بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޢަބްދުލްމުޢީދު ޙަސަން، ދައުލަތުގެ ވަޒީރުން، މިނިވަން މުއައްސަސާތަކުގެ އިސް ވެރިން. ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަދި ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

މި އުފާވެރި މުނާސަބަތުގައި އެއްޗެއް ދެންނެވުމުގެ ކުރިން، ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ ފަޚުރުވެރި އިނާމުތައް ޙާޞިލުކުރެއްވި ބޭފުޅުންނާއި، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑްތައް ޙާޞިލުކުރެއްވި ނޫސްވެރިންނަށް މަރުޙަބާ އާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން.

މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، ހުރިހާ ދިވެހި ނޫސްވެރިންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުން މި ޤައުމުގެ ޙައްޤުގައި ކުރައްވަމުން ތިޔަ ގެންދަވާ ބުރަ މަސައްކަތުގެ އަގު، އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން. ތިޔައީ ޖެހިލުންކުޑަ، ހީވާގި، މުރާލި ބައެއް.

މި މުހިންމު ޙަފްލާގައި ދިވެހި ނޫސްވެރިންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ފުރުޞަތު ލިބުމުން، އަޅުގަނޑަށް ކުރެވެނީ ވަރަށް ފުން އިޙްސާސްތަކެއް. އެއީ، އެތައް ދުވަހެއް ވަންދެން ދުރުގައި އުޅުމަށްފަހު، އަލުން އެނބުރި އަމިއްލަ ޢާއިލާއާ ބައްދަލުކުރެވޭ ކަމުގެ އުފާވެރި އިޙްސާސްތައް. މިވަގުތު އަޅުގަނޑު ދުރުގައި ހުންނަން ޖެހުނަސް، އަޅުގަނޑަކީ ހަމަ ތިޔަ ޢާއިލާގެ މެމްބަރެއް.

ވަޒީފާގެ ދުނިޔެއަށް އަޅުގަނޑު ނޭވާލާން ފެށީ ނޫސްވެރިކަމުގެ ދާއިރާއިން. ޚަބަރާއި ރިޕޯޓް ލިޔުމާއި، ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރުމަކީ، ވަޒީފާއެއްގެ ގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ކުރި މަސައްކަތް. އެއީ އޭރުގެ ޓީ.ވީ މޯލްޑިވްސްގައި.

މިނިވަން ނޫސްވެރިކަމަށްޓަކައި ހަށިފޮޅާލާފައި ނުކުތް، "ސަންގު" ނޫހުގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަމީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަން އަޅުގަނޑަށް އިޙްސާސް ކުރެވުނު ކަމެއް. އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގައި، ނޫސްވެރިކަމުގެ ދައުރު ދެނެގަނެވުނު ވަރަށް އުފާވެރި ތަޖުރިބާއެއްވެސްމެ.

އޭގެ ފަހުން ނުކުތް "މިނިވަން" ނޫހުގެ ހިއްސާދާރެއްގެ ގޮތުގައިވެސް އަޅުގަނޑު ހިމެނުނުކަމީ، ދިވެހި ނޫސްވެރިކަމަށް އަޅުގަނޑާ ވަކިނުވެވުނު ކަމުގެ ހެއްކެއް. އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށްޓަކައި އަޅުގަނޑު ކެންޑިޑޭޓްގެ ފޯމު ފުރަންދެން އަޅުގަނޑު ހުރީ ހަމަ އެ މަސައްކަތުގައި. އެހެންކަމުން، ނޫސްވެރިންނަށާއި ނޫސްވެރިކަމަށް، އަޅުގަނޑުގެ ހިތުގައި އޮތީ، ވަރަށް މަތިވެރި ޤަދަރަކާއި، ވަރަށް މަތިވެރި ޝަރަފެއް. އެކަން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައީވެސް، ދިވެހި ނޫސްވެރިކަމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދެމުން. 1932 ވަނަ އަހަރު އެކުލަވައިލި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި ބުނެފައި އޮންނަނީ؛ "ޝަރީއަތާއި ޤާނޫނާ ޚިލާފު ނުވާގޮތުން، މީސްތަކުންގެ ބުއްދިއަށް ފެންނަ ކަންކަން، ދުލާއި ޤަލަމުން ފާޅުކުރުމަކީ، ހުއްދަވެގެންވާ ކަމެއް" ކަމަށް.

އެ ދުވަހުން ފެށިގެން އަބަދުވެސް، ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޚިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަދީފައި އޮވޭ. މިނިވަން ނޫސްވެރިކަމެއް ކުރުމަށް، ޤާނޫނީ އެއްވެސް ހުރަހެއް، އެއްވެސްއިރަކު ނެތް. ނަމަވެސް، ވެރިކަމުގެ ކަންކަމަށް ފާޑުކިޔައި ނެރުނު ކޮންމެ ނޫސް މަޖައްލާއަކަށް މަޖުބޫރުވީ، އޭގެ އެންމެ ޅަފަތުގައި ދުނިޔެ ދޫކުރަން. ނޫސްވެރިންނާ ބައްދަލުކުރީ ޖަލުގެ އަނދިރިކަން.

