بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

 

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް، އުކުޅަހު ކައުންސިލްގެ މެމްބަރުން. މި ރަށުގެ ލޮބުވެތި ރައްޔިތުން، ދައުލަތުގެ ވަޒީރުން، ސަރުކާރުގެ މުއައްސަސާތަކުގެ އިސް ވެރިން، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑަށް އެންމެފަހުން މި ރަށަށް އާދެވުނީ، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ނިންމާ ނިންމުމެއް ނިންމުމަށްޓަކައި، އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ.ގެ ކޮންގްރެސްގެ ބައްދަލުވުމަކަށް. އަޅުގަނޑަށް ރިޔާސީ ޓިކެޓް ލިބިގެންދިޔައީ، އެ ދުވަހު މި ރަށުގައި ބޭއްވި ކޮންގްރެސްގެ ބައްދަލުވުމުގައި. އަޅުގަނޑު މި މަގާމުގައި ހުރެ މިއަދު ވާހަކަދައްކަން ފުރުސަތު ލިބިގެން މިދަނީ، އެ ދުވަހުގެ ނިންމުމުން ކަމަށްވާތީ، އަޅުގަނޑުގެ ރައީސްކަމާ މި ރަށާ މިއޮތީ، އާދެ، އުކުޅަހާ މިއޮތީ ގުޅި ލާމެހިފައި.

 

ރިޔާސީ ކެމްޕޭންގައި 150 އަށްވުރެ ގިނަ ރަށަށް އަޅުގަނޑަށް ދަތުރުކުރެވުނުއިރުގައި، އުކުޅަހަށް އާދެވުމުގެ ނަސީބެއް އަޅުގަނޑަކަށް ނުލިބުނު.  އަދި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން މި ރަށުގެ ރައްޔިތުންނާ  ބައްދަލުކޮށް، ރައްޔިތުންގެ އިޙްސާސްތައް، ރައްޔިތުންގެ ބޭނުންތައް ދެނެގަތުމުގެ ފުރްޞަތެއްވެސް އަޅުގަނޑަކަށް އޭރަކު ނުލިބުނު. އެހެންނަމަވެސް، މި ރަށުގެ ތަރައްޤީއަށާއި، މި ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންވަނީ ދެނެގަނެފައި. އަދި އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި، މި ރަށަށް ބޭނުންވާ ތަރައްޤީއާއި، ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.

 

މާތް ﷲގެ ވާގިފުޅާއެކުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ދިޔުމަށްޓަކައި މި ފަށާ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ވެގެން މިދިޔައީ އުކުޅަސް. މިއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

 

މި ހިތްގައިމު ރަށުގައި ހުރެ، މި ރަށުގެ ހިތްވަރުގަދަ ރައްޔިތުންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެން މި ރަށަށް އައުމުން، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި މަރުޙަބާއާއި، އަދާކުރައްވަމުން ގެންދަވާ މެހްމާންދާރީއަށްޓަކައި، އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑާއި، އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

 

ކުރިންވެސް ދެންނެވި ފަދައިން، މި ރަށަށް އަޅުގަނޑަށް ކެމްޕެއިންގެ ތެރޭގައި ނާދެވުނު ނަމަވެސް،  ރަށަށް ބޭނުންވާ، ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑުމެންވާނީ ދެނެގެންފައި. ޝައުކަތު އިބްރާހީމް ވިދާޅުވިފަދައިން، މި ރަށުގެ ބަނދަރު ހެދުމާއި، މަގުތައް މަރާމާތު ކުރުމާއި، ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި، ގެދޮރު ބިނާކުރުން އެއީ މި ރަށަށް އެންމެ މުހިއްމު ކަންތައްތަކުގެ ގޮތުގައި އަޅުގަނޑުމެން ވަނީ ނޯޓްކުރެވި، އެއާ ބެހޭގޮތުން ޢަމަލީ މަސައްކަތް ފެށުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފެށިފައި.

