بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

 

ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު މުޙައްމަދުދީދީ، ނިއު ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ބޭފުޅުން، ދައުލަތުގެ ވަޒީރުން، ނިއު ދިއްލީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ނިއު ދިއްލީގައި ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑާ ބައްދަލުކޮށްލުމަށް ތިޔަބޭފުޅުން ވަޑައިގަތްކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކުގައި ފުރަތަމަ ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަކީ، މިޤައުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ ދިވެހި ސަފީރުން.

 

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން، އެގޮތުގައި ދެމެހެއްޓުމަށް، ތިޔަބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ވަރަށް މުހިންމު. ތިޔަބޭފުޅުން ތިޔަ ތިއްބެވީ، ރާއްޖެއާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި އެއް ޤައުމުގައި.

 

އެއްބަނޑުއެއްބަފާ މި ދެޤައުމުގެ ދެމެދުގައި، ސިޔާސީ ގުޅުން ޤާއިމުކުރީ، 1 ނޮވެމްބަރ 1965ގައި. އެ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް އިންޑިޔާއަކީ ރާއްޖެއަށް އެންމެ ހެޔޮއެދޭ، ރާއްޖެއާ އެންމެ ރަޙްމަތްތެރި ޤައުމު. މި ވެރިކަމުގައި، މާތް ﷲގެ ވާގިފުޅާއެކު،އެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެގެންދާނެ.

 

އަޅުގަނޑު ވެރިކަމާ ޙަވާލުވުމަށްފަހު، ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުގައި، އިންޑިޔާއަށް އާދެވުމަކީ، މި ގުޅުން ބަދަހިވުމުގެ ހެޔޮ ފާލެއް. އަވަށްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކާއެކު، ރާއްޖެއިން ގުޅުން ދަމަހައްޓާނީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކަށް އެއްވެސް ލޮޅުމެއް ނާރާނެ ގޮތުގެ މަތިން.

 

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން. ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުން އަޅުގަނޑުމެން ދަމަހައްޓާނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭނޭ ގޮތުގެ މަތިން.

 

ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުން. ރަޙްމަތްތެރި ޤައުމުތަކުން، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން، އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަން. ޚާއްޞަކޮށް މިކަމުގައި އިންޑިޔާގެ ޙިއްޞާއަކީ އަގުކުރެވޭ ވަރަށްވުރެ ދީލަތި އެހީތަކެއް.

 

އެކިއެކި ބޭނުންތަކުގައި އިންޑިޔާގެ އެކި ސްޓޭޓްތަކުގައި، ވަރަށް ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އެބަދޭ. ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ތިޔަބޭފުޅުންގެ އެކި ކަންކަމާ ބެހޭގޮތުންވެސް، އިންޑިޔާގެ ވެރިންނާއެކު އަޅުގަނޑު މަޝްވަރާކުރާނަން.

 

ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން، ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުން. އެ ގުޅުން ކެނޑިގެންދާފަދަ ކަމެއް، އަޅުގަނޑުމެން ނުކުރާނަން. ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިޔާއާއެކު ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމު.

 

އެކި ބޭނުންތަކުގައި އިންޑިޔާއަށް ދިވެހިން ދަތުރުކުރާ ނިސްބަތް، ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އެ ގުޅުން ބަދަހިކުރުން މިއަދު ވަރަށް މުހިންމު. އިންޑިޔާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަން. އެކަން އެގޮތަށް މެދުވެރިވީވެސް، މިދިޔަ އަހަރުތަކުގައި ރާއްޖެއިން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން.

 

އަޅުގަނޑުގެ މި ދަތުރުގައި، އިންޑިޔާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި، ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓް ވިސާގައި އެތެރެވުމަށްފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ.

 

ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް، ދެ އެހީތެރިންނާއެކު ތިބެވޭގޮތަށް، ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ވިސާ ލިބޭނެ. އިންޑިޔާގައި ކިޔަވަން ތިބޭ ދަރިވަރުންނަށް، މަލްޓިޕްލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެހިގެންދާނެ. 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕްލް އެންޓްރީ ވިސާ ލިބޭނެ.

 

މަތީ ތައުލީމް ހާސިލުކުރަން ނުވަތަ ރިސަރޗް ހަދަން ތިބޭ ދަރިވަރުންގެ، 18 އަހަރުން ދަށުގެ ކުދިންނަށާއި، އަނބިންނާއި ފިރިން އަދި މައިންބަފައިންނަށްވެސް ފަސޭހައިން ވިސާ ލިބޭނެ. ދަރިވަރުންގެ ކައިރީގައި ތިބޭ ބެލެނިވެރިންގެ، 18 އަހަރުން ދަށުގެ ކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި، އެ މީހުންނަށްވެސް ވިސާ ހަމަޖެހިގެންދާނެ.

 

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިއީ ދިވެހިންނާމެދު އިންޑިޔާއިން ނިންމި ވަރަށް ދީލަތި ނިންމުންތަކެއް. އަދި އިންޑިޔާއިން ދިވެހިންނާމެދު އޮތް ހިތްހެޔޮކަން ރަމްޒުކޮށްދޭ ކަމެއްވެސްމެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިއީ އިންޑިޔާއަށް ލިބޭނެ މާލީ މަންފާއަކަށްވުރެ ބޮޑަށް، އިންޑިޔާއިން ދިވެހީންނަށް ދިން ދީލަތި އެހީއެއް.

