ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

السّــلام عليــكم .

 

ދިވެހިރާއްޖޭގެ އަޑުގެ އެންމެހައި އެހުންތެރިންނަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނެފަދަ އުފާވެރި ވަގުތުކޮޅަކަށް އެދެމުން، މިގަޑީގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މި ބައްދަލުކުރަނީ ވަރަށް ޚާއްޞަ  ކަމަކައިގެން. އާދެ، ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، މިއަހަރުގެ އަހަރީ ދުވަސް އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަވެގެން އެބަދޭ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ޚާއްޞަ ބަސްދީގަތުމެއް ދެއްވާތީ. މިވަގުތު އަޅުގަނޑުމެންނާއެކު މިހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީ. އަދި ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާވެސް މަނިކުފާނަށް އަރިސްކުރަން އިނގޭތޯ.

 

 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ  އަޅުގަނޑަށް މިފުރުޞަތު ދެއްވީތީ. ފުރަތަމަކަމަކަށް ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންނަށާއި، ދިވެހިރާއްޖޭގެ އަޑު އައްސަވާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮ ތަހުނިޔާ އަޅުގަނޑުވެސް ފޮނުވަން އިނގޭތޯ. 

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

ދިވެހިރާއްޖޭގެ އަޑު، ވޭތުވެދިޔަ 56 އަހަރު ދިވެހީންނާއެކު މި ހޭދަކޮށްލީ. ދިވެހީންގެ ތަފާތު ހަނދާންތަކާއި ދިވެހިރާއްޖޭގެ އަޑު ގުޅިފައިވީ. މަނިކުފާނާއި ދިވެހިރާއްޖޭގެ އަޑާ ދެމެދު އުފެދިފައިވަނީ ކޮންކަހަލަ ގުޅުމެއްތޯ؟ 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

އާދެ، ކުރިންވެސް ދެންނެވިފަދައިން ފުރަތަމަ ކަމަކަށް، ހަމަ މިއަދުވެސް ރާއްޖޭގެ އަޑުގައި މަސައްކަތް ކުރައްވާ، އަދި ކުރިން އަޑުގައި މަސައްކަތް ކުރެއްވި، ތަންކޮޅެއް ދުރުގައި މިއަދު ތިއްބެވި ނަމަވެސް، ދިވެހިރާއްޖޭގެ އަޑުން ރާއްޖެއަށް އެ ކޮށްދެމުން އައި ޚިދުމަތްތަކުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު އަޅުގަނޑު ހަމަ ޝުކުރު ދަންނަވަން. އަދި ދުވަހުގެ ތަހުނިޔާވެސް ފޮނުވަން. ދިވެހިރާއްޖޭގެ އަޑަކީ، ރާއްޖޭގެ ޚާއްޞަކޮށް އަޅުގަނޑުމެންގެ އުމުރުގެ މީހުންގެ ވަރަށް ގާތް ރައްޓެއްސެއް. އަޅުގަނޑުމެން ދުނިޔެއަށް އުފަންވެ، ކުޑައިރުއްސުރެން ފަށައިގެން ޒުވާން އުމުރު އަދި ތަޢުލީމީ ހަޔާތް ނިންމާފައި މަސައްކަތުގެ ތެރެއަށް ނުކުތްއިރުގައި މަޢުލޫމާތު ހޯދުމަށްޓަކައި، އަދި މުނިފޫހި ފިލުވުމަށްޓަކައި، އަޅުގަނޑުމެންނަށް ޓިއުން ކޮށްލަންޖެހޭ އެއްޗަކީ، ދިވެހިރާއްޖޭގެ އަޑު. އޭގެ އެތައް ހަނދާންތަކެއް އަޅުގަނޑުގެވެސް އެބަހުރި. އެންމެ ކުޑައިރުއްސުރެން ފަށައިގެން އައިސް، މިއަދާ ހިސާބަށް އައިއިރުގައިވެސް.

