بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

 

ގެމަނަފުށީ ކައުންސިލްގެ ރައީސް، ގެމަނަފުށީ ކައުންސިލްގެ މެމްބަރުން. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، ދައުލަތުގެ ވަޒީރުން،މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، މުއައްސަސާތަކުގެ އިސް ވެރިން، ރާއްޖޭގެ ހީވާގި މަސްވެރިން، ގެމަނަފުށީގެ ލޮބުވެތި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިއަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި އަދި ކުޅަދާނަ މަސްވެރީންނަށް ތަހުނިޔާ އާއި މުބާރިކްބާދީ އަރިސްކުރުން. ވަކިން ޚާއްޞަކޮށް، މި ރަށުގެ ޒުވާން ކެޔޮޅުންނަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާއެއް ދަންނަވަން.

 

އެންމެ ފުރަތަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު ގެމަނަފުށްޓަށް އައުމުން، މި ރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ބެހެއްޓެވި ގާތްކަން. ތިޔަ ދެއްވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ގެމަނަފުށީގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

 

ގެމަނަފުށްޓަކީވެސް، ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް ބޭނުންޖެހިފައިވާ ރަށެއް. އޭގެ ތެރެއިން މި ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް، މި ފެށޭ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައި. އަދި މި ރަށުގެ ސްކޫލަށް ބޭނުންވާ ދިހަ ކުލާސްރޫމްގެ މަސައްކަތް، މިހާރު އެވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި. އަދި މިރަށުގެ ފާޚާނާ ނިޒާމު އެޅުމުގެ މަޝްރޫޢުވެސް ވަނީ މިއަހަރުގެ ބަޖެޓުގައި އަނެއްކާވެސް ހިމަނާފައި.

 

އޭގެ އިތުރުން، ގެމަނަފުށީ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، 24 ގަޑިއިރަށް ޚިދުމަތް ލިބޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ފެށިގެންދާނެ.

 

މި ރަށުގެ މަގުތައްވެސް ރަނގަޅު ފެންވަރުގައި ހެދުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެހެންނަމަވެސް، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުނުކޮށް މަގުތައް ހެދުމަކީ، އެންމެ ބުއްދިވެރި ގޮތްކަމަށްނުވާތީ، ފުރަތަމަ އެކަން ކުރުމަށްފަހުގައި، މަގުތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން.

 

މި އަހަރުގެ މަސްވެރިންގެ ދުވަސް، މިރަށުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމަކީ ވަރަށް މުނާސަބު ކަމެއް. މިއީ މި ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރާ ދެވަނަފަހަރު. މަސްވެރިކަމުގެ ޞިނާޢަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ރަށެއް މި ރަށަކީ. ޚާއްޞަކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫޙު އަށަގެންނެވުމުގައި، މި ރަށުގެ ޒުވާން މަސްވެރިންގެ ޙިއްޞާ ވަރަށް ބޮޑު.

 

މި ރަށުގެ މަސްވެރި އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ 30 އަހަރުން ދަށުގެ ޒުވާނުން. ނޫ އިޤްތިޞާދުގެ ނަފާ ހޯދުމަށް، މަސްކަނޑުތަކުގައި ޒުވާނުން ކުރަމުންދާ ތަޖުރިބާތައް، ސޯޝަލް މީޑިއާގައި އެދަނީ ޙިއްޞާކުރަމުން. އެކަމަށް ޝައުޤުވެރިވެ، ރާއްޖޭގެ ޒުވާން މަސްވެރި އާބާދީ އަންނަނީ މިހާރު އިތުރުވަމުން.

 

ރާއްޖޭގެ މަސްވެރިކަން މިއަދު ވަނީ ވަރަށް ބޮޑު އިންޤިލާބީ ބަދަލުތަކެއްގެ ތެރޭގައި. މަސްދޯނިފަހަރުގެ ބޮޑުމިން 100 ފޫޓު ފަހަނަޅައި ހިނގައްޖެ. ހަމައެކަނި ކޮޅުފަސްކޮޅުގައި ދޮށި އެޅުމުގެ އާދަ ދޫކޮށް، ދޯނީގެ ކޮންމެ ތަނަކީ، ކެޔޮޅުންގެ ތަންތަން ކަމުގައި ހަދައިފި. ހޭލާފަށަށް އެން އަރަންދެން ނުތިބެ، އެންހުރި ހިސާބަކަށް ފީނައިގެން، އެން ނަގައި އޮޑިތައް ބަރާކުރަން ފަށައިފި.

