بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ އިސްވެރިން، ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިސްވެރިން، ޕާރލޭ މޯލްޑިވްސްގެ އިސްވެރިން އަދި އަޅުގަނޑާއެކު ރައީސް އޮފީހުގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުން، އަދި ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން.

 

    السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އަޅުގަނޑު ހަވާލުވި ފަހުން މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމަށްވާތީ، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް އަރިސްކުރުން. އަދި އޮފީހުގެ މުވައްޒަފުންނަށް ހިތުގެ އަޑިން މަރްޙަބާ ދެންނެވުން.

 

އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މިއަދު ހުއްޓާލާއިރު މިއީ، ތިމާވެށި ރައްކާތެރިކުރުމާއި ޙިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން.

 

އާދެ، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ، އަޅުގަނޑުމެންގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ ޤުދުރަތީ ވަސީލަތްތަކެއް.  ނިސްބަތުން އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ނަމަވެސް، ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް އޮތީ ރާއްޖޭގައި. އެއީ 4500 އަކަ ކިލޯމީޓަރު. އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިއްމު ދެ ޞިނާޢަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަންވެސް ބަރޯސާވެފައި ވަނީ މި ދެންނެވި ޤުދުރަތީ ވަސީލަތްތަކަށް.

 

ނަމަވެސް އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތަކާމެދު އަޅުގަނޑުމެންނަށް ވަނީ ކޮންމެވެސް ވަރަކަށް ފަރުވާކުޑަކުރެވިފައި. މިގޮތުން ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ، ކަނޑަށް އެޅޭ ކުނި ގިނަވުން. ކަނޑަށް މި އެޅޭ ކުނީގެ ތެރެއިން، ނިސްބަތުން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކް. މި ޕްލާސްޓިކްތައް ކަނޑުގައި އުޅޭ މަސްމަހާމެހި ކައި ހަދާ. އަދި އޭގެ ވިހަ މާއްދާތައް، މަހުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ފުޑްޗެއިން ނުވަތަ ކާތަކެތީގެ ތެރެއަށް ވަދޭ.

 

ރާއްޖެގެ ރީތި ގޮނޑުދޮށްތަކާއި ޖަޒީރާވަންތަ ޤުދުރަތީ ވަސީލަތްތަކަކީ، އަޅުގަނޑުމެންގެ ދިރުންކަމަށްވީނަމަވެސް، ޕްލާސްޓިކް ކުނީގެ ނޭދެވޭ އަސަރުވަނީ ރާއްޖެއަށްވެސް ކޮށްފައި. ތަފާސްހިސާބުތަކުން ބަލާނަމަ ދުވާލަކަށް ރާއްޖޭގެ ކަނޑުތަކަށް 860 މެޓްރިކް ޓަނުގެ ކުނި އަޅާ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް އަޅުގަނޑުމެން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް. ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅިތަކާއި، ތަކެތި ބަންދުކުރަން ގެންގުޅޭ ޕްލާސްޓިކް ރެޕިންގްސް މީގެތެރޭގައި ހިމެނޭ. ހަމައެކަނި މާލޭގައިވެސް ދުވާލަކަށް 280،000 ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ. މި ފުޅިތަކަކީ ނަންބަޔޯޑިގްރޭޑަބަލް ނުވަތަ ފަސޭހައިން ފަނާވެގެންދާ ބާވަތުގެ އެއްޗިއްސެއްނޫން. އަދި އެތަކެތީގެ ބޮޑުބައެއް ނިމިގެންދަނީ ކަނޑަށް. އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނޭދެވޭ އެތައް އަސަރެއް ކުރޭ.

 

މިކަމަށް އޮތް ޙައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން. އިސްރާފު ނުކުރުމާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަށް ބޭނުންކުރުން. ނަން ބަޔޯޑިގްރޭޑަބަލް ނުވަތަ އުކާލުމުން އަވަހަށް ފަނާނުވާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން. އެހެންކަމުން، އިޢާދަ ނުކުރެވޭފަދަ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ގެންގުޅުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަޅުގަނޑުމެން މިއަދު ހުއްޓާލަނީ މި ދެންނެވި ސަބަބުތަކަށްޓަކައި. އަދި އޭގެ ބަދަލުގައި މި ތަޢާރުފު ކުރަނީ މަލްޓި-ޔޫސް ފުޅިއާއި، އެއްފަހަރަށްވުރެ ގިނައިން ބޭނުން ކުރާ ކޮތަޅު.

 

އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި، އެއްފަހަރު ބޭނުންކޮށްފައ އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން.

 

 މިއަދު މި ފެށި ހަރަކާތަކީ ޕްލާސްޓިކުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން. މި ފުރުޞަތުގައި މިކެމްޕެއިން ހިންގެވުމުގައި އުޅުއްވައިދެއްވާ ހުރިހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށާއި، ވެދެއްވި އެހީއަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މުސްތަޤްބަލުގައި މި ޕްރޮގްރާމްތައް އެހެން އޮފީސްތަކުގައި ހިންގެވުމުގައި އެފަރާތްތަކުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން.

 

މާތް ﷲ އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތައް އަބަދަށްމެ ދަމަހައްޓަވައި، އެ ރިޒުޤް ހެޔޮގޮތުގައި ބޭނުންކުރުމަށް އަޅުގަނޑުމެން އެންމެންނަށް ވާގިދެއްވާށި! އާމީން.

 

          والسّلام عليــكم ورحـمــة اللّـه وبـركاتـه.