بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

 

ފެރިދޫ ކައުންސިލްގެ މެންބަރުން، މި ރަށުގެ ލޮބުވެތި ރައްޔިތުން، ދައުލަތުގެ ވަޒީރުން، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން، އަދި މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ދިވެހި ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑުމެންގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުގައި، އަޅުގަނޑަށް މި ރަށަށް އާދެވުމުގެ ނަޞީބެއް ލިބިފައެއް ނެތް. އެހެންނަމަވެސް، މިއަދު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ އުއްމީދުގައި އަޅުގަނޑު މި ފަށާ މަސައްކަތުގައި، ދެވަނަ މަންޒިލަކަށް ފެރިދޫ މިއޮތީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރަށްތަކަށް އަޅުގަނޑު މިކުރާ ދަތުރުގައި، ރައްޔިތުންގެ ކައިރިން، ރައްޔިތުންގެ ގާތުން އަޑުއަހައި، ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަތުމަށް މިކުރާ ދަތުރުގައި، ފެރިދުއަށް މިކުރި ދަތުރުގައި، ފެރިދޫގެ ރައްޔިތުންގެ އަޑުވެސް އަޅުގަނޑުމެން އަހާނަން.

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް މި ރަށަށް އޭރު ނާދެވުނު ނަމަވެސް، މި ރަށުގެ ކައުންސިލްގެ މެންބަރުން އަޅުގަނޑާ ބައްދަލުކޮށް، ރަށަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ އޮތީ ދައްކާފައި. ރައްޔިތުން ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް، ވަރަށް ތަފްޞީލުކޮށް އެބޭފުޅުން ވިދާޅުވެދެއްވި. މިއަދުވެސް އަނެއްކާ އެކަން ތަކުރާރުވެގެން ހިނގައްޖެ. އަޅުގަނޑުމެން މިތިބީ އެ އަޑުއަހައިގެން. އޭރުވެސް އަޑުއަހައިގެން. މިއަދުވެސް އަޑުއަހައިގެން. ދެންއޮތީ އެކަމަށް ޢަމަލީގޮތުން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް.

ފެރިދޫ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތެއް ލިބުމަކީ، އަޅުގަނޑު ނުހަނު މިއަދު އުފާކުރާ ކަމެއް. އެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެން މިއަދު މިދަނީ، އަޅުގަނޑުމެންގެ ޓީމު މި ރަށަށް އައުމުން، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ކީ މަރުޙަބާއާއި، އަދާކުރަމުންގެންދާ މެހްމާންދާރީގެ ސަބަބުން. އެކަމަށްޓަކައި ފެރިދޫގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއެކު، މި ރަށުގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަޅުގަނޑު އަރިސްކުރަން. އަދި ހަމައެފަދައިން، މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވާތީ، މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަންނަވަން.

އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ފާއިތުވި އަހަރުތަކުގައި ކަން ހިނގިގޮތާމެދު ވިސްނާލަންޖެހޭ. އަދި އެފަދަ ދުވަސްތަކަކަށް މި ރާއްޖެ އަނބުރާ ނުދާނެފަދަ ގޮތަކަށް ދައުލަތުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމުގައި އަޅުގަނޑު ދެކެން. މިދިޔަ ފަސް އަހަރަކީ، ދިވެހީންގެ އިންސާނީ ޙައްޤުތައް ހިމާޔަތް ނުކުރެވި، ކަންކަން ފާލުން ނެއްޓިގެން ގޮސްފައިވާ ފަސް އަހަރު.

އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ، އަޅުގަނޑުގެ އެންމެ ބޮޑު އެއް ޒިންމާ. ރައްޔިތުންނަށް އިންޞާފު ލިބޭނެ މަގު ފަހިކޮށްދިނުން އެއީ އެންމެ މުހިއްމު އެއް އަމާޒު. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން.

މި ރަށުގެ ރައްޔިތުން މިއަދުވެސް ތިބީ، އަސާސީ އެތައް ޙައްޤުތަކަކުން މަޙްރޫމްވެފައިކަންވެސް އަޅުގަނޑުމެން ދެނެތިބީމު. ސަރުކާރުގެ ކަންބޮޑުވުމަކީ އެއީ. އަޅުގަނޑުމެންގެ ސަރުކާރުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ، އެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، އަޅުގަނޑު ހަމަ އެންމެ ރަށެއްވެސް ބާކީނުކުރާނެކަން. ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް. ތިޔަބޭފުޅުން އަޅުގަނޑުމެންނާ ޙަވާލުކުރި އެ ޒިންމާ، މާތް ގެ ވާގިފުޅާއެކު، ފުރިހަމަގޮތުގައި އަދާކުރުމުގައި، މި ސަރުކާރު ދެމިއޮންނާނެ. ރައްޔިތުން މި ސަރުކާރު އުފެއްދީ އެ ޢަޒުމާއެކު.

ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން، މި ހިތްގައިމު ރަށަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށް ގިރުމުގެ މައްސަލަ. މާސިންގާ ދެ ކަނޑުއޮޅީގެ މެދުގައި އޮތްމި ރަށުގެ ގޮނޑުދޮށް ޙިމާޔަތް ނުކުރެވިއްޖެނަމަ، މި ހިތްގައިމު ވެށި، އަޅުގަނޑުމެންގެ ލޯމަތިން އިސާހިތަކު ގެއްލިގެން ހިނގައިދާނެ. ތިމާވެށި ޙިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން، މި ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތްވެސް މާގިނަ ދުވަސްތަކެއްނުވެ ފެށިގެންދާނެ.

ލޯކަލް ޓޫރިޒަމްގެ ނަފާ، ފެރިދުއަށް ލިބެމުން އަންނައިރު، އެ ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް، ރަށު ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ރަށުގެ ތިމާވެށި ޙިމާޔަތް ކުރުމާއި، ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، ފަތުރުވެރިކަމުގެ ޞިނާޢަތު ދިރުވައި އާލާކުރުމުގެ އެންމެ މުހިންމު އެއް މަސައްކަތް.

މި ރަށުގައި މިހާރުވެސް ފަސް ގެސްޓް ހައުސް ހިންގަމުން އަންނައިރު، ރައްކާތެރިގޮތުގައި ކުނި ނައްތައިލުމުގެ ނިޒާމެއް މިހާތަނަށްވެސް ޤާއިމުކުރެވިފައި ނެތުމަކީ، އެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އަޅުގަނޑުމެންގެ ވެރިކަމުގައި މި ރަށަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމުގައި، އިހުމާލުނުވާނެ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން.

އަޅުގަނޑުމެން އަބަދުވެސް ބުނަނީ، ތަރައްޤީއަކީ ހަމައެކަނި ޢިމާރާތްތަކަށް އަންނަ އެއްޗެއް ނޫނޭ. ތަރައްޤީއަކީ އުފާވެރި ދިރިއުޅުމެއްގެ ހުރިހާ ވަސީލަތެއް ޤާއިމުވެ، އެކަމަށް ފުރުޞަތު ފަހިވެފައި އޮތުން.

މި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރު ލިބޭގޮތަށް ހަމަޖެއްސިޔަސް، ޞިއްޙީ ޚިދުމަތުގެ އަސާސީ ކަންކަން ފުރިހަމަނުވާހާ ހިނދަކު، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ލިބޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. ޑޮކްޓަރަކާއި ނަރުހުން ތިއްބަސް، ލެބޯރެޓަރީއަކާ ނުލައި، އެކަށޭނަ ޞިއްޙީ ފަރުވާ ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ މިތިބީ އެކަންތައްތައް ޙައްލުކޮށްދޭން.

ދެންމެ ކައުންސިލަރ މަރްޔަމް މުޙައްމަދު ވިދާޅުވިފަދައިން، ލެބޯރެޓަރީއެއްގެ ޚިދުމަތަކީ، މި ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ލިސްޓް ކުރެވިފައި އެބައޮތް. އިރާދަކުރެއްވިއްޔާ، ހެލްތް މިނިސްޓަރ މިތަނުގައި އެ އަޑުއައްސަވަން އެބަ އިންނެވި. އެކަންތައްތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، މައި ސަރުކާރުގެ ވަޒީރެއްގެ ހުއްދަޔާ އެކުގައި ނޫނީ ނުކުރެވޭ ކަމަކަށް ހެދުމުން، ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް ނޯންނާނެ.