 

މިހާ ހަލުވި ދުވެއްޔެއްގައި މަސްވެރިކަން ކުރިއަރަމުން އަންނައިރު، މަސްވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވާ އެތައް ގޮންޖެހުންތަކެއްވެސް އެބަހުރި. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާވަމުން އަންނަވަރަށް، މަސްވެރިކަމުގެ ބާޒާރު ތަނަވަސްނުވުމުގެ ޝަކުވާ. އަޅުގަނޑުމެންވެސް އެ ޙަޤީޤަތް ޤަބޫލުކުރަން.

 

އަޅުގަނޑުމެންގެ އިޤްތިޞާދީ ތަޞައްވުރަކީ، މަސްވެރިކަމާއި ކަނޑުގެ ވެށްޓާ ނުހަނު ގުޅިލާމެހިފައިވާ ތަޞައްވުރެއް. ނޫ އިޤްތިޞާދަކުން، ލާމަރުކަޒު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން، ޖަޒީރާވަންތަ ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ އަމާޒު.

 

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން، އަޅުގަނޑުމެންނަށް ޙާޞިލުކުރެވެނީ ވަރަށް މަދު މިންވަރަކަށް. ރާއްޖޭގެ ގިރިފަރުތަކާއި ކަނޑުފަޅުތަކުގައި، އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނެ ކިތަންމެ މަންފާތަކެއް އަދިވެސް އެބަހުރި. މަސްވެރިކަމުގެ ވިޔަފާރި ފުޅާކޮށް، މަސްވެރިން ބާނާ މަހަށް، ހަމަ އަގު ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. މަސްވެރިން ބާނާ މަހުގެ އަގު ކަނޑައެޅިގެންދަނީ، މަސްވެރިކަމަށް ކުރެވޭ ޚަރަދުގެ ނިސްބަތުން ލިބޭ އާމްދަނީއަށް ބަލައިގެން.

 

މަސްވެރިކަމަކީ ދިވެހި ލެޔާ ގުޅިފައިވާ ދިވެހި މަސައްކަތެއް. ދިވެހި އިޤްތިޞާދުގެ ލޭނާރުވެސްމެ. މަސްވެރިކަމަކީ ރާއްޖޭގެ ތިންވަނަ ޞިނާޢަތު. ލިބޭ އެއްޗެއްގެ ނިސްބަތުން ޢާންމު ރައްޔިތު މީހާއަށް އެންމެބޮޑު ޙިއްޞާއެއް ލިބޭ މަސައްކަތްވެސްމެ. އެހެންކަމުން، މަސްވެރިކަން ދިރުވައި އާލާކުރުމަކީ، ސަރުކާރުން  އެންމެ ބޮޑަށް އިސްކަންދޭންޖެހޭ އެއް ކަންތައް. މަސްވެރިން އެންމެބޮޑު ހޭދައެއް ކުރަނީ، ދޯނިފަހަރު ދުއްވުމަށް ބޭނުންވާ ޑީސަލް ގަތުމަށް.

 

ވެރިކަމަށް އައުމަށް އަޅުގަނޑުމެން ވަޢުދުވީ ފަދައިން، ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށް، މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި. އޭގެ ސަބަބުން މިހާރަށްވުރެ ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ލިބިގެންދާނެ.

 

ރަށްރަށުގައި ކުދި މަސް ޕްލާންޓް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަޢާރުފްކުރުމަކީވެސް، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމެއް. ރައްޔިތުންނާއި ކައުންސިލްގެ ޙިއްޞާ އޮންނަ ގޮތަށް، އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިހާރު ދަނީ ކުރަމުން.

 

ދިވެހި މަސްވެރި މުޖްތަމަޢުން މިހާރުވެސް ކުރާ އެންމެ ބޮޑު ޝަކުވާއަކީ، އައިސް ޕްލާންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ޝަކުވާ. މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކައި، އެ ތަންތަން، ރަށު ކައުންސިލްތަކުގެ ޙިއްޞާއާއެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި. މި ރަށުގެ މަސްވެރިންގެވެސް އެންމެބޮޑު އެއް ޝަކުވާއަކީ، މަސްވެރިންނަށް ބޭނުންވާ އައިސް ނުލިބުމުގެ މައްސަލަ. މިހާރު މި ރަށުގައި ހުރި 25 ޓަނުގެ އައިސް އުފައްދާ މެޝިން ވަނީ ކުޑަވެފައި. އިރާދަކުރެއްވިއްޔާ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް މި ދަންނަވަނީ، އެ ޢަދަދު، 50 ޓަނުގެ ޕްލާންޓަކަށް ބަދަލުކުރާނެ ވާހަކަ.