 

މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ނަސީބު އަޅުގަނޑަށް މި ލިބުނީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ވަރަށް މުހިންމު މުނާސަބަތަކާވެސް އެކުގައި. މުލަ ނަކަތުގެ ފުރަތަމަ ދުވަހާއެކު، އިރުވައި މޫސުން ފެށިގެންދާ މި ދުވަސް، އަޅުގަނޑުމެން ފާހަގަކުރަނީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި.

 

ސަރުކާރުން މިހާރު ނިންމާފައިވަނީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޙަރަކާތްތައް ގއ. ގެމަނަފުށީގައި ބޭއްވުމަށް. އެހެންކަމުން، އެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް، އިރާދަކުރެއްވިއްޔާ މި މަހުގެ 12 ވަނަ ދުވަހު ގެމަނަފުށީގައި ބޭއްވިގެންދާނެ. އެހެންނަމަވެސް، މިއަދަކީ އަޅުގަނޑުމެން މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ދުވަސް ކަމަށްވާތީ، ހުރިހާ މަސްވެރިންނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ މަސްވެރިންނަށް އިޚްލާޞްތެރިކަމާއެކުގައި މަރުޙަބާ ކިޔަން.

 

ކޮންމެ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރިކަމުގައިވިޔަސް، އެދުވަހަކީ ވަކި ރަށަކަށް ޚާއްޞަ ދުވަހެއްނޫން.

 

އަދި ހަމަ މިއާއެކު، މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސްވެސްމެ. މިއަދަކީ އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާ ޢިއުލާނުކުރިތާ 70 އަހަރު ފުރޭ ދުވަސް. މިއަދު އުކުޅަހުގައި އަޅުގަނޑަށް ހުރެވުނުކަމީ، މިކަމަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުކުޅަހަކީ ޑިމޮކްރަސީއަށް ދިވެހިރާއްޖެ  ކުރަމުން މިދާ ދަތުރުގެ މުހިއްމު އެއް ބައިވެރިއެއް. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިފަދައިން، އަޅުގަނޑުމެން މި ރަށަށް ވަދެގެން އައިއިރުގައި، އެ ފެނުނު ކޮންކޯޑާއި ރޭވަ ދޯނި، ހަމައެކަނި އެކަމަށް ފާހަގަކުރެވިގެންދޭ. އަޅުގަނޑުމެންގެ ވަޢުދުގެ ދަތުރު، އެ ދެ އުޅަނދާއި، އަދި އެތައް މަސްދޯނިފަހަރެއްގައި ހުރި ހަނދާން އަޅުގަނޑުމެންގެ ހިތުގައިވެސް މިއަދު އެބަހުރި.

 

އުކުޅަހަކީ މަސްވެރި ޢާއިލާތަކެއް ދިރިއުޅޭ މަސްވެރި ރަށެއް. މަސްވެރިކަމުގެ ނަފާއިން ހޯދި ތަނަވަސްކަމުން މިއަދު އުކުޅަހަކީ ފުދުންތެރި ރަށެއް. ލޯކަލް ޓޫރިޒަމް ފައްކާކޮށް، ގެސްޓްހައުސް ވިޔަފާރީގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަންނަ ރަށެއް. އުކުޅަހަކީ ޖަޒީރާވަންތަ ތަރައްޤީގެ ލާމަސީލު މިސާލެއް.

 

އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލެވެނީ، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރަށުގެ ރައްޔިތުން، އަމިއްލަ އިސްނެންގެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް. ރަށުގެ ތިމާވެށި ޙިމާޔަތް ކުރުމުގަޔާއި، ރަށުގެ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމުގަޔާއި، ރަށުގެ ތަޢުލީމު ކުރިއެރުވުމުގައި މި ރަށަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ވަރަށް ރީތި ނަމޫނާއެއް.