 

ދެން އަޅުގަނޑަކީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރަށަކަށް އުފަން މީހެއް. ކުޑައިރުއްސުރެން އަޅުގަނޑު އުޅެމުން ދިޔައީ، އަމިއްލަ ރަށުގައި. އަޅުގަނޑުމެންގެ ގެއަކީ އަދި ޚާއްޞަކޮށް އަޅުގަނޑުގެ ބައްޕައަކީ، އަބަދުވެސް މަޢުލޫމާތު ހޯއްދަވާ ބޭކަލެއް އިނގޭތޯ. ނޫސް ހުންނާނެ ބަރާބަރަށް. ދެން މާލެއިން ނޫސްތައް ހަމަ ހަފްތާއަކު އެއްފަހަރު ކަހަލަގޮތަކަށް ގެންދާނެ. އެގޮތަށް ދިވެހިރާއްޖޭގެ އަޑު، އޭރު ރޭޑިއޯ މޯލްޑިވްސް، އަޅުގަނޑުމެން ކުޑައިރު އެއީ ރޭޑިއޯ މޯލްޑިވްސް. އަބަދުވެސް އަޑު އައްސަވާނެ. ކޮންމެ ޚަބަރު ގަޑިއެއްގައި ޓިއުން ކުރައްވާނެ. އެއީ ދެން އުނދަގޫ އޭރު، އަޑު އެހިސާބަށް ފޯރުވުމުގައިވެސް. އެހެންނަމަވެސް، ކޮންމެވެސްގޮތެއް ހޯއްދަވައިގެން އަބަދުވެސް ޚަބަރު ބަރާބަރަށް އަޑުއައްސަވާނެ. އެއީ އަޅުގަނޑުމެންވެސް އޭރުތިބެން ކައިރީގައި އަޑުއަހަން. އެހެންވީމާ، އެގޮތުން ދިވެހިރާއްޖޭގެ އަޑަކީ، ހަމަ އަޅުގަނޑުގެވެސް ހަމަ އެންމެ ގާތް އެއް އެކުވެރިޔާއޭ ދެންނެވިދާނެ. މުނިފޫހިފިލުވަންވިޔަސް، މަޢުލޫމާތު ހޯދަންވިޔަސް، އަދި މި ދެންނެވިހެން އިތުރު އެހެން ކަންތައްތަކަށްވެސް، ދުނިޔޭގައިވާ ކަންތައްތަކާއި، ކުޅިވަރާއި އެއްޗެހީގެ މަޢުލޫމާތު  ހޯދުމަށްޓަކައި ވަރަށް ބޮޑު ދައުރެއް އަޅުގަނޑުމެންނަށް އޭގެ ބޭނުންހިފައިގެން ކުރެވުނު. އަޅުގަނޑުމެންނަށް ދުނިޔެއަށް ހޭލެވިގެންއައީ މި ދެންނެވިފަދައިން ދިވެހިރާއްޖޭގެ އަޑާއެކީގައި.

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

ދިވެހިރާއްޖޭގެ އަޑަކީ ޤައުމީ ޚިދުމަތުގައި، ޢާންމުންނަށް ޚިދުމަތްތަކެއް ކުރުމަށްޓަކައި ވޭތުވެދިޔަ 56 އަހަރު ހަރަކާތްތެރިވެފައިވާ ވަސީލަތެއްގެގޮތުގައި ފާހަގަކުރެވެނީ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތާ މެދު ކީކޭތޯ ވިދާޅުވާނީ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

ކުރިންވެސް ދެންނެވިފަދައިން، ވަރަށް ގިނަ ބަޔަކަށް، ވަރަށް ތަފާތު ޚިދުމަތްތަކެއް ދިވެހިރާއްޖޭގެ އަޑުން ކޮށްދީފައި އެބައޮތް މިހާހިސާބަށް އައިއިރު. އެއީ މި ދެންނެވިހެން، މުނިފޫހިފިލުވުމުގެ ގޮތުންވިޔަސް، އަދި ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމުގައިވިޔަސް، އަދި ދުނިޔޭގެ ޚަބަރުތައް އަޑު އަހަށް ކަމަށްވިޔަސް، މިއީ އޭރު އޮތް ވަސީލަތަކީ. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ޚާއްޞަކޮށް މި ދެންނެވިހެން އަޅުގަނޑުމެންގެ އުމުރުފުރައިގެ ކޮންމެ މީހަކަށް، ވަރަށް ގިނަ ޚިދުމަތްތަކެއް އަދާކޮށްދީފައި އޮތް ތަނެއް.

