމުގެ އާދަތައް ބެހެއްޓުމަށް. ޑޮކްޓަރީ ބޭސްވެރިކަމާ އެއްފަދައިން، ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންއަކީވެސް ރާއްޖޭގެ ވަށާޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަވަން. ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ދިވެހި ބޭސްވެރިކަން ދަސްކޮށްދީ ފަރުވާ ދިނުމަށްޓަކައި، ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންގެ ޚާއްޞަ އިންސްޓިޓިއުޓެއް ޤާއިމުކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް. މި މަހާސިންތާގައި ރާއްޖޭގައި ފުއްނާބުއުސް އެތައް ބޭސްވެރިނަކާއި އޯލްޓަރނޭޓިވް މެޑިސިންގެ ތަޖުރިބާކާރުންނާއި، ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވާއިރު، މި ދާއިރާ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ. މި މަހާސިންތާގެ ހުށަހެޅުންތައް ސަރުކާރުން ބަލައިގަނެ، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ.

 

ކުލުނުވެރި ޞިއްޙީ ނިޒާމެއް ޤާއިމު ކުރެވޭނީ، ހަމައެކަނި ރަނގަޅު ބޭސްފަރުވާއަކުން ނޫން. ދިރިއުޅުމުގެ ނުރަނގަޅު އާދަތައް ދޫކޮށް، ހެލިފެލިވެއުޅޭ ހަރަކާތްތެރި ދިރިއުޅުމަކަށް އަޅުގަނޑުމެން މިހާރުއްސުރެ ހިޖުރަކޮށްގެން. ޞިއްޙަތަށް ގެއްލުން ދެނެވި ކާނާތަކަށް އަލްވަދާޢުކިޔައި، ފައިދާހުރި ކާނާއަށް މަރުޙަބާ ކިޔައިގެން.

 

އަޅުގަނޑު މިއަދު ލޮބުވެތި ހުރިހާ ދިވެހިރައްޔިތުންނަށް އިލްތިމާސްކުރަނީ ޖަންކް ފުޑާއި، އެނަރޖީ ޑްރިންކްސްތަކާއި، ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި، ކާނާތަކަށް ނޫނެކޭ ބުނާ ބަޔަކަށްވުމަށް. ހަރަކާތްތެރި ދިރިއުޅުމުގެ އާދަތައް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އިތުރު ކުރުމަށް. މާތް ﷲ އަޅުގަނޑުމެންނަށް އެކަމަށް މަގުފަހި ކޮށްދެއްވާށި!

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއް ލިބިގެންވާ ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. އަޅުގަނޑުމެންނަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި، ފައިދާހުރި ކާނާ ކެއުމަށް އިސްކަންދޭ ބަޔަކު ކަމުގައި ލެއްވުން. ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.

 

____________________________