 

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، މިރަށުގެ މުއައްސަސާތަކުގައި، އެފަދަ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް، މިދިޔަ ހަފުތާގައި މިރަށު ކައުންސިލުން ނިންމި ނިންމުމަކީ، މި ރަށުން ދައްކައިދިން ވަރަށް ރީތި މިސާލެއް.

 

އުކުޅަހުގެ ލޯކަލް ޓޫރިޒަމަށް ހަ އަހަރު ފުރިގެން ދިޔައިރު، މި ރަށުގައި 370 ޓޫރިސްޓް އެނދު އެބަހުރި. މިކަމުގެ ސަބަބުން އެކިއެކި ޚިދުމަތްތައް އިތުރުވެ، ރަށުގައި ވިޔަފާރިތައް މިވަނީ ތަޢާރަފްވެފައި. ލޯކަލް ޓޫރިޒަމް ތަޢާރަފްވުމަކީ، މި ރަށުގެ ނާޒުކު ތިމާވެށި ޙިމާޔަތް ކުރުމަށްވެސް މެދުވެރިވި ވަރަށް ބޮޑު ނަސީބެއް. މި ރަށުގެ ކޮންމެ ގެސްޓް ކޮޓަރިއަކުން މަހަކު ހަތަރު ޑޮލަރު ނަގައިގެން، ރަށުގެ ތިމާވެށި ޙިމާޔަތްކޮށް، ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިފަދައިން، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ތިންގުނަ، މިހާރު ހޭދަކުރަމުންދާ އަދަދުގެ ތިންގުނަ އިތުރުކޮށް، ދިހަ މިލިއަން ޑޮލަރުން ބަޖެޓް ކުރެވިފައި. އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، މިހާރަށްވުރެ ބޮޑަށް ތަޢާރުފް ކުރެވި، މަޝްހޫރުވެގެންދާނެ.

 

ރަށު ތަރައްޤީއަކީ، އެ ރަށެއްގެ ވަޒަންވެރިންގެ ކިބައިން އުފައްދަންޖެހޭ އެއްޗެއް ކަމަށް އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމު. ފެހި ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމެއް ގެނައީވެސް އެ ސަބަބުތަކަށްޓަކައި. އެކަމަށްޓަކައި ކައުންސިލްތައް އަލުން ބާރުވެރިކުރުވުމުގެ މަސައްކަތް މި ސަރުކާރުން މިވަނީ މިހާރު ފަށާފައި.

 

ވޭތުވެދިޔަ ހަފުތާގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް، ސިޓީ ކައުންސިލްތަކަށް މިހާރުވާނީ، ކުރިން ހިފަހައްޓާފައި ހުރި ބައެއް ބާރުތައް ދޫކޮށްލާފައި. އެކި ކަންކަމަށް ޤާނޫނުތަކާ އެއްގޮތަށް ބިން ދޫކުރުމާއި، ބިމާއި، ޢިމާރާތްތައް ރަޖިސްޓަރީ ކުރުމާއި، ޢިމާރާތްކުރުމުގެ އެންމެހައި ކަންތައްތައްވެސް މިހާރުވާނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވިފައި.

 

ވިޔަފާރިތަކާއި، އެ ސިޓީއެއްގައި ދިރިއުޅޭ އެންމެހައި މީހުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމާއި، މަގުތަކާއި ބަނދަރުތަކާއި، ފާލަމާއި، ފެރީ ޓާރމިނަލް ހެދުމާއި، މަރާމާތުކޮށް ބެލެހެއްޓުމަކީވެސް މިހާރު ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވިފައިވާ ބާރުތަކެއް.

 

މީގެ އިތުރުން އެހެން ބާރުތައް، ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް، މި ހަފުތާގައި ބޭއްވޭ ވަޒީރުންގެ މަޖިލީހަށް އަޅުގަނޑު އަނެއްކާވެސް ހުށަހަޅާނަން. މި ނިންމުންތައް ތަންފީޒުވެގެންދާއިރު، ލާމަރުކަޒީ ޤާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ވާހަކަވެސް ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލާނަން.

