بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.  މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

 

ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން، މަޓީގެ ޗެއަރމަން، އަދި މިތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، މި ސިމްޕޯޒިއަމްގައި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ގެސްޓް ހައުސް ވިޔަފާރިއާ ބެހޭ ސިމްޕޯޒިއަމެއްގައި ވާހަކަދައްކާއިރު، އަޅުގަނޑުގެ ހަނދާނަށް އެންމެ ފުރަތަމަވެސް އަންނަނީ، މި ވިޔަފާރި ފެށިގެން އައި ގޮތް. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ކުރިޖަހައި ފޯދެން ފެށީ 2010 ވަނަ އަހަރުގެ ތެރޭގައި. އެއީ އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި، ރަށްރަށަށް ގެސްޓް ހައުސް ވިޔަފާރި ތަޢާރުފު ކުރެވެން ފެށުމުން.

 

މިޙަފްލާގައި، އެއްޗެއް ބުނުމަށް ހުއްޓި ހުންނައިރު، އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ، ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ ބާނީކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، މި ޙަފްލާގައި ބައިވެރިވެވަޑައިގެން އިންނެވިކަން. އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ހުރިހާ ގެސްޓް ހައުސް ވިޔަފާރިތަކުގެ ނަމުގައި އެމަނިކުފާނަށް ޚާއްޞަ ޝުކުރަކާއި ތަހުނިޔާއާއި މުބާރަކްބާދީ މި ފުރުޞަތުގައި ދަންނަވަން.

 

އާ ޤާނޫނުއަސާސީގެ ދަށުން، 2008 ވަނަ އަހަރު އާ ވެރިކަމެއް ފެށުމާ ހަމައަށްވެސް ގެސްޓް ހައުސް ހިންގުން އޮތީ، މީހުން ދިރިއުޅޭ ރަށްރަށުގައި ކުރުން ހެޔޮނުވާވަރުގެ ކަމެއްގެ ގޮތުގައި. އެކަން މަނާކޮށްފައި އޮތުމުގެ ސަބަބުން، ފަތުރުވެރިކަމުގެ އާމްދަނީން، ރައްޔިތުންނަށް ލިބެންޖެހޭ އެތައް މަންފާއެއް އޮތީ ހިފެހެއްޓިފައި.

 

ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރި އުފަންވި މައި އުނގަކީ ކ. މާފުށި. 2010 ވަނަ އަހަރު އެރަށުގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސްއާ އެކު، މި ވިޔަފާރި މިހާރު ވަނީ، ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް ފެތުރިފައި. އަޅުގަނޑު އުންމީދުކުރަނީ، ށ. އަތޮޅުގައިވެސް ވަރަށް އަވަހަށް ގެސްޓް ހައުސް ހުޅުވިގެންދާނެ ކަމަށް.

 

މިދިޔަ 8 އަހަރުގެ ތެރޭގައި، ރާއްޖޭގެ 88 ރަށަކަށް މި ވިޔަފާރި ފުޅާވެ، ޖުމްލަ 518 ގެސްޓް ހައުސް މިހާރު އެބަހުރި. އެއީ 8449 ޓޫރިސްޓް އެނދު. ފަތުރުވެރިކަމުގެ ދާއިރާތަކުގެ ތެރެއިން، ރިޒޯޓްތަކަށްފަހު، އެންމެ ގިނަ އެނދު މިހާރު ހުރީ، ގެސްޓް ހައުސްތަކުގައިކަން އުފަލާއެކު މިއަދު އަޅުގަނޑު ފާހަގަކުރަން.

 

ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަން. މި މުހިންމު ވަސީލަތް، އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ރޫފަހެޔޮކަމާއި، ފަރުދީ ތިޔާގިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް.

 

ސަރުކާރުގެ ސިޔާސަތަކީ، ފަތުރުވެރިކަމުގެ ނަފާ، ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރާނެ ގޮތަކަށް، މި ޞިނާޢަތުގެ ކަންތައްތައް ތަރުތީބުކުރުން. އެކަމަށްޓަކައި ޤަވާޢިދުތައް އިޞްލާޙް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި ސިމްޕޯޒިއަމުންވެސް އެކަންކަމަށް މަގުފަހިވެގެންދާނެ.

