بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

 

ޗަމްޕާ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާ، ޗަމްޕާ ބްރަދާރސްގެ އިސްބޭފުޅުން، ހެނބަދޫ ކައުންސިލްގެ ރައީސް، ހެނބަދޫ ކައުންސިލްގެ މެންބަރުން، މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަލީ މަޢުރޫފް، މި ރަށުގެ ލޮބުވެތި ރައްޔިތުން، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑު މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، ޗަމްޕާ ބްރަދާރސްގެ ފަރާތުން، ހެނބަދޫގެ ރައްޔިތުންނަށް ތިޔަ ދެއްވި ދީލަތި އެހީއަށްޓަކައި، ކުންފުނީގެ ޗެއަރމަން މުޙައްމަދު މޫސާއަށާއި، އަދި ޗަމްޕާ ބްރަދާރސްގެ އިސްވެރިންނަށް، އިޚުލާޞްތެރިކަމާއެކު މި ރަށު ލޮބުވެތި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. އަދި މި ރަށަށް އަޅުގަނޑުމެން އައުމުން، ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

މިއަދަކީ، ތިޔަބޭފުޅުން އެތައް ދުވަހަކުއްސުރެ އުފުއްލަވަމުން ގެންދެވި ތަކުލީފުތަކަކަށް ނިމުމެއް އައި ދުވަސް. ހިލޭ ސާބަހަށް ނަރުދަމާ ނިޒާމެއް ޤާއިމުކޮށްދިނުމަކީ، ޗަމްޕާ ބްރަދާރސްއިން، ރާއްޖޭގެ ރަށްރަށަށް ވެދެމުންދާ، އިޖުތިމާޢީ އެހީތެރިކަމުގެ ސިލްސިލާއަށް އިތުރުވި އަނެއް ބޮޅު. 18.9 މިލިއަން ރުފިޔާއަށްވުރެ ބޮޑުހޭދައެއް ކުރައްވައިގެން، ޤާއިމުކޮށްދިން މި ނިޒާމުގެ ސަބަބުން، މި ރަށާއި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ.

 

ނަރުދަމާ ނިޒާމެއް ނެތުމުން، މިއަދާ ހަމައަށް މި ރަށުގައި ނަޖިސްފެން ހިންދަމުންއައީ، ގޭގޭގެ ގޯތިތެރެއަށް. މިހާރު ދޫކުރާ ގޯތިތައް ކުދިވުމުގެ ސަބަބުން، އެ ގޯތިތަކުން ނަޖިސްފެން ހިންދަމުންއައީ، މަގުތަކުގައި ހަދާފައި ހުންނަ ވަޅުގަނޑުތަކަކަށް. ނަތީޖާއަކަށްވީ ރަށުގެ ފެންފަށަލަ އެކުގައި ތަޣައްޔަރުވެ ނަޖިސްވުން.

 

ސާފުތާހިރު ފެނުގެ ނިޒާމެއް ޤާއިމުކުރެވިފައި ނެތުމުން، ހެނބަދޫ ރައްޔިތުން އެއްޗެހި ދޮވުމަށާއި ފެންވަރައި ތާހިރުވުމަށްވެސް ބޭނުންކުރަމުންއައީ، މި ދެންނެވި ނަޖިސްފެން. ނަރުދަމާ ނިޒާމާއެކު މި ރަށަށް ލިބޭނެ އެންމެބޮޑު ފައިދާއަކީ، ރަށުގެ ފެންފަށަލަ ނަޖިހުން ތަޣައްޔަރުވުން ހުއްޓިގެން ދިޔުން.

 

މިއީ، ހެނބަދޫ ރައްޔިތުންގެ އާންމު ޞިއްޙަތަށް ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ޔަޤީން. ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތަކަށް ބޭނުންވެފައިވާ، ހެނބަދޫފަދަ ކިތަންމެ ރަށެއް ރާއްޖޭގައި އަދިވެސް އެބައޮތް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، އެފަދަ އަސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަށް.

 

އެފަދަ ރަށްރަށަށް ކައިރީގައިހުރި ރިސޯޓްތަކުގެ އެހީތެރިކަން، މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ލިބޭނަމަ، ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރައަކަށް ނުވެ، އަދި ހަލުވިމިނެއްގައި، އެފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަވެގެންދާނެ. ރަށުގެ ތަރައްޤީއަށް، ވިޔަފާރިވެރިންނާއި ރިޒޯޓުތަކުން، މިހާރުވެސް ވަރަށް ގިނަ އެހީތަކެއް ވެދޭކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

 

ހެނބަދޫ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ދަތިކަމަކީ، ފަސޭހައިން ލަފާފުރޭނެ ގޮތެއް ހަމަޖެހިފައި ނެތުން. ރަށުގައި ދެ ފާލަން އޮތަސް، އެއް ފާލަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި އޮތުން. ބަނދަރެއް ނެތުމުން، ކިތަންމެ ގަދައިގައިވިޔަސް، ރަށުގެ އޮޑިދޯނިފަހަރު އަޅަންޖެހެނީ މާސިންގާ ކަނޑުގައި.

 

ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ގޮވައިގެން، ލަފާފުރަން ޖެހެނީ އުރަފަށަށް އަޅާފައިއޮތް ފާލަމަކުން. މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކާ ދިމާވެއްޖެނަމަ، އޮޑިދޯނިފަހަރާއި މުދަލަށް، އެކިވަރުގެ ގެއްލުންތައް ލިބުމަކީ، މި ރަށު ރައްޔިތުން ތަޙައްމަލް ކުރަމުންދާ ވަރަށް ބޮޑު ދައްޗެއް.