 

އޭގެތެރޭގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ އަޑު އުފެދިގެން މިއައީ 1960ގެ ތެރޭގައި. 65 އެއީ ރާއްޖެ މިނިވަންކަން ހޯދި އަހަރު. އެދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށްޓަކައި ދައުލަތުގެ ފަރާތުން، ސަރުކާރުގެ ފަރާތުން، އެ ގެންގުޅުނު ސިޔާސަތުތައް، ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމުގައި، ވަރަށް މުހިންމު ދައުރެއް ދިވެހިރާއްޖޭގެ އަޑު ހާސިލުކޮށްފައި އެބައޮތް. އޭގެ ސަބަބުން ދިވެހިރައްޔިތުންގެ ހިތްތަކުގައި މިނިވަންކަމަށް އޮތް ޝައުޤު ވަރަށް ބޮޑަށް ހާމަވެގެންދިޔަ. އަދި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އެ ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އޭގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ހާސިލުވެގެންދިޔަ.

 

ދެން އޭގެފަހުން އައިސް، އަސާސީ ތަޢުލީމުގެ ޚިދުމަތް ރާއްޖޭގައި ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަކޮޅުގައި ފެށިގެން އައިއިރުގައި، އޭގެ ޕްރޮގްރާމްތައް ރައްޔިތުންނާ ހިސާބަށް ގެންދިޔުމުގައި، ވަރަށް ފުޅާދާއިރާއެއްގައި ޚިދުމަތްތަކެއް އަދާކޮށްދިން ތަނެއް ދިވެހިރާއްޖޭގެ އަޑަކީ. އެހެންގޮސް ބަލާއިރުގައި، ހާސިލުކުރެވޭ ޕްރޮގްރާމްތަކުގެ ތެރޭގައި ބާއްޖަވެރި ހެދުނެއް. އަދި އޭގެކުރިއަށް ޖެހިލާއިރުގައި އަޅުގަނޑުމެން ކުޑައިރުގައި ވަރަށް ގިނައިން އަޑުއަހާ ޕްރޮގްރާމެއް އެއީ ޚިޔާލީފޮލާ. އޭގައި ބަދުރާއި، ހީނާއާއި، ދެން ހީނާއަކީ އަޅުގަނޑުމެންގެ ޢާއިލާގެވެސް ބޭފުޅެއް. މިއަދު ދުނިޔެއާ ވަކިވެގެންދިޔަސް. ދެބޭފުޅުންގެ އެ ޕްރޮގްރާމަކީ ހަމަ ކޮންމެހެން ޝައުޤުވެރިކަމާ އެކީގައި އޭރު އަޑުއަހަމުންގެންދިޔަ ޕްރޮގްރާމެއް އެއީ. ވަރަށް ވަރަށް މަޖާ. ދެން މި ދެންނެވިހެން ހެނދުނު އެއަންނަ ބާއްޖަވެރި ހެނދުނުގައި ބަދުރާއި، ސަމަރޭގެ އެ ޕްރޮގްރާމަކީވެސް ހަމަ ވަރަށް ފައްކާ، މަޢުލޫމާތު ވަރަށް އަޕްޑޭޓް، ކޮންމެދުވަހަކު ހެނދުނު ހޭލާއިރުގައި، އެ އާދޭ. އެހެންވީމާ އެއީ، ހަމަ ހެނދުނު ހެނދުނާ އެންމެ ޝައުޤުވެރިކަމާއެކީގައި، އަޑުއަހާލަން ކަމުދާ ޕްރޮގްރާމަކަށް ވެގެންދިޔަ.

 

އޭގެ އިތުރުން ދަނޑުވެރިކަމާއި، މަސްވެރިކަމާ، މިހެންގޮސް ވަކި ދާއިރާއެއް ނެތް. ޞިއްޙީ، ތަޢުލީމީ ދާއިރާއިން އެބަހުރި ޕްރޮގްރާމްތައް ފޮނުވާފައި. މާލެއާ ދުރުގައި، ރަށްރަށުގައި އުޅުއްވާ ރައްޔިތުންނަށް އެއިން ވަރަށް ބޭނުންތެރި، އަގުހުރި މަޢުލޫމާތުތައް ލިބިގެންދިޔަ. އޭގެ އަގުނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް ދިވެހިރާއްޖޭގެ އަޑުން ރައްޔިތުންނަށް، ޤައުމަށް ކޮށްދީފައި އޮތްކަން މި ފެނިގެންދަނީ.        