 

ގެސްޓް ހައުސްތައް ފެށުމާއެކު، އަގުބޮޑު ރިޒޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ އިތުރުން، ހެޔޮ އަގުގައި ރާއްޖޭގެ ހިތްފަސޭހަ މާޙައުލުގެ އުފާވެރިކަން ލިބިގަތުމުގެ ދޮރުތައް ހުޅުވިގެންދިޔަ. އަގުހެޔޮ އެއަރލައިންތަކާއެކު، ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައްވެސް އެތައް ގުނައަކަށް އިތުރުވެގެންދިޔަ.

 

ފަތުރުވެރިކަމަށް އައި އެ ބަދަލާއެކު، އަގު ބޮޑު ރިޒޯޓްތަކެކޭ އެއްފަދައިން، ގެސްޓް ހައުސްތައް ފުރެން މާގިނަ ދުވަހެއް ނުނެގި. ރަށްރަށުގެ ޢާންމު ފަރުދުންގެ ޖީބުތައް، ޑޮލަރުން ތިޔާގިވާން ފެށި. ޢާއިލާތަކަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދީ، ޖަޒީރާވަންތަ ދިރިއުޅުން އިޢާދަވާން ފެށި.

 

މި ތަޖުރިބާއިން އެނގުނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ އިޝްތިހާރު ކުރަންވީ ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައި ނޫންކަން. ރާއްޖޭގައި ހުރި މެދުފަންތީގެ ފުރުޞަތުތަކާއި ހެޔޮ އަގުގައި ޗުއްޓީ ހޭދަކުރުމުގެ ވާހަކަވެސް ގިނަގިނައިން ދައްކަންޖެހިއްޖެ.

 

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ނޮވެންބަރުގެ ނިޔަލަށް، ރާއްޖޭގައި ހުރީ 41,715 ޓޫރިސްޓު އެނދު. އޭގެ ތެރެއިން 7,959 އެނދަކީ، ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކުގައި ހުރި އެނދު. މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚާއި ގެސްޓް ހައުސް ވިޔަފާރީގެ ތާރީޚަށް ބަލާއިރު، އެކަށީގެންވާ ވަރުގެ ކުރިއެރުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

 

ގެސްޓް ހައުސްތަކާއި ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކާއި، އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަމަށް އިންވެސްޓްކުރާނެ ފައިސާ، ފަސޭހައިން ހަމަނުޖެހުން. މިއަދުގެ ސިމްޕޯޒިއަމްގައި ގިނަ ބޭފުޅުން ފާހަގަކުރެއްވި އެއްމައްސަލައަކީ، ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރަން އެކަށީގެންވާ މާޙައުލެއް ނެތްކަން.

 

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިވެރިކަމަށް ކުރިމަތިލައިގެން އުޅުނުއިރުގައި މެދު އަދި ކުދިފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި ފަސޭހައިން ލުއިލޯނު ލިބޭނެގޮތް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ ވަޢުދެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނާނީ ރައްޔިތުންނާ ޙިއްޞާކޮށްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފެބުރުވަރީ މަހުގެ ތެރޭގައި އެސް.އެމް.އީ ބޭންކެއް ހުޅުވުމުގެ މަސައްކަތް ޢަމަލީގޮތުން ފެށި، ފުރަތަމަ ފެށުމުގެ ގޮތުން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ޤާއިމުކޮށް، ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ގެދޮރު ޢިމާރާތް ކުރުމަށް ލޯނު ލިބޭނެގޮތް ފެބުރުވަރީ މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެ.