 

އަޅުގަނޑު މި ދެންނެވިހެން، އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން، އައިސް ޕްލާންޓްތައްވެސް ހިނގާނީ މަސްވެރިންނަށް އެންމެ ލާބަ ހުރިގޮތަށް. މަސްވެރި މުޖްތަމަޢުގެ ބައިވެރިވުމާއި ރޭވުންތެރިކަމާއެކު. މިއީ މަސްވެރިކަމުގެ ޞިނާޢަތުގައި ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން.

 

މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް ނެތުމަކީ، މަސްވެރިކަމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އޮޑިދޯނިފަހަރު ބަނުމަށާއި، އިންޖީނު އެޅުމަށް، ބޭންކުތަކުން ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ޤާއިމުކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެފައިވާ ވަޢުދާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ މަސައްކަތްކުރާ ފަރާތްތަކަށް، ލުއި ލޯނު ލިބުމުގެ މަސައްކަތް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބޭންކް ހުޅުވި، އެކަން ހަމަޖެހިގެންދާނެ.

 

މިއަދުގެ މަސްވެރިކަން މިއޮތީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއި، ޒަމާނީ ވަސީލަތްތަކާ ގުޅި ލާމެހިފައި. ޑައިވްކޮށްގެން އެންހިފުން އިތުރުވަމުން އަންނައިރު، ތަމްރީނު ނުލިބި ފީނުމުގެ ސަބަބުން، މިދިޔަ ހަފުތާގައިވެސް ޒުވާން މަސްވެރިއެއްގެ ފުރާނަ ގެއްލިފައިވާކަމީ، އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެއް. މާތް ﷲ އެ މަރްޙޫމްގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށި!

 

ހަމަ އެ ހާދިސާގައި ލިބުނު ގެއްލުންތަކަށް، އިތުރު ދެ މަސްވެރިއަކު މިހާރުވެސް އެ އަންނަނީ ފަރުވާ ހޯދަމުން. އޭގެ އިތުރުންވެސް، ފީނުމުގެ ތެރޭގައި ދިމާވެފައިވާ ތަފާތު ހާދިސާތަކުގައި، ޒުވާން ބައެއް މަސްވެރިން މިހާރުވެސް ތިބީ އުމުރަށް ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި.

 

މިފަދަ ހިތާމަވެރި ހާދިސާތަކުން މަސްވެރިން ސަލާމަތް ކުރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކަށް މަސްވެރިން އަހުލުވެރިކޮށް، ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންތިޒާމު ކުރެވޭނެ. މިފަދަ ތަމްރީނު ޕްރޮގްރާމެއް، އިއްޔެވެސް މި ރަށުގެ މަސްވެރިންގެ އިސްނެގުމަށް ހިންގާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

 

އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާގޮތުގައި، މަސްވެރިންނަށް ލިބެނީ، އެމީހުން ކުރާ ބުރަ މަސައްކަތާ ބަލާއިރު، ޙައްޤު މިންވަރަށްވުރެ މާ ކުޑަ އެއްޗެއް. މަސްވެރިން ބާނާ މަހުން އެއްވެސް މިންވަރެއް އިސްރާފުނުވެ، ފުރިހަމަ އަގު ލިބޭނެގޮތް ހެދުމަށްޓަކައި، ދައުލަތުގެ މަސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މި އަންނަނީ ދެނެގަންނަމުން.

 

ފިނިކުރި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމުން ލިބޭ އަގަށްވުރެ، ރަނގަޅު އަގެއް، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހަށް ލިބެނީ، ދަޅުމަހުގެ ގޮތުގައި އުފައްދައިގެން. ގިނަ ޤައުމުތަކުން މާކެޓް ލިބެނީވެސް ދަޅުމަހަށް. އެހެންކަމުން. ދަޅުގައި މަސް ބަންދުކުރެވޭ މިންވަރު އިތުރުކުރުމަކީ، މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ ކަމެއް.