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

     

ދެން، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ.މޯލްޑިވްސް ފަހުން އެއްކުރެވި އަޅުގަނޑުމެންނަށް ޕަބްލިކް ސަރވިސް މީޑިއާ އުފެދި، ޕަބްލިކް ސަރވިސް މީޑިއާގެ ދަށުން ރޭޑިއޯ ޗެނަލްތަކަކާއި، ޓީ.ވީ ޗެނަލްތަކެއް ހިންގަމުން މިދަނީ. ޕަބްލިކް ސަރވިސް މީޑިއާގެ މުސްތަޤުބަލުގެ ތަޞައްވުރު ކިހިނެއްތޯ  ގެންގުޅުއްވަނީ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

އާދެ، އެނގިވަޑައިގަންނަވާނެ ޕީ.އެސް.އެމް. އާ ދޭތެރޭގައި، އަދި ޚާއްޞަކޮށް އޭގެ ޓީވީ ޗެނަލްއާ ދޭތެރޭގައި، ރައްޔިތުން ދެކޭގޮތް މިވަގުތު ވަރަށް ތަފާތު އިނގޭތޯ. ދައުލަތުގެ ޕަބްލިކް މީޑިއާއެއްގެ ގޮތުގައި އެ މީހުންނަށް ފެނުމަށްވުރެން ބޮޑަށް، ފެނިގެންދަނީ މުޅިން އެހެން ކުލައެއް ޖެހިފައި އޮތްތަން. މިއީ ރާއްޖޭގެ ގިނަ ރައްޔިތުން ދެކޭގޮތް. އަޅުގަނޑުމެން ވެރިކަމަށް އައިސްފައި އަދި މިވީ މަހެއްހާ ދުވަސް. މިތަނުގެ ހިންގުމަށް ބަދަލުތަކެއް އަޅުގަނޑުމެން މި ގެނައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެދުމަކީ، ޕީ.އެސް.އެމް.ގެ ރޭޑިއޯ އާއި ޓީވީ ޗެނަލްއަކީ، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި މަސައްކަތްކުރާތަން ފެނިގެންދިޔުން. ހަމަގައިމުވެސް، މި ސަރުކާރަކުންނެއް ދައުލަތުގެ މީޑިއާއަކަށް ނުފޫޒެއް ނުފޯރުވާނެ. އަދި އަޅުގަނޑުމެން ބިރުގަންނަންޖެހޭ ސަބަބެއްވެސް ނެތް މީޑިއާ ދެކެ. މީޑިއާއަކީ އޭގެޒާތުގައި، ވަރަށް ވަރުގަދަ ހަތިޔާރެއް، އަޅުގަނޑަށްވެސް އެނގޭ. ބައެއް ޤައުމުތަކުގައި ހަމަ ވެރިކަން ބަދަލުވެގެން ގޮސްފައި އެބަހުރި، މީޑިއާގެ ނުފޫޒުން. އެއީ، ކަންހިނގާފައި ހުރި ގޮތްގޮތް. އެހެންވީމާ، އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަމުން އައިސްފައި އެބަހުރި ރާއްޖޭގައިވެސް.

 

އެހެންނަމަވެސް އަޅުގަނޑު މިއަދު ހަމަ ޔަޤީންކޮށް މިދެނީ، އަޅުގަނޑުމެންގެ ސަރުކާރުން، ދައުލަތުގެ މީޑިއާއަކަށް ނުފޫޒެއް ނުފޯރުވާނަމޭ. ރައްޔިތުން ގަބޫލުކުރާ، ރައްޔިތުންގެ މީޑިއާއެއްގެ ގޮތުގައި ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ވެރިކަމުގައި ތިބޭ ބަޔަކު، މީޑިއާ ދެކެ ބިރުގަންނަންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް. ބިރުގަންނަކަމަށް ވަންޏާ، ޖެހިލުންވާ ކަމަށްވަންޏާ، އޭގެފަހަތުގައި ފޮރުވިފައި އޮތް، ތިމާ ބިރުގަންނަންޖެހޭ، ހާމަކުރަން ބޭނުންނުވާ ކަންތައްތަކެއް އެ ހުންނަނީ. އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް އަޅުގަނޑުމެންގެ ނޯންނާނެ އިނގޭތޯ. ތިޔަބޭފުޅުންގެ މަސައްކަތަކީ، އަޅުގަނޑުމެންގެ ވެރިކަން ހިންގުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ. ހަމައެއާއެކުގައި އަޑުގެ އަދި ޓީވީގެވެސް މީޑިއާގެ ދައުރަކަށްވާންޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ޓޫ ވޭ ޗެނަލްއެއްގެ ގޮތުގައި، މަސައްކަތް ކުރައްވަންވާނީ އިނގޭތޯ. އަޅުގަނޑުމެން ސަރުކާރުން ހިންގާ ކަންތައްތައް އަދި ރަނގަޅަސް، ގޯހަސް އެކަންތައް ހާމަކުރުމާ އެކީގައި، ރައްޔިތުންގެ ފަރާތުން، ރައްޔިތުން އެދޭ ކަންތައްތައްވެސް ހާމަކުރެވެންޖެހޭނެ. ކުރީމާ އަޅުގަނޑުމެންނަށް އެ މަޢުލޫމާތުތައް ލިބޭނެ. އެހެންވީމާ، އެކަހަލަ ދައުރެއް ޕީ.އެސް.އެމް. އިން އަދާކުރާތަން ފެނުމަކީ، އެއީ އަޅުގަނޑު ދެކޭ ހުވަފެނެއް. އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް އޮތް ތަނުގައި ހާސިލުވެގެންދާނެ.