 

ކޮންމެ ވިޔަފާރިއެއްގެ މައިބަދައަކީ، މާލީ ތަނަވަސްކަން. އެކަން ފަހިކޮށްދިނުމަށްޓަކައި އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ސަރުކާރުން ވިސްނާފައި އޮތީ އެސްއެމްއީ ފައިނޭންސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ދިވެހި ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުންޏެއް ފުރަތަމަ އުފައްދަން. އެ ކުންފުނި ފުރަތަމަ ޤާއިމް ކުރެވޭނީ ޑިޕޮޒިޓް ނުނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮޒިޓްވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތްﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް ކުރިންވެސް ދެންނެވިފަދައިން ފެބުރުވަރީ މަހުގެ ތެރޭގައި ފެށިގެންދާނެ. އަޅުގަނޑު މި އުފައްދާ އެސް.އެމް.އީ ބޭންކުގައި ލާމަރުކަޒީ ނިޒާމަށް ފުރުޞަތު ދިނުމުގެގޮތުން، މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލޭ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ ޙިއްޞާ ހިމެނޭގޮތަށް އެ ބޭންކް ބޭނުންކުރެވިގެންދާނެ. 

 

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރުމަށް މި ސަރުކާރުން ހޭދަކުރާނެ. ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ ގޮތުން ގެސްޓް ހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ޙައްލުކޮށްދިނުމުގައިވެސް ސަރުކާރުގެ އެއްބާރުލުން ލިބޭނެ.

 

އޭގެ އިތުރުން، ގެސްޓް ހައުސް ވިޔަފާރިއަށް ސަރުކާރުން ދޭ މާލީއެހީތެރިކަން ދިނުމުގައި، ލޯކަލް ޓޫރިޒަމް މިހާރުން މިހާރަށް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ސަރަޙައްދުތަކަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ސަރުކާރުންދޭނެ.

 

ގެސްޓް ހައުސް ވިޔަފާރިއަކީ، ރަށުގެ ޢާންމު އަސާސީ ޚިދުމަތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރިއެއް. ރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމަކީ، ނުވަތަ ރައްކާތެރި ގޮތުގައި ކުނި ނައްތައިލާނެ ނިޒާމެއް ނެތުމަކީ، ގެސްޓް ހައުސް ތަރައްޤީ ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް.

 

ގެސްޓް ހައުސް ވިޔަފާރި ފުޅާކުރަން ބޭނުންވާނަމަ، އެ ރަށެއްގައި ރަނގަޅު ފެންވަރުގެ ބަނދަރެއް އޮންނަންޖެހޭ. އެރަށަކުން، އެކަށީގެންވާ ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބެން ހުރުމަކީވެސް، ގެސްޓް ހައުސް ވިޔަފާރިއަށްޓަކައި ހަމަ އެހާމެ މުހިންމު ކަމެއް.

 

މިއިން އެނގެނީ ރަށްރަށް ތަރައްޤީކޮށްގެން މެނުވީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވެން ނެތްކަން. ފަތުރުވެރިކަން ކުރިއަރުވައިގެން ނޫނީ، ރަށްރަށް ތަރައްޤީ ކުރެވެންވެސް ނެތްކަން. އެހެންކަމުން، ރަށުގެ ތަރައްޤީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭ.

 

ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމާއެކު، އެ ވިޔަފާރި އެންމެ ފުރަތަމަ ފަށައިގަތް ރަށްރަށް މިހާރު އެހުރީ، ރިޒޯޓް ފެންވަރަށް ކުރިއަރައި ފައްކާވެފައި. އެ ރަށްރަށުގެ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީ އެތައް ތަނެއް މައްޗަށް ޖެހި، ފަރުދީ ތަނަވަސްކަން އެތައް ގުނައެއް މިހާރުވަނީ އިތުރުވެފައި.

 

ރަށްރަށަށް ފަތުރުވެރިކަން ތަޢާރުފު ކުރުމުގެ މަޤްޞަދަކީވެސް، ފަތުރުވެރިކަމުގެ މަންފާގެ އެންމެ މަތީ މިންވަރެއް، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަކަން ކަށަވަރުކުރުން. އެހެނަސް، މިއަދުވެސް ބައެއް ރިޒޯޓުތަކުން އިވެނީ، ސަރވިސް ޗާޖު ނުލިބޭ ވާހަކައާއި، ޤާނޫނުގައި ބުނާ ނިސްބަތުން ދިވެހީންނަށް ރިޒޯޓް ވަޒީފާ ނުލިބޭ ވާހަކަ.

