ســم اللّـه الرّحمـن الرّحيــم

 

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް صلوات އާއި سلام ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

 

 މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީން، ދައުލަތުގެ ވަޒީރުން، ހެލްތު މިނިސްޓްރީގެ އިސްވެރިން، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، މިއަދު އިފްތިތާޙުކުރާ މި ޙަރަކާތަކީ، ދިވެހީން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ފަށާ މަސައްކަތެއް. އާދެ، މިއީ 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަމަކަށްވީނަމަވެސް، ޙަޤީޤަތުގައި މި މަސައްކަތަކީ މިއީ އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް.

   

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ކުޑަކޮށް އަޅުގަނޑު ބަދަލުކުރަންވެސް ޖެހިއްޖެ މިހާރު. އެހެން މި ދެންނެވީ، އަޅުގަނޑަށް ދެންމެ ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ ކަންތައްތަކަށް އަޅުގަނޑު އަލިއަޅުވާލާފައި އެއްޗެއް ދަންނަވާލާ ކަމަށްވަންޏާ، އަޅުގަނޑަށް ދެންނެވެން އޮތީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތެރޭގައި، އާދެ، މި ދަންނަވާ އެން.ސީ.ޑީ ނުވަތަ ނޮން ކޮމިޔުނިކެބްލް މި ޑިޒީޒްތައް، މި ކަންތައްތައް އިތުރުވެގެންމިދާ ސަބަބުތަކުގެ ވާހަކަ. މި ކަންތައްތަކުގެ ވާހަކައަކީ މިއީ، އަޅުގަނޑުމެންދާ ކޮންމެ ތަނަކުން، އަޅުގަނޑުމެންނަށް މިގޮތަށް ބޭއްވޭ ކޮންމެ ބައްދަލުވުމަކުން، ދެކެވޭ ވާހަކަތަކެކޭ. އެހެންނަމަވެސް މިއަދު، އަޅުގަނޑުމެން މިކަންތައްތަކަށް، ފުންކޮށް ވިސްނަން އެބަޖެހޭ. ކަންތައްތަކަށް އަޅުގަނޑުމެންނަށް ޙައްލު ހޯދެން އޮތީ، ކޮންގޮތަކަށްކަން މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަންތައްތަކަކީ. އެގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް ދެންމެ އެ އިވިގެންދިޔަ އަޑުތަކަކީ، ލިބިގެންދިޔަ ނަސޭހަތްތަކަކީ، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ޑޮކްޓަރު ޝިފާން އަދި ޑޮކްޓަރ ނިޔާފުގެ އެ ނަޞޭޙަތްފުޅުތަކަށް އަޅުގަނޑުމެން ފުންކޮށް ވިސްނަން އެބަޖެހޭ. އަދި ތަފާތު އެކި ބަލިތަކާ ހަނގުރާމަކޮށް އަޅުގަނޑުމެންނަށް އެބޭފުޅުން ތަޙައްމަލުކުރި ވޭނާއި، އެ ތަޖުރިބާތައް އެ ހިއްސާކުރެއްވި ފަރާތްތަކުގެ އަޑުތައް އަޅުގަނޑުމެން އަހަން އެބަޖެހޭ.

 

ޙަޤީޤަތަކީ މިއަދުވެސް އަދި ކުރީގައިވެސް މުޅި ޤައުމުގައިވެސް ސަރުކާރުތަކުންނާއި، މިއަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދަންނަވާނީ، އަބަދުވެސް ދެމުންގެންދާ އެއް ދާއިރާއެއް ޞިއްޙީ ދާއިރާއަކީ. ވަކިން ޚާއްޞަކޮށް، މިއަދުގެ ސަރުކާރުން މިކަންތައްތައް ހޭލުންތެރި ކުރުމަށްޓަކައި، މިއަދު އަޅުގަނޑުމެން މި ފަށްޓާ މި މަސައްކަތަށް ބޮޑު ހޭދައެއް ކުރުމަށް މިހާރު ވަނީ ނިންމަވާފައި.

 

އަޅުގަނޑުމެން ކިތަންމެވަރަކަށް ވާހަކަދެއްކި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މިގޮތަށް ކިތަންމެ ޖަލްސާތަކެއް ބޭއްވި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ މުޅި ޤައުމުގެ ހުރިހާ ދާއިރާތަކުން، ސްކޫލްތަކުން ފެށިގެން، ގޭބިސީތަކުން، ސަރުކާރުގެ އޮފީސްތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުޅޭ މީހުންގެ ތެރޭގައި، މި ކަންތައްތަކަށް ސަމާލުކަމެއް ނުދެވިއްޖެ ކަމަށްވަންޏާ، ފަސް އަހަރު ފަހުންވެސް އަޅުގަނޑުމެން ދައްކަންޖެހޭނީ ހަމަ މި ވާހަކަ.