 

ގެއްލުމުގައި ހިންގައިގެން ނަމަވެސް، މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން، މިފްކޯގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެ ގޮތުގައި މިފްކޯ ހިންގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްނޫން. އަދި މަސްވެރިކަމުގެ ޞިނާޢަތަށް އެންމެ މަންފާހުރި ގޮތެއްވެސް ނޫން.

 

މި ސަރުކާރުގެ އަމާޒަކީ، މިފްކޯއަކީ ފައިދާއާއެކު ހިނގާ ކުންފުންޏަކަށް ބަދަލުކުރުން. އަޅުގަނޑުމެން މިހާރު މިދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން.

 

މަސްވެރިންނަށް ދިމާވެފައި އޮތް އަނެއް ދައްޗަކީ، ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން. ކްރެޑިޓަށް މަސްގަތުން ހުއްޓާލައި، ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް ބޭނުންވާކަން އަޅުގަނޑު ޤަބޫލުކުރަން. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިތުރު އިންވެސްޓްމަންޓްތަކެއް ކުންފުންޏަށް ހޯދަންޖެހޭ.

 

ސަރުކާރުގެ މަސް ކުންފުނިތަކުން، މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި، 68 މިލިއަން ރުފިޔާ އިއްޔެ ވަނީ، އެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި، މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް.

 

ހަމައެއާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް، މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީވެސް، މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިންމު ކަމެއް. އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއްނެތި، ޔޫރަޕަށް މަސް ބޭރުކުރަމުންދާއިރު، އަޅުގަނޑުމެންނަށް ޔޫރަޕަށް މަސް ބޭރުކުރެވެނީ 22 ޕަސެންޓްގެ ޑިއުޓީއަކާއެކު.

 

މިއީ ރާއްޖެފަދަ ނާޒުކް އިޤްތިޞާދަކަށް ތަޙައްމަލް ކުރެވޭވަރަށްވުރެ ބޮޑު ބުރައެއް. ހަމަ އެފަދައިން ބައިނަލްއަޤްވާމީ ބާޒާރުގައި، ރާއްޖެއަށް މިއަށްވުރެ ރަނގަޅު ގޮތްތައް ފަހިކުރެވެންވާނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެއީ، ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭވަރުގެ ކަމެއް ނޫން.

 

މިކަމަށް މިވަގުތަށް އޮތް އެންމެ އެކަށޭނަ ހައްލަކީ، މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިޙާދާއެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުން. އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާނެ.

 

ބައިނަލްއަޤްވާމީ މަސްވެރިކަމުގެ ޞިނާޢަތަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުރިން ދިވެހި ކަނޑުމަހަށް ލިބުނު ޕްރީމިއަމްގެ ބޮޑު ބައެއް ވަނީ ގެއްލިފައި. މިކަމަށް ހައްލެއް ހޯދުމަށް، މަސް ގަންނަ ބޭރުގެ ފަރާތްތަކާއެކު، ގިނަ މަސައްކަތްތަކެއް މިވަނީ ފަށަން ޖެހިފައި. ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށް، އެކަމަށް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.

 

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފްވުމާއެކު، މަސްވެރިކަން ހީނަރުވާނެ ކަމަށް، ބައެއް މީހުން އޭރު ބުނަމުންދިޔަ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޖަޒީރާވަންތަކަން މި ރާއްޖޭގައި އޮތްހާ ހިނދަކު، ދިވެހީންނާ މަސްވެރިކަމާ އޮތް ގުޅުން ކެނޑިގެންނެއް ނުދާނެ. އަޅުގަނޑުމެންނަކީ ދިވެހި މަސްވެރީންގެ ދަރިން. މި ޞިނާޢަތު ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އެ ޒިންމާ އަޅުގަނޑުމެން އަދާކުރާނަން.

 

މި ކަނޑުތަކުގެ ރޯދި ބަރަކާތް އަބަދުވެސް އަޅުގަނޑުމެންނާ އެކުގައި ވާނެ. ދިވެހި މަސްވެރިކަމަށް ތާއަބަދުމެ ކުރިއެރުމާއި ފާގަތިކަމަށް އަޅުގަނޑު އެދެން.

 

އަޅުގަނޑުގެ ދުޢާއަކީ، މިރާއްޖޭގެ ކަނޑުފަޅުގެ މަންފާ، އެންމެ ހެޔޮގޮތުގައި، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އަމާންކަމާއި ޞުލްހަވެރިކަމާއެކު، މި ރާއްޖެ ތަރައްޤީ ކުރުމަށް މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.