 

މި ޝަކުވާތަކަށް ނިމުމެއް ގެނައުމަށްޓަކައި، ޤާނޫނާ އެއްގޮތަށް ސަރވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުން ގެންދާނެ ވާހަކަ  މި ފުރުޞަތުގައި ދަންނަވަން. ހަމައެފަދައިން، ވަޒީފާތަކުގައި ދިވެހީން ގެންގުޅެންޖެހޭ މިންގަނޑުތައް މުރާޖަޢާކޮށް، ތަންފީޒުކުރުން ހަރުދަނާކުރެވޭނެ.

 

މިކަންކަން ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ، ދިވެހިން ގެންގުޅެންޖެހޭ ނިސްބަތަށްވުރެ އިތުރަށް ދިވެހިން ގެންގުޅޭނަމަ، އެ ރިޒޯޓަކަށް ނުވަތަ އެ ގެސްޓް ހައުސްއަކަށް ޓެކްސް އިންސެންޓިވެއް ދިނުން. މިއީ، ދިވެހީންނަށް ރިޒޯޓް ވަޒީފާ ކަށަވަރުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށްވެގެންދާނެ.

 

އެކި އަތޮޅުތަކުގައި ގެސްޓް ހައުސް ވިޔަފާރި ތަރައްޤީވެ ފުޅާވަމުން އަންނައިރު، މި ވިޔަފާރި ހިނގަނީ އެންމެ ރަނގަޅަށް ރެގިއުލޭޓް ކުރެވިގެންނެއް ނޫން. މިއަދު މިބޭއްވި ސިމްޕޯޒިއަމަކީ، ގެސްޓް ހައުސް ވިޔަފާރިއަށް ހުރި ހުރަސްތައް ދެނެގަތުމުގެ ބައްދަލުވުމެއް. އަދި އެކަމުގެ ޙައްލުތައްވެސް މި ސިމްޕޯޒިއަމުން ދެނެގަނެވިގެންދާނެ.

 

ތިޔަބޭފުޅުންގެ ހުށަހެޅުންތަކާއެކު ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރާ ޓޫރިޒަމް ޑައިރެކްޓިވްއާމެދު، ސަރުކާރުގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅިގެންދާނެ ވާހަކަ ދަންނަވަން. އަދި މި ފެށޭ އަހަރުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އަލުން އެކުލަވައިލާއިރު، މިބައްދަލުވުމުގެ ހުށަހެޅުންތައް، މާސްޓަރ ޕްލޭންގައިވެސް ހިމެނިގެންދާނެ.

 

ފަތުރުވެރިކަމުގެ ތަރައްޤީއާ އެކީގައި ފައި ހަމަކުރަންޖެހޭ އަނެއް ކަމަކީ، ތިމާވެށި ޙިމާޔަތްކުރުން. އެ ވިސްނުމުން ބަލާއިރު، ބައެއް ސަރަޙައްދުތަކުގެ ފަތުރުވެރިކަން ކުރިއަރައި ދިޔައިރު، ބައެއް ފަރުތައް މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ، ދިރުން ގެއްލި، ވީރާނާވެފައިވާކަމީ ހިތާމަހުރި ކަމެއް.

 

ބައެއް ސަރފިންގ ޕޮއިންޓްތަކާއި ޑައިވްކުރާ ބައެއް ސަރަޙައްދުތައްވެސް އޮތީ، މިދެންނެވި ޙާލަތުގައި. މިއީ، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ވަރަށް ބީރައްޓެހި ކަންތައް. ސަރުކާރުގެ ވިސްނުމަކީ، އެފަދަ ފަރުތަކާއި ސަރފިންގ ޕޮއިންޓްތައް އަލުން ދިރި އާލާވުމުގެ ފުރުސަތު ދިނުމަށްޓަކައި، ވަކި މުއްދަތަކަށް އެތަންތަން ބަންދުކުރުން.