 

އެހެންވީމާ، އަޅުގަނޑު މިއަދު ވަރަށް އިޚްލާޞްތެރިކަމާއެކު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތަކީ އިތުރު ހިތްވަރަކާއި، އިތުރު އަހަންމިއްޔަތުކަމެއް، އިތުރު ސަމާލުކަމެއް ދެވިގެން، އިތުރު ބޮޑު ހޭދައެއް، ކުރީގައި ދުވަހަކުވެސް ސަރުކާރަކުން ނުކުރާފަދަ ހޭދަތަކެއް ކުރެވޭގޮތަށް ކުރަން ތައްޔާރުވެގެން މިއަދު މިފަށާ މަސައްކަތުގެ ފުރިހަމަ ނަތީޖާ ހާސިލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ދިވެހީންނަކީ، އަބަދުވެސް ވަރަށް އަޑުއަހާ ބައެއް. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ނަސޭހަތުގެ އަޑުއެހޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ބައެއްފަހަރު، ފަރުވާކުޑަކުރެވެނީ. އަޅުގަނޑުމެންގެ އާދަކާދަ ހުންނަގޮތުން، ފަރިތަވެފައި ހުންނަގޮތުން ގިނަފަހަރަށް، އަޅުގަނޑުމެންނަށް ކަމަކާ ބައްދަލުނުވަނީސް، އެކަމަށް ތައްޔާރުވުން، އެކަމަކަށް ރައްކާތެރިވުން އޮންނަނީ ތަންކޮޅެއް ދުރުގައި. މިއީ މިއަދުގެ މުޖުތަމަޢުގައި އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް.

      

އަޅުގަނޑުމެންގެ ޤައުމުގައި، ޙަޤީޤަތުގައި މިހާބޮޑަށް ޞިއްޙީ ދާއިރާއަށް މިކަންތައްތަކަށް ކުރަންޖެހޭ ހޭދަ މިހާބޮޑަށް އިތުރުވެގެންމިދާ ސަބަބަކީ، ބަލިތަކާ ހަނގުރާމަ ކުރަންޖެހޭ ސަބަބަކީ، ޢާއިލާތަކުގެ މި ހިތާމަތައް އިތުރުވެގެންދާ އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެންނަށް ރައްކާތެރިނުވެވުން. އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ކުރީގައިވެސް މި ދެންނެވި ފަދައިން، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އެންމެހާ ފަރުދުންނަށް ހަމަ ގޮވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަކީ ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި، އަދި އަޅުގަނޑުމެންނަށް ވަކިން ޚާއްޞަކޮށް، ދާއިރާގެ ފަންނީ ބޭފުޅުންގެ ފަރާތުން، ޑޮކްޓަރުންގެ ފަރާތުންނާއި، އަދި މިކަންތައްތަކާ ކުރިމަތިލާފައި ތިބި ފަރާތްތަކުން އެ ތަޖުރިބާކޮށްފައި ޙިއްޞާކުރާ ކަންތައްތައް އަޑުއަހާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ.

 

އާދެ، އަޅުގަނޑުމެންނަށް، އެއްކޮޅުން އަޅުގަނޑުމެންގެ ކަންތައްތައް ހުއްޓާލުމުގެ ވާހަކަ ދައްކާއިރު، ދުންފަތާއި އަދި އެނަރޖީ ޑްރިންކްސްތަކާއި، ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުގެ މި ކަންތައްތަކުން ދުރުހެލިވާ ވާހަކަ ދައްކާއިރު، އަނެއްކޮޅުން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް އިޝްތިހާރު ކުރުމާއި، މި ކަންތައްތައް ޕްރޮމޯޓް ކުރުމާއި، މި ކަންތައްތަކާމެދު ފުންކޮށް ވިސްނަން. އަޅުގަނޑުމެން ކިޔާ އެއްޗަކީ އެއީ ދިމާވާ އެއްޗަކަށް ވާންއެބަޖެހޭ. އެހެންނަމަވެސް މިއަދު އަޅުގަނޑު މި ވާހަކަ ދައްކާފައި، އަޅުގަނޑު ގެޔަށް ގޮސްފައި ޓީ.ވީ ހުޅުވައިލާއިރު އަޅުގަނޑަށް ފެންނާނީ، ކޮންމެވެސް އެހެން މަންޒަރެއް.

 

އާދެ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން. އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑުގެ ނަފްސަށް، އަޅުގަނޑު މިކަންތައްތަކާ ދުރުހެލިވުމަށްޓަކައި އެނަރޖީ ޑްރިންކްސްތަކުން މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑު ދުރުހެލިވާނަން.