 

މި ދީލަތި އެހީތެރިކަމަށްޓަކައި އިންޑިޔާގެ މިއަދުގެ ޒަޢާމަތަށް، ވަކިން ޚާއްޞަކޮށް، ބޮޑުވަޒީރު މޯދީއަށް، ހުރިހާ ދިވެހީންގެ ނަމުގައި، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

 

މި ޤައުމުގެ ޤާނޫނުތަކާއި އިޖުތިމާޢީ އާދަކާދަތަކާއި ޘަޤާފަތަށް، ޙުރުމަތްތެރިކޮށްހިއްތަވަންވާނެ. ދިމާވާ ތަފާތު ދަތިތަކުގެ ކުރިމަތީގައި، އިސްކުރަންވާނީ ކެތްތެރިކަމާއި ރިވެތި އަޚްލާޤީ ހަމަތައް. ދައްކަންވާނީ ދިވެހީންގެ ހިތްތިރިކަމާއި ކިޔަމަންތެރިކަން.

 

އަވަށްޓެރި ޤައުމުތަކުގައި ދިގުމުއްދަތަކަށް ދިރިއުޅޭ ދިވެހީންނަށް، މިވަގުތު އެންމެ ދަތިވާ އެއްކަމަކީ، އާސަންދައިގެ ޚިދުމަތް ނުލިބުން. އަވަށްޓެރި ޤައުމުތަކުގައި އުޅޭ އެފަދަ ދިވެހީންނަށް އާސަންދަ ލިބިދިނުމާއި، އެހެން ޤައުމުތަކަށް އާސަންދަ ފުޅާކުރުމަކީ، މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް. އެކަން ފެށުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

 

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރުފު ކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއް. އަދި މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް، ލުއިފަސޭހަގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

 

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި، އެންމެ ގިނައިން އެތެރެކުރަނީ އިންޑިޔާއިން. ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް، ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމު، އިންޑިޔާ ސަރުކާރުން ވަނީ ހަމަޖައްސައިދެއްވާފައި. އިންސާނީ ވަސީލަތުގެ ގޮތުން، ރާއްޖޭގެ ތަރައްޤީގައި އިންޑިޔާގެ ޙިއްޞާ ވަރަށް ބޮޑު.

 

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ތަރައްޤީވުމުގައި، އިންޑިޔާ އަދާކޮށްފައިވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއް. ވިޔަފާރީގެ ގޮތުންވެސް ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތީ ވަރަށް ޒަމާންވީ، ވަރަށް ބަދަހި ގުޅުމެއް. ތިޔަބޭފުޅުން ތިޔަ ތިއްބެވީ، މި ދެންނެވި އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ ޤައުމުގައި.

 

ބޭރު ޤައުމެއްގައި ތިއްބަސް، އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. ޢަޤީދާ ބަލިކަށިވެދާނެފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދެއްވައިގެން ނުވާނެ. ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ، އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ.

 

ތިޔަބޭފުޅުން ތިޔަ ތިއްބެވީ ވަރަށް ބޮޑަށް ހުޅުވިފައި އޮތް މުޖްތަމަޢެއްގައި. އެތައް އާދަތަކަކާއި، އެތައް ސަޤާފަތެއް މިތަނުން އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެހެންކަމުން، މިތަނުގައި އުޅޭ އުޅުމުގައިވެސް، ދަރީންގެ އުޅުން ހުންނަ ގޮތް ބަލައި، ދަރީންނަށް ރަނގަޅު މަގުދައްކައިދިނުމަކީ، ބެލެނިވެރިންގެ ވަރަށް ބޮޑު ވާޖިބެއް.

 

ހުރިހާ ގޮތަކުންވެސް، އިންޑިޔާއަކީ ދިވެހީންގެ އެންމެ އެކުވެރި އެއް ޤައުމު.  އިންޑިޔާއާމެދު ރާއްޖެ ދެކެނީ ވަރަށް ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި. ދިވެހީންނަށް ބޮޑުކަމެއް ދިމާވާ ކޮންމެ ވަގުތަކު، އިޚްލާޞްތެރިކަމާއެކު، އެންމެ ފުރަތަމަ، އެހީތެރިކަމުގެ އަތް ދިއްކޮށްލާ އެއް ޤައުމަކީ މި އިންޑިޔާ.

 

ރާއްޖެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި އެއް ހާދިސާއިން ރާއްޖެ ސަލާމަތްކޮށްދީ، ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދިނީ އިންޑިޔާއިން. އެކަން ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންނުދާނެ. ކުރިމަގުގައިވެސް، ރާއްޖެއަށް އެހީތެރިވުމުގެ އިސް ސަފުގައި އިންޑިޔާ އޮންނާނެ ކަމަށް ޔަޤީންކުރަން. އިރާދަކުރެއްވިއްޔާ، މި ގުޅުން އިތުރަށް ދާނީ ބަދަހިވަމުން.

 

އަޅުގަނޑުގެ ދުޢާއަކީ، އެއްބަނޑުއެއްބަފާ މި ދެޤައުމުގެ ދެމެދުގައި، މިހާރަށްވުރެވެސް ބަދަހި ގުޅުމެއް އުފެދިގެން ދިޔުން. މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް، ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތަށް ކާމިޔާބު ދެއްވުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތް ކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި! އާމީން

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.