 

ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ވެރިކަން ކުރުން، މިއީ މި ސަރުކާރުން ކުރާނެ ކަމެއްނޫން. މި ރާއްޖެ ތަރައްޤީ ކުރެވޭނީ، ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން. ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު، ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ، ކައުންސިލްތަކުގެ ކިބައިން އަޅުގަނޑު މިއަދު އެދޭ އެދުމެއް.

 

އުކުޅަހަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިން ފުރި، ގޯތި ދެވޭނެ އެއްވެސް ގޮތެއް ނެތުން. މި ރަށުން ގޯތި ނުދޭތާ މިހާރު 21 އަހަރު ވެއްޖެ. އަމިއްލަ ދިރިއުޅުމެއް ފެށި ކިތަންމެ ދެމަފިރިންނެއް، އަމިއްލަ ބޯހިޔާވަހިކަމެއްނެތި އެބަތިބި.

 

މިކަން ޙައްލު ކުރުމަށްޓަކައި، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި، މާތް ގެ ވާގިފުޅާއެކުގައި ފެށިގެންދާނެ. މި ފެށޭ އަހަރުގެ ބަޖެޓްގައި އެ މަޝްރޫއު ފެށުމަށް މިހާރު ވަނީ ބަޖެޓް ކުރެވިފައި. އަދި މި ރަށުގެ ނަރުދަމާ ނިޒާމު ނިންމުމަށް ބޭނުންވާ ފައިސާވެސް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެ.

 

އަމިއްލަ ދިރިއުޅުމެއް ފަށާއިރު، އެ މީހެއްގެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި އޮތުމަކީ، އެންމެ އަސާސީ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އެއްކަންތައް. ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މި ސަރުކާރު އުފައްދާފައި މިއޮތީވެސް، ދިވެހީންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ ހިމާޔަތްކޮށްދިނުމަށް.

 

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވާއިރު، އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި، ރައްޔިތުން މި ސަރުކާރާ މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން އަޅުގަނޑު ހަނދާނެއްނުނެތޭ. އިންސާނީ އަސާސީ ޙައްޤުތައް ކަށަވަރުކޮށްނުދެވޭނަމަ، މި ސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއްނެތް. އަޅުގަނޑު ހިތުން ނުވެސް ނޯންނާނެ.

 

ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދެނީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެވިގެން. ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސްދެނީ، އޭނާގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެވިގެން. އަނެކުންގެ ޙައްޤުތަކަށް އަރައިނުގަނެ، ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ވިސްނުން ސިކުނޑީގައި އުފެދެނީ، އިންސާނީ ކަރާމާތާއި ޙައްޤުތައް، ތިމާއަށް ޙާޞިލުވަމުންދާ ކަމުގެ ފޮނި އިޙްސާސް ކުރެވުމުން.

 

އަބުރުވެރި ތާހިރު ދިރިއުޅުމަކަށް ހުރަސްއަޅާނަމަ، އެ ޙައްޤު ހޯދުމަށް ތެދުވަންޖެހޭ. އުޖާލާ ކުރިމަގަކަށް ކުރާ އުންމީދަށް، ފަނޑު ނަމަވެސް ހިޔަންޏެއް އެޅިއްޖެނަމަ، އެ ޙައްޤުގެ ދިފާޢުގައި ވަކާލާތު ކުރަންޖެހޭނެ. ޢަދުލު އިންޞާފުގެ ޙައްޤުން މަޙްރޫމް ކުރެވޭނަމަ، އެ ޙައްޤު ކަށަވަރު ކުރުމަށް ގަދައަޅައި މަސައްކަތްކޮށް އަޑުއުފުލަންޖެހޭނެ.