ދިވެހި ނޫސްވެރިކަމުގެ ޙަޔާތުން 75 އަހަރު ފާއިތުވެގެން ދިޔައިރު، އޭގެ ތެރެއިން ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން އޮތީ، ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި. މިނިވަން ނޫސްވެރިކަމުގެ ބަދަލުގައި، ސަރުކާރުން ބުނަން ބޭނުންވި އެއްޗެއް، ބުނަން ބޭނުންވި ގޮތަކަށް ރައްޔިތުންގެ ކަންފަތަށް އިއްވައިދޭ ވަސީލަތެއްގެ ގޮތުގައި.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން، ފުރިހަމަގޮތުގައި ހިފުމުގެ ފަހި މާޙައުލެއް ޤާއިމުވެގެން ދިޔައީ، މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ހިސާބުން. އެހެން ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ޤާނޫނުތައް ނަހަމަގޮތުގައި ބޭނުންކޮށް، ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން، ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިނިވަން ނޫސްވެރިކަމަކީ، ސަރުކާރުތަކަށް ކުރިމަތިވެފައި އޮންނަ އެންމެ ބޮޑު ބިރު. ޤައުމީ މަޞްލަޙަތު ގެއްލުވައިލިޔަސް، ކޮރަޕްޝަނާއި ފަސާދައިގެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް، ނޫސްވެރިން އެކަންކަން ރިޕޯޓް ކުރުމަކީ ސަރުކާރުތައް ހިތްހަމަޖެހޭ ކަމެއްނޫން. މި ރާއްޖޭގައިވެސް ކަން ހިނގައިދިޔައީ ހަމަ އެގޮތަށް.

އަޅުގަނޑުމެން މިއަދު ބޭނުންވަނީ، އެ ސަޤާފަތް ދޫކޮށްލަން. ނޫސްވެރިންނަކީ އަދި ނޫސްވެރިންނަކީ އަދި ނޫސްވެރިން ފާޅުކުރާ ޚިޔާލުތަކާއި ފާޑުކިޔުންތަކަކީ، ސަރުކާރަށް އޮތް ނުރައްކަލެއް ކަމުގައި އަޅުގަނޑު ހަމަގައިމުވެސް ނުދެކެން. ނޫސްވެރިންގެ ފާޑުކިޔުންތަކަކީމި ސަރުކާރުގެ ދިރުން. މި ސަރުކާރުގެ ޢައިބުތައް ދެނެގަނެވޭނީ، ނޫސްވެރިންގެ ލޯގަނޑުން މި ސަރުކާރުގެ ފަސްބައި ބެލިވަރަކުން. އެކަމަށް މި ސަރުކާރު އިޖާބަ ދޭނަން.

އަޅުގަނޑު ދަންނަވާނީ، ދައުލަތް ހަމަ މަގުން ހިނގުމަށް އެދޭނަމަ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވާށޭ. މިނިވަން ނޫސްވެރިކަމުން ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވާކަމަށް އިޙްސާސް ކުރެވޭނަމަ، އެކަމުގެ ހަމައެކަނި ޙައްލަކީ، ލޯމަރާލާފައި ނަމަވެސް، ނޫސްވެރިކަމަށް އިތުރު މިނިވަންކަން ދިނުން.

މިނިވަން ނޫސްވެރިކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސް.އެ ޙަޤީޤަތް ޤަބޫލުކުރާ ޙާލު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފަހި މާޙައުލެއް ތަނަވަސްކޮށްދީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރެވޭނެ ވެށްޓެއް، މި ސަރުކާރުން ނޫސްވެރިންނަށް ޤާއިމުކޮށްދޭނެ.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ނޫސްވެރިންގެ އެންމެ އިސް މަޞްލަޙަތަކީ ޤައުމުގެ މަޞްލަޙަތު. މިދިޔަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަޑުބަޑުވެގެން ދިޔައިރު، އެކަމުގެ ޙަޤީޤަތްތައް ހާމަކުރުމުގެ ޒިންމާ، ނޫސްވެރިން ނުނެންގެވިނަމަ، މިއަދުވެސް މި ރާއްޖެ އޮތީހީ އެ ޙާލަތުގައި. މިރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން. ކޮރަޕްޝަނާއި ފަސާދަ.

ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައިގެން ނޫސްވެރިންނަށް ބިރުދައްކަމުން ދިޔައިރުވެސް، ޤައުމުގެ ޙައްޤުގައި ނޫސްވެރިން އެދުވަހު އެ މަސްއޫލިއްޔަތު އުފުލީ، ޤާނޫނަކުން އެމީހުންނާ އެ ޒިންމާތައް ހަވާލުކޮށްގެންނެއް ނޫން. ޤާނޫނީ އެއްވެސް ޙިމާޔަތެއް ލިބިގެންނެއްވެސް ނޫން. ނޫސްވެރިން އެ ދުވަހު ބިރުފަހަނަޅައި ނުކުމެ، ސަރުކާރުގެ ނުރަނގަޅު ޢަމަލުތައް ހާމަކުރީ މި ޤައުމަށް ހެޔޮއެދޭތީ.

ބޭއިންޞާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، އަޅުގަނޑު މިއަދު ސެލިއުޓް ކުރަން. ސަރުކާރުގެ ފަސާދައާއި ކޮރަޕްޝަންތަކާމެދު، ރައްޔިތުން ހޭލުންތެރިކުރުވުމަށް، ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރަން. ހެޔޮ ވެރިކަމަކަށް ޤައުމުގެ މިސްރާބު ބަދަލުވެއްޖެކަން، ރައްޔިތުންނަށް ޤަބޫލުކުރެވުނީ، ނޫސްވެރިން އޭރު ކުރި މަސައްކަތުން.

ޤާނޫނަކުން ބާރު ނުދިނަސް، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. އަދި އެންމެ ނުފޫޒުގަދަ ބާރުވެސްމެ. ވީއިރު، ނޫސްވެރިކަން ހިފެހެއްޓުމަށްޓަކައި ޤާނޫނީ ބަނދެވުންތަކެއް އޮންނަންޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. ނޫސްވެރިކަމުގެ މިނިވަންކަން ދީގެން، މި ސަރުކާރަށް ގެއްލޭނެ އެއްވެސް އެއްޗެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނޯންނާނެ.

ޒަމާނީ ޑިމޮކްރަސީތަކުގައި ނޫސްވެރިކަން އޮންނަނީ، ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައި. ދިވެހި ނޫސްވެރިކަމަށްވެސް އެންމެ މަޞްލަޙަތު ހުރި ގޮތަކީ، ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުން. އަޚްލާޤީ މިންގަނޑުތަކާއި، ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއް.

ނޫސްވެރިކަން ކުރިއަރުވައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް، ދެ ޤާނޫނަކުން ދެ މުއައްސަސާއެއް މިހާރުވެސް އުފައްދާފައި އެބައޮތް. ނަމަވެސް، އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން، މިހާތަނަށް ކުރި ކަމަކީ، ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް، ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުން. ނާޖާއިޒުގޮތުގައި ޤާނޫނުތައް ބޭނުންކޮށް، ނޫސްވެރިކަން ޤަޢިދުކޮށް ހިފެހެއްޓުން.

މި ސަރުކާރަކީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނޫސްވެރިން ފަހައި ދުވެ، ޤާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫން. ނޫސްވެރިންނަކީ މި ސަރުކާރަށް ހުރި ބިރެއް ކަމުގައި އަޅުގަނޑު ނުދެކެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަ.

އަޅުގަނޑުމެން ވެރިކަމަށް އައީވެސް، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގެ ވަޢުދާއެކު. އައު ވެރިކަމެއް އިންތިޚާބު ކުރުމުގެ މަރުޙަލާއަށް ދިޔައިރު، ދިވެހި ނޫސްވެރިކަން އޮތީ، އަބުރުގެ ޤާނޫނުން އަނދަގޮނޑި ޖަހާފައި. ސަރުކާރުން ދިޔައީ ނޫސްވެރިންނާއި ނޫސް އިދާރާތައް، މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަމުން.

އަޅުގަނޑު ވެރިކަމާ ހަވާލުވުމަށްފަހު، އެ ބިރުވެރިކަމުން ނޫސްވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ވާނީ ފަށާފައި. އަޅުގަނޑު އެންމެ ފުރަތަމަ ތަޞްދީޤު ކުރި ބިލަކީ، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް. އެކަން އެގޮތަށް މެދުވެރިވުމަކީ، މިނިވަން ދިވެހި ނޫސްވެރިކަމަށް، މާތް ﷲ މިންވަރު ކުރެއްވި ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.

ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާއިރު، އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަން މިއަދު އެބަޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން. އަދި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު.

އެ ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ ދެ މައްސަލައެއް ނޫން. އެކަންކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މި ވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު ވާނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި.

އިރާދަކުރެއްވިއްޔާ، އެ ކޮމިޝަންގެ އެހީތެރިކަމާއެކު، އެ ދެ މައްސަލައިގެ ޙަޤީޤަތާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. އަޅުގަނޑު އުންމީދު ކުރަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެކަމުގެ ޙަޤީޤަތް ހާމަކުރެވޭނެ ކަމަށް. އެ ކޮމިޝަނުން އެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައި. އަޅުގަނޑުމެން ކުރިއަށްދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައި. ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށްވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުންވެސް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑަށް މުހިންމު.

އަޅުގަނޑުގެ ދުޢާއަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ނޫސްވެރިން ތިޔަ ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. ޙައްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.