 

އެއަށްފަހު ފަތުރުވެރިންނަށް އަލުން ހުޅުވައިލާނީ، ދެމެހެއްޓެނިވި ގޮތަށް އެފަދަ ތަންތަން ބެލެހެއްޓޭނެ އިންތިޒާމަކާވެސް އެކުގައި. އެކަމަށް ބޭނުންވާ ޤަވާޢިދުތައްވެސް ހެދިގެންދާނެ. އެއީ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ނަމުގައި، ތިމާވެށްޓަށް ގޯނާކުރުން ހުއްޓިގެންދާނެ ފިޔަވަޅެއް ކަމުގައިވާނެ.

 

ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، ގެސްޓްހައުސް ވިޔަފާރިވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއް. އަދި އެކަމަށްޓަކައި ކުރާ ހޭދަ، މިހާރަށްވުރެ މަދުވެގެން ތިން ގުނައަށް އިތުރުކުރެވިގެންދާނެ.

 

ހިތްހަމަޖެހުމާއެކު އެނބުރި ޤައުމަށް ދާ ކޮންމެ ފަތުރުވެރިއަކީ، އަބަދަށް ދިރިހުރި ފަތުރުވެރިކަމުގެ އިޝްތިހާރެއް. އަޅުގަނޑުމެންނާ ބައްދަލުކުރާ ޓޫރިސްޓް މީހާ ގާތުގައި އަޅުގަނޑުމެން ދައްކާ ވާހަކަތައް، މާގިނަ ދުވަހު އޭނާގެ ހަނދާނުގައި ނުހުރެދާނެ. އެކަމަކު އޭނާއަށް ކުރެވޭ އިޙްސާސްތައް ތާއަބަދަށް ދެމިހުންނާނެ.

 

ގެސްޓް ހައުސް ވިޔަފާރިއާއި މުޅި ފަތުރުވެރިކަން ދެމިއޮންނާނީ، ޓޫރިސްޓުންނަށް ކުރެވޭ ތަޖުރިބާތަކާއި ކުރެވޭ އިޙްސާސްތަކުގެ މަތީގައި. މި ޞިނާޢަތުގެ އަރަގަކީ، މި ޖަޒީރާވަންތަ ރަށްތަކުން ފަތުރުވެރިންނަށް ކުރެވޭ އިޙްސާސްތަކާއި ތަޖުރިބާތައް. ޓޫރިސްޓުން ހޭދަކުރާ ކޮންމެ ފައިސާފޮއްޗެއް އަގުކުރެވެންވާނީ، އުފާވެރިކަމާއި ހިތްހަމަޖެހުމުން.

 

އަޅުގަނޑުމެންގެ ވިސްނުން އަމާޒުކުރަންވީ މި ދެންނެވި މިޞްރާބަށް. ރިޒޯޓްތަކަށް ނުވަތަ ގެސްޓް ހައުސްތަކަށް ވިޔަސް، އަންނަ ފަތުރުވެރިޔާއަށް އުފަލާއި ހިތްހަމަޖެހުން ލިއްބައިދިނުން ފިޔަވައި، އިތުރު ވިސްނުމެއް އޮވެގެނެއް ނުވާނެ. ގެސްޓް ހައުސް ހުންނަ ރަށަކީ، ފަތުރުވެރިންނަށް ފަހި މާޙައުލަކަށް ވާންޖެހޭނެ. އެ އަމާޒަށް އަޅުގަނޑުމެންނަށް ވާޞިލުވެވޭނީ، ފަތުރުވެރިކަމުގެ ޞިނާޢަތުވެސް ލާމަރުކަޒީ ކުރެވި، ގެސްޓް ހައުސް ވިޔަފާރީގެ މައި އިންޖީނަކީ ކައުންސިލްތައް ކަމުގައި ހެދިގެން.