 

މިދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދުށީ، މިފަދަ އެތައް ޙައްޤެއް ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތުން ހުއްޓުމެއްނެތި، ހިތްވަރާއެކު ކުރަމުން އައި އަގުނުކުރެވޭވަރުގެ ބުރަ މަސައްކަތްތައް. ދިވެހި އެތައް ރައްޔިތުންނެއް އެކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ. އަޅުގަނޑުމެން  މިއަދު ވެރިކަމުގައި މިތިބީ ދިވެހި ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް.

 

ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އެ ފުރުޞަތު ދެއްވައިފީމު. މާތް ގެ ވާގިފުޅާއެކު، އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މި އަރުވަނީ، މި ސަރުކާރަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިންޖަހާނޭ ސަރުކާރެއް ނޫންކަން. އަޅުގަނޑުގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ، ރައްޔިތުންގެ އިންސާނީ ޙައްޤުތައް. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެފަހު ދުވަހާ ޖެހެންދެންވެސް ދެމިއޮންނާނީ، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި.

 

އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. ކޮންމެ ޤައުމެއްގެވެސް ޙަޤީޤީ މިނިވަންކަމަކީ ރައްޔިތުންގެ މިނިވަންކަން. މިނިވަންކަމުގެ ޙަޤީޤީ މާނައަކީ، ވީ ކޮންމެ ތަނެއްގައި އަދި ވީ ކޮންމެ ޙާލެއްގައިވެސް، އިންސާނީ ޙައްޤުތަކުގެ ސިޔާދަތު ދެމިއޮތުން.

 

އަޅުގަނޑުމެންގެ ސަރުކާރުގައި، ޖަލުތަކުގައިވިޔަސް އަދި އެނޫން ތަންފީޒީ އިދާރާއެއްގެ ތެރޭގައިވިޔަސް، އިންސާނީ ކަރާމާތްތެރިކަމާއި، އިންސާނީ ޙައްޤުތައް ނިގުޅައިގަންނާކަށް ފުރުޞަތެއް ނުދެވޭނެ. މި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެގޮތުގެ މަތިން.  ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކަން މިއަދު ކަށަވަރުކޮށްދެން.

 

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މުހިއްމު ޙައްޤުތައް، މިދިޔަ ފަސް އަހަރުގެ ތެރޭގައިވަނީ ނިގުޅައިގެންފައި. ސުލްޙްވެރިކަމާއެކުގައި އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިވަނީ އިންތިހާއަށް ހަނިކޮށްފައި. ނޫސްވެރިކަމުގެ މިނިވަންކަން އައީ ނެތިކޮށްލަމުން.

 

ނޫސްވެރިކަމުގެ މިނިވަންކަމާބެހޭ ބައިނަލްއަޤްވާމީ  ޖަމްޢިއްޔާ، ރިޕޯޓަރސް ވިތައުޓް ބޯޑަރޒް އިން މިއަހަރު އާންމުކޮށްފައިވާ ޕްރެސް ފްރީޑަމް އިންޑެކްސްގައި، 180 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ ލިސްޓްކޮށްފައިވަނީ 120 ވަނައިގައި. އެއީ މިދިޔަ އަހަރާ ބަލާއިރު، ތިން ދަރަޖައިގެ ވެއްޓުމެއް.

 

މި އިންޑެކްސްގައި، 2012 ވަނަ އަހަރުން ފެށިގެން ރާއްޖެވަނީ އެތައް ދަރަޖައެއް ފަހަތަށް ގޮސްފައި. އެ ޖަމުޢިއްޔާ އިން ސިފަކުރާގޮތުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މާޙައުލު މިހާރު އޮތީ ވިހަވެފައި. ސިޔާސީ ޕާޓީތަކުގެ ހިންގުމާއި، ފަރުދުންގެ މިނިވަންކަން ހިފަހައްޓަމުން. ޖަލުތަކުގެ ޙާލަތު އެތައް ގުނައަކުން ދަށަށްދިޔަ. ޝަރުޢީ ކޯޓުތަކުން އިންޞާފު ލިބިގަތުމުގެ ޙައްޤު، ރައްޔިތުންނަށް ގެއްލިގެންދިޔަ.