     

އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހުންނާނެ. މިކަންތައްތައް ކުރުމަށް އަޅުގަނޑުމެން ބާރުއަޅަންޖެހޭނެ. އަޅުގަނޑު ވަކިން ޚާއްޞަކޮށް، ސްކޫލްތަކުގެ މުދައްރިސުންނަށް ހަމަ އިލްތިމާސްކޮށް ގޮވާލަން ބޭނުންވަނީ، މިކަންތައްތަކަށް ޅަފަތުގައި ކުދިން ތަރުބިއްޔަތު ކުރުވަން އެބަޖެހޭ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެންމެ މުއައްސަސާއަކަށް، ހަމައެކަނި ހެލްތު މިނިސްޓްރީގެ ބޭފުޅުންނަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނަށް އަދި ނުވަތަ ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ. އިން ކުރެވޭނެ ކަންތައްތަކެއް ނޫން. މިކަން ކުރެވެން އޮތީ، މުޅި ޤައުމުގެ ހުރިހާ ރައްޔިތުން ގުޅިގެން.

 

އާދެ، އަޅުގަނޑު ހަމަ ކަމާ ގުޅުން ނެތް ނަމަވެސް، ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންނަށް ކަންކަމަށް ރައްކާތެރި ނުވެވުމުގެ ސަބަބުން، ޙަޤީޤަތުގައި އަޅުގަނޑު ނުދަންނަވާނަން، އަޅުގަނޑުމެންގެ ހޭލުންތެރިކަން ނެތް ކަމަކަށް. އަޅުގަނޑުމެންނަކީ ހޭލުންތެރި ބައެއް. އެހެންނަމަވެސް ހަމައެކަނި އަޅުގަނޑުމެންގެ މައްސަލައަކީ، އެ ވަގުތުގައި، އެ ހާލަތުގައި އަޅުގަނޑުމެން ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުން. ހަމަ މިއިން ސަބަބެއް، ރައްކާތެރިނުވުމުގެ ސަބަބުން، އަޅައިލުން ކުޑަވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވާ ހިތާމަތައް އެކި ގޮތްގޮތުން އަޅުގަނޑުމެންނާ ޞިއްޙީގޮތުން އަޅުގަނޑުމެންނާ ދިމާވާ ކަންތައްތައް، އެކްސިޑެންޓްތަކާއި، އަދި އެނޫން ކަންތައްތައްވެސް، ކަނޑުގައި އަޅުގަނޑުމެންނަށް މި ދިމާވަމުންދާ ހިތާމަވެރި ކަންތައްތައް. މަގުމަތީގައި ހިނގާ ކަންތައްތައް. މިހިރަ ކަންތައްތަކަކީ އަޅުގަނޑުމެން މުޅި މުޖުތަމަޢު އެއްކޮށް އަޅުގަނޑުމެން މިކަމަށް ވިސްނަންޖެހޭ ކަންތައްތައް.

 

އަޅުގަނޑުގެ އުންމީދަކީ، ސަރުކާރުން މިއަދު މިފަށްޓާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް މުޅި ދިވެހި ރައްޔިތުންނަށް މީގެ ފައިދާ ލިބޭނެފަދަ ގޮތަކަށް އަޅުގަނޑުމެންގެ ހުރިހާ ފަރާތްތަކެއްވެސް، މުޅި ހުރިހާ ރައްޔިތުންގެ ޢަމަލުތައް މިކަމުގައި މިގޮތަށް ބަހައްޓަވާނެ ކަމަށް. އަޅުގަނޑުމެން ކުރާ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ، ގިނަބަޔެއްގެ އެހީތެރިކަމާއި މަދަދު އެކަމަކަށް އަޅުގަނޑުމެންނަށް ލިބިގެން. އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ދިވެހި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ކުރަމުންދާ މަސައްކަތުގައި،  ތަފާތު އެކި މަދަނީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި އަދި ކުންފުނިތަކުގެ އެހީތެރިކަން އިންތިހާ ދަރަޖައަށް ލިބެމުންދޭ.

 

އަޅުގަނޑުމެންގެ އެދުމަކީ، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކުރާ މިބާވަތުގެ ކޮންމެ ކަމެއް، ދިވެހި ރައްޔިތުންގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އަޅުގަނޑުމެންނަށް އިތުރު ކޮންޓިރިބިއުޝަން މިކަމުގައި ލިބިގެން ދިޔުން. މިގޮތަށް މަސައްކަތްކޮށްދެއްވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި މިންވަރުކުރައްވައި، ޞިއްޙަތަށް ގެއްލުންހުރި ބާވަތްތަކާ ދުރުހެލި ބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުން. އަދި އެންމެހައި ރޯގާތަކާއި ބަލިމަޑުކަމުން ދިވެހީން ސަލާމަތްކުރައްވައި، އަޅުގަނޑުމެންނަށް ފާގަތި ދުވަސްތަކެއް މިންވަރުކުރެއްވުން.

 

والسّلام عليكم ورحمـة اللّـه وبركاته.