 

އަޅުގަނޑުމެން އުންމީދުކުރަނީ، ފަތުރުވެރިކަމުގެ ޞިނާޢަތާ ގުޅޭ ޤަވާޢިދުތަކާއި މިންގަނޑުތައް ޒަމާނަށް ފައްތައިގެން ވިޔަސް، މިއަދުގެ ސިމްޕޯޒިއަމްގެ ބައިވެރިން އެދޭ ކަންތައްތައް ތަންފީޒުކުރުން މާލަސްނުވާނެ ކަމަށް. އެކަންކަން ތަންފީޒުކުރާނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޙިއްޞާދާރުންގެ ބައިވެރިވުމާ އެކުގައި.

 

މިރޭ އަޅުގަނޑުމެން މި ސިމްޕޯޒިއަމް ބާއްވާ ނިންމާއިރު، ޓޫރިޒަމް އިތުރަށް ތަރައްޤީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ވާހަކަ ދެކެވިގެންދާއިރު، އެއަރޕޯޓުގެ ވާހަކައަކީ މުހިންމު ވާހަކައެއް. ގެސްޓް ހައުސްތައް ތަރައްޤީވެ، ރިޒޯޓުތައް އިތުރަށް ތަރައްޤީވެ އެނދުތައް އިތުރުވެގެންދާއިރު، ރާއްޖެއަށް އަންނަން ބޭނުންވާ އެތައް ފަތުރުވެރިންނަކަށް މިވަގުތު އާދެވޭގޮތެއް ނުވޭ.

 

އެނގިވަޑައިގަންނަވާނެ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްފެށި، އިތުރު ރަންވޭއެއް ހެދި، މިއަދާ ހިސާބަށް އައިއިރުގައިވެސް ބައެއް އިތުރު މަސައްކަތްތައް، ޓަރމިނަލުގެ މަސައްކަތް މިއަދުވަނީ ކުރިއަށް ނުގޮސްފައި. ފައިސާދޭ ފަރާތުން ފައިސާ ދިނުން އެތައް ސަބަބުތަކަކާ ހުރެވަނީ މަޑުޖައްސާލާފައި. އެހެންނަމަވެސް، މިވީ ދެހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ އަލީގައި އެކަމަށް އެންމެ ބޮޑު ލޯނު އެހީދޭ ފަރާތްކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއިން އަނެއްކާވެސް އެއަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް މިހާރުވަނީ ދީފައި. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެއަރޕޯޓުގެ ޓަރމިނަލުގެ މަސައްކަތް ހަލުވިކޮށް ފެށި، މިހާރު ނިންމަން ހަމަޖެހިފައި އޮތް މުއްދަތަށްވުރެ އަވަހަށް އެކަން ނިމިގެންދާނެކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިއަދު އެބައޮތް. އަދި ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިތަކާއި ފަސޭހަތައް މީގެ ސަބަބުން ލިބިގެންދާނެ.

 

ގްރީން ޓެކްސްގެ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނެނގޭ ފައިސާ ވަކި ފަންޑެއްގައި ބެހެއްޓި އެއީ، ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރެވޭ އެއްޗެއްގެ ގޮތުގައިވެސް ހިމެނިގެންދާނެ. އަދި އޭގެ އިތުރުން، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް، އެ ޓެކްސް ލިބޭ އަތޮޅަކަށް އިންވެސްޓް ކުރާ ގޮތަށް، ޚަރަދުކުރާ ގޮތަށް އަޅުގަނޑުމެންވާނީ ނިންމާފައި. މިކަންތައްތަކަކީ ކުރިއަށް އޮތް ތަނުގައި ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިތުރަށް ފަހިވެގެންދާނެ ކަންތައްތައް.

 

އަޅުގަނޑުގެ ދުޢާއަކީ، ގެސްޓް ހައުސް ވިޔަފާރިއާއެކު، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ ކުރިއަރައި ދިޔުން. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރަށު ފެންވަރުގެ ޙިއްޞާ އިތުރުވެ، ރަށްރަށުގެ ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެން ދިޔުން. މިރާއްޖެއަށް އަބަދުމެ ކާމިޔާބާއި ރޯދި ބަރަކާތް އިތުރު ކުރައްވާށި! އާމީން

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.