ފެރިދޫ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ފުރިހަމަވާންޖެހޭނެ އެންމެ އަސާސީ ޙައްޤަކީ، ނަރުދަމާ ނިޒާމެއް ޤާއިމުކުރުން. ރަށުތެރެއަށް ނަޖިސް ހިންދަން ޖެހުމުން، ރަށުގެ ފެންފަށަލަ ތަޣައްޔަރުވެ، ސާފުތާހިރުކަމަށާއި ޢާންމު ޞިއްޙަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި. ޅަދަރީންގެ ޞިއްޙަތަށް ވަނީ އެތައް ނުރައްކާތަކެއް ކުރިމަތިވެފައި. ފެންވެރުމަށާއި އެއްޗެހި ދޮވެ ތާހިރުކުރުމަށް މިރަށުގެ ރައްޔިތުން ބޭނުންކުރަމުން ދަނީ، ނަޖިހުން ތަޣައްޔަރުވެފައިވާ ވަޅުފެން.

ރައްކާތެރި ސާފު ފެން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ، މި ރަށު ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި، މިވަގުތަށްވެސް ވަރަށް މުހިންމު ކަމެއް. އެއީ މިރަށުގެ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ފުރިހަމަވާންޖެހޭ އަސާސީ ޙައްޤެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިފަދަ އަސާސީ ޚިދުމަތްތައް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް.

މި ފެށޭ 2019 ވަނަ އަހަރުގެ ތެރޭގައި، ފެރިދޫގެ ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، މާތް ގެ ވާގިފުޅާއެކުގައި ފެށިގެންދާނެ. އެ މަޝްރޫއަށް ބޭނުންވާ ފައިސާ، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ ހިމަނާފައި.

މީގެއިތުރުންވެސް މި ރަށަށް ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް މިތަނުންވެސް އަޅުގަނޑަށް އަޑުއިވިގެން ހިނގައްޖެ. ބަނދަރުގެ ދަތިކަމާއި، ލެބޯރެޓަރީގެ ވާހަކަ އަތުވެއްޖެ. ގެސްޓްހައުސް އެޅުމަށް ބޭނުންވާ ބިން ބޭނުންވެފައި އޮތް ކަމުގެ ވާހަކަ އަޅުގަނޑަށް އަޑުއިވިއްޖެ. ޔޫތު ސެންޓަރެއްގެ ވާހަކަވެސް ހަމަ އެގޮތަށް އަޑުއިވިގެން ހިނގައްޖެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ރަށްރަށުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރެވިގެންދާއިރުގައި، ރަށުގެ ޕްލޭން ހެދި، ރަށަށް ބޭނުންވާ އެފަދަ ކަންތައްތަކަށް ބިން ދޫކުރުމުގެ ފުރްޞަތު، ކައުންސިލްތަކާ އަޅުގަނޑުމެން ހަވާލުކުރާނަން.

އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ، އަޅުގަނޑުމެން އެންމެ ބޭނުންވި ގޮތަށް އޮތް ބަޖެޓެއް ނޫން. އެއީ ކުރީ ސަރުކާރުން އަޅުގަނޑުމެންނަށް ވާރުތަވި ބަޖެޓެއް. އެހެންކަމުން، އަޅުގަނޑުމެން ބޭނުންވި ހުރިހާ ކަމެއް، އަޅުގަނޑުމެންނަށް ލިބުނު ކުޑަވަގުތުކޮޅުގެ ތެރޭގައި،އެ ބަޖެޓުތެރެއަށް ލެވޭގޮތެއްނުވި. އެހެންނަމަވެސް، ދެން އޮތް އަހަރަށް އެކަށައަޅާ ބަޖެޓް، އަޅުގަނޑުމެން އެކަށައަޅާނީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް އަމާޒު ހިފައިގެން. އެކަމުގެ ޔަޤީންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް މިއަދު އަޅުގަނޑުދެން.

އިރާދަކުރެއްވިއްޔާ، ފެރިދޫގެ ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢަކީ، މި ރަށުގެ ތަރައްޤީގެ ފެށުން ކަމުގައި ތިޔަބޭފުޅުން ބައްލަވާނެ. މިއީ ރަނގަޅު ފެށުމެއް ކަމުގައި މާތް މިންވަރު ކުރައްވާށި!

އަޅުގަނޑުގެ ދުޢާއަކީ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ބަރަކާތް ލެއްވުން. މި ރާއްޖެއަކީ ފުދުންތެރި، އެކުވެރި ރައްޔިތެއް ދިރިއުޅޭ ބާއްޖަވެރި ޤައުމެއް ކަމުގައި ހެދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް މާތް ކާމިޔާބާއި ތައުފީޤު ދެއްވާށި! ފެރިދުއަށް ފާގަތިކަމާއި އުފާވެރިކަން މިންވަރު ކުރައްވާށި! އާމީން.