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

މަނިކުފާނަކީ މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެއް. އަދި ހަމައެއާއެކު މަނިކުފާނަކީ، މީޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ، މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަފުޅުތައް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެންދިޔަ، ކެމްޕޭންގެ ތެރޭގައިވެސް ފާހަގަކުރެއްވި. މީޑިއާގެ މިނިވަންކަން މި ސަރުކާރުން ގެންގުޅުއްވާނީ ކޮން ގޮތަކަށްތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

އަޅުގަނޑު މި ދެންނެވިހެން މީޑިއާއަކީ، ޤާނޫނުގައި އެ އޮތް މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން. އަދި އޭގެއިތުރުން، މީޑިއާގައި ނޫސްވެރިއަކު ހާމަކުރާ ކަމެއްގެ ސަބަބުން އެމީހަކަށް، އެ ނޫސްވެރިއަކަށް ނުޙައްޤު އެއްވެސް އަދަބެއް ލިބިގެނެއް ނުދާނެ. ދިވެހިރާއްޖެއަކީ މި ޒަމާނުގެ ޑިމޮކްރަސީއެއްގައި، ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފަހިކޮށް އޮތް ޤައުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން. ހަމައެއާއެކުގައި، ނޫސްވެރިންވެސް ގަބޫލުކުރައްވަންޖެހޭނެ ކޮންމެ މިނިވަންކަމަކާ އެކީގައި، ކޮންމެ ޙައްޤަކާ އެކީގައި، އޮންނާނެ ޒިންމާއެއް. އެހެންވީމާ، އެ ޒިންމާ ރަނގަޅަށް އުފުއްލަވަންވާނެ. ޒާތީ ކަންތައްތަކެއް ކޮންމެ މީހެއްގެވެސް ހުންނާނެ. އެހެންވީމާ، އެ ފަހަނައަޅައި ނުގޮސް، އޭގެ އެންމެ ރަނގަޅު ގޮތުގައި މީޑިއާ ބޭނުންކުރުމަކީ، އެއީ އަޅުގަނޑުގެ މިއަދުގެ އެދުމެއް.

 

އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. ޕަބްލިކް ފިގަރސް. އަޅުގަނޑުމެންގެ މާބޮޑު ޒާތީ މަޞްލަޙަތެއް ނޯންނާނެ. އަޅުގަނޑުމެން ކުރާ ކޮންމެކަމަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، ރައްޔިތުންނަށް އެނގެންޖެހޭނެ ކަމެއް. އެއަކު އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތް. އެހެންނަމަވެސް، އަދި ތިއްބަވާނެ. އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި، މިކަހަލަ ބަސްވިކޭ ބޭފުޅުން. ރައްޔިތުންގެ އެކަހަލަ ވާހަކަތައް ގެނެސްދޭއިރުގައި، އެއަށް ސަމާލުކަން ދެއްވަންވާނެ. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިޚާބު ކޮށްފައި، ރައްޔިތުންގެ ޚާދިމުން ކަމުގައިވާތީ، އަޅުގަނޑުމެންގެ ޕަރސަނަލް ލައިފް، އަޅުގަނޑުމެންގެ ޒާތީ އެބައި ވަރަށް ކުޑަވާނެއޭ އަޅުގަނޑު ގަބޫލުކުރަން. ޢާއިލާގައިވެސް، ހަމައެކަނި ދަރިންނާ ހިސާބުން އެކަން ބައެއް ތަންތަނުގައި ނިމިފައި ހުރޭ. އެހާވެސް ހަނިކޮށް މި އޮންނަނީ. އެހެންވީމާ، އަޅުގަނޑާ ދޭތެރޭގައި، އަޅުގަނޑުމެން ސިޔާސީ މީހުންނާ ދޭތެރޭގައި ދައްކާ ވާހަކަ، ގެނެސްދޭ މަޢުލޫމާތަކީ، އަޅުގަނޑުގެ އެއްވެސް ހިތްބަރުކަމެއް އޮތްކަމެއް ނޫން އެއީކީ. ހަމަ ފެންނަ ޚިޔާލު ފާޅުކުރަންވީ. އެކަމަކު، އޭގެ ޙަޤީޤަތް ހާމަކޮށްދެއްވަންވާނެ އިނގޭތޯ. އެ މިނިވަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގައި އޮތް ޕީ.އެސް.އެމް.އަށްވެސް އަދި ޕްރައިވެޓް މީޑިއާ ތަކަށްވެސް ހުޅުވިފައި އޮންނާނެ.

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

ދިވެހިރާއްޖޭގެ އަޑު މިހާރު ރާއްޖޭގެ ވަރަށް މަދު ހިސާބަކަށް މި ފޯރަނީ. ދިވެހިރާއްޖޭގެ އަޑު އަޑުއިވޭ މީހުންގެ ނިސްބަތް މިހާރު މިވަނީ ވަރަށްބޮޑަށް މަދުވެފައި. ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް ނުފޯރާ. ކިހިނެއްތޯ ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް، ކިހާ ތާކު ދިވެހި ރައްޔިތުންނަށް، މުޅި ރާއްޖެއަށް ލިބޭވަރު ވާނެތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

 ދިވެހިރާއްޖޭގެ އަޑަކީ، ދިވެހި ރައްޔިތުންގެ އަޑު. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެހެންވީމާ، އެ އަޑު ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ކޮންމެ ރައްޔިތަކަށް އަޑު ލިބެންޖެހޭނެ. މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި، ބައެއް ހިސާބުތަކަށް އަޑު ނުލިބޭކަމީ ހިތާމަކުރާ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް އަމާޒު ހިފާފައި މިހުރީ، ވަރަށް އަވަހަށް، ކުރިއަށް އޮތް ފެބްރުވަރީ މަސް ނިމޭހާ ތަނުގައި، އެންމެ ލަސްވެގެން، ދިވެހިރާއްޖޭގެ އަޑުގެ އަޑު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ދިނުމަށް. އަދި، ހަމައެއާއެކީގައި، ޑިޖިޓަލް ކުރެވި، ސްމަރޓް ފޯނަށާއި، ފަސޭހައިން އަޑު އިވޭގޮތަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ، މިސާލަކަށް ދަންނަވާނަމަ ބަދިގެ ތެރޭގައިވިޔަސް، މަސްވެރިޔާ މަހަށް ނުކުންނައިރުގައިވެސް، އަދި ޓެކްސީ ޑްރައިވަރުން ޓެކްސީ ދަތުރު ކުރާއިރުގައިވެސް، އަދި އެހެން ކަންތައްތަކުގައިވެސް ތިބޭއިރު، ފަސޭހައިން އަޑުއަހާލެވޭ ކަހަލަ ނިޒާމެއްގެ ތެރެއިން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއަށް ބަދަލު ގެންނަތަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެނިގެންދާނެ.

 

ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޢަލީ ރާޟީ:

 

ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ޚަބަރެއް ތިޔަ ދެއްވީ. އަދި ހަމައެއާއެކު އަޅުގަނޑުމެންގެ އަހަރީ ދުވަހު، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހު އަޅުގަނޑުމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިކަމީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. ވަރަށްބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީ އިނގޭތޯ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

 

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދިވެސް އެއްފަހަރު 56 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ތަހުނިޔާ ދަންނަވަން. ވަރަށްބޮޑަށް ޝުކުރިއްޔާ.