 

ހެނބަދޫ އުފެދިފައި އޮންނަ ގޮތުން، ވިއްސާރަ މޫސުމެއްގައިނަމަ، މި ރަށުގައި ފެން ބޮޑުވުމަކީ، ވަރަށް އާންމުކޮށް މެދުވެރިވާ ކަމެއް. ބައެއް ފަހަރަށް ގޭގެއަށް ފެން ވަދެ، ތަކެއްޗަށާއި މުދަލަށްވެސް ގެއްލުން ލިބިފައި އެބަހުރި. މިއީވެސް ވީހާއަވަހަކަށް ޙައްލު ކުރަންޖެހިފައި އޮތް ކަމެއްކަން، މައްސަލައެއްކަން އަޅުގަނޑުމެން ގަބޫލުކުރަން.

 

އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މިތިބީ، ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިތައް ފިލުވައިދީ، ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން. މި ރަށް ސާވޭ ކުރުމަށާއި ރަށުގެ ބަނދަރު ހެދުމަށް، މިފެށޭ އަހަރުގެ ބަޖެޓުގައި މިހާރުވާނީ ހިމަނާފައި. އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، މާ ލަސްނުވެ، އެ މަސައްކަތް ފެށޭނެ ކަމަށް.

 

މި ރަށުގައި 757 މީހުންގެ އާބާދީއެއް އޮތްއިރު، މި ރަށުގެ ބިން އޮތީ ފުރިފައި. ގޯތި ދެވޭނެ އެއްވެސް ގޮތެއް ނެތުމަކީ، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އޭގެއިތުރުން، ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރަމުންދާތީ، ރަށުގެ ހިކިފަސް ސަރަޙައްދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން. މިއީ ސަރުކާރުންވެސް ވަރަށް ކަންބޮޑުވާ ކަމެއް.

 

މުޅި އިޤްތިޞާދު، އޭގެ ވަށައިގެން ދައުރުކުރާ ނާރެހަކީ، ދިރިއުޅުން ވެއަތުކުރާ ގެ. ޢާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް، ނުވަތަ ގޯއްޗެއް ނެތި، ހާސިލުކުރެވޭނެ ތަރައްޤީއެއް ނޯންނާނެ. ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ އަސްލަކީވެސް ގެދޮރުގެ ދަތިކަން. ގެދޮރުގެ ދަތިކަން ހައްލުވެގެން ނޫނީ، އިޤްތިޞާދުގެ ރޫފަ ހެޔޮވެގެނެއް ނުދާނެ.

 

އަޅުގަނޑުމެންގެ އަމާޒަކީ ޤައުމުގެ ކޮންމެ ފަރުދަކީ ގެދޮރުވެރިއަކަށް ހެދުން. ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް، ހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކުރެވިގެންދާއިރު، މި ރަށުގެ ގޯތިގެދޮރުގެ ދަތިކަން އިރާދަކުރެއްވިއްޔާ، ހައްލުވެގެންދާނެ. ކޮންމެ ޢާއިލާއަކަށްވެސް ދިރިއުޅެވޭނެ ހިޔާވަހިކަމެއް ލިބިގެންދާނެ.

 

ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު. އެކަން ހާސިލުކުރެވޭނީ، ވަށައިޖެހިފައިވާ ތަޢުލީމީ ނިޒާމަކުން ކަމަށްވާތީ، ސްކޫލް މަދަރުސާތަކުގެ ހާލަތު ރަނގަޅު ކުރުމަކީ އެންމެ މުހިންމު ކަންތައް. އެ ސިޔާސަތުގެ ދަށުން، މި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން.

 

ފަރުދީ ފެންވަރުގައި ދުޅަހެޔޮ ދިރިއުޅުމެއް ލިބިގެން ނޫނީ، ޤައުމީ ފެންވަރުގައި އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ. އެމީހަކު ދިރިއުޅޭ ތަނެއްގައި، ފަސޭހައިން ޞިއްޙީ ފަރުވާ ލިބިދިނުމުގެ ސިޔާސަތުގެ ދަށުން، މި ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އިސްކަން ދޭނަން.

 

މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ، ސަރުކާރު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް، އެއްވިޔުގައަކުން ގުޅާލެވިގެންދާނެ. އަދި، ހުރިހާ ރަށެއްގައި ޤާއިމުކުރާ ލެބޯރެޓަރީތަކެއް ޑިޖިޓައިޒް ކުރެވޭނެ. އެއާއެކު، ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އަޅުގަނޑުމެން ގެންގުޅޭ ވިސްނުމެއް.

 

މި ދެންނެވި ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެން މި އުންމީދު ކުރާ، ހިތްފަސޭހަ ޖަޒީރާވަންތަ ދިރިއުޅުމެއް ފެންނަން ފަށާނެ. އަޅުގަނޑުމެން އުންމީދު ކުރަނީ، ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މަސައްކަތްތައް، އެމަގަށް އަމާޒުވެގެން ދާނެކަމުގައި.

 

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް، އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ މިންވަރު ކުރެއްވުން. ދުޅަހެޔޮ ތާހިރު ދިރިއުޅުމެއް ހޯދުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވާށި! މިރާއްޖެއަށް ތާއަބަދުމެ އުފާފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރައްވާށި! އާމީން

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.

 

     _____________________________