 

ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދިވެހިރާއްޖެއަކީ ޑިމޮކްރަސީއެއް ނޫންކަމުގައި ނިންމުން. މިފަދަ ކަންކަން ބަލައި ދިރާސާ ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން ނިންމާފައިވަނީ، ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިނުކުރާ ޕާޝަލީ ފްރީޤައުމެއްގެ ގޮތުގައި.

 

ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްގެން ނޫނީ އަޅުގަނޑުމެން މި އެދޭ ދިވެހިރާއްޖެއެއް ބިނާކުރެވޭނެ ކަމުގައި އަޅުގަނޑު ނުދެކެން. ރައްޔިތުން އެދޭގޮތަކީ ސަރުކާރު ނުރުހޭ ކަމެއް ކަމުގައިވިޔަސް، އެ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ އެއްވެސް ޙައްޤެއް ހަންޏެއްނުކުރެވޭނެ. އެއީ ގޯހެއް.

 

ވަގުތީ ބޭނުމަކަށްވިޔަސް، ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތައް ހަނިކުރުމުން، މުޅި ނިޒާމު ގަޑުބަޑުވެގެންދޭ. މިއީ އަޅުގަނޑު ވެރިކަން ކުރަން އެދޭ ގޮތެއް ނޫން. މި ސަރުކާރުން ކުރާ ކަންތައްތަކާމެދު ފާޑުކިޔުމުގެ ފުރުޞަތު އަބަދުވެސް ރައްޔިތުންނަށް އޮންނާނެ. ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުވެސްކޮށްދޭނެ.

 

އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ މި ދުވަހު އަޅުގަނޑު ދައްކާ ވާހަކައިގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބުނުކަން ހާމަކުރެވޭނެ. އަދި ޑިމޮކްރެޓިކް ހަމަތައް ހަރުދަނާވެ، ފްރީޑަމް ހައުސްއާއި، ރިޕޯޓަރޒް ވިތައުޓް ބޯޑަރޒްގެ އިންޑެކްސްތަކުގައި ދިވެހިރާއްޖެ އެތައް ދަރަޖައެއް ކުރިއަރާނެ.

 

އިންސާނީ ޙައްޤުތަކާ ގުޅޭ ޤައުމީ އޮނިގަނޑު، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު މިހާރު އެކުލަވައިލަމުން އަންނަކަމީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން. އަދި މި އޮނިގަނޑު ޤައުމީ އެކިއެކި އިދާރާތަކާއެކު މަޝްވަރާކުރެވި އެކުލަވައިލުމަށްފަހު ތަންފީޒުކުރެވެން ފެށުމަކީ، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް.

 

ތަރައްޤީއާ ނުލައި، ޞުލްހަމަސަލަސްކަން ދެމިއެއްނޯންނާނެ. ޞުލްހަމަސަލަސްކަމާ ނުލައި، ތަރައްޤީވެސް ދެމިއެއްނޯންނާނެ. ހަމައެފަދައިން، ދާއިމީ ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއަކީ، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައިގެން މެނުވީ ޙާޞިލުކުރެވޭނެ ކަންކަމެއްނޫން. އެންމެ މީހެއްގެ ވިޔަސް، ޙައްޤުތައް ނުރައްކަލަކަށް ހުށަހެޅިއްޖެނަމަ، އެންމެންގެ ޙައްޤުތައް އެވަނީ ނިގުޅައިގަނެވިފައި.

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިތައި، އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރާ ބަޔަކު ކަމުގައި ލެއްވުން. މި ރާއްޖެ އަބަދުގެ އަބަދަށް ތިޔާގިކަމާއި ފާގަތިކަމުގައި ލައްވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